Roadha Mihaaru
"ޗާޓު ވިއްކުމުން ރާއްޖެ، އިންޑިއާއަށް ފައިދާލިބޭނެ"

ޗާޓު ވިއްކާ އެއްބަސްވުމުން އިންޑިއާ އާއި ރާއްޖެއަށް ފައިދާ ކުރާނެ: އެމްއެންޑީއެފް

13 ނޮވެމްބަރ 2021

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ޗާޓުތައް ކުރަހައި، ވިއްކުމާ ބެހޭގޮތުން ހެދި ހައިޑްރޯގްރަފީ އެއްބަސްވުން ހެދީ އިންޑިއާ އާއި ރާއްޖެއަށް ފައިދާ ލިބޭ ގޮތަށް ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ޗާޓުތައް ކުރަހައި، ވިއްކުމާ ބެހޭގޮތުން ހެދި ހައިޑްރޯގްރަފީ އެއްބަސްވުން ހެދީ އިންޑިއާ އާއި ރާއްޖެއަށް ފައިދާ ލިބޭ ގޮތަށް ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

ހައިޑްރޯގްރަފީ ސާވޭ އެއްބަސްވުމާއި ޑޯނިއާ މަތިންދާބޯޓުގެ އެއްބަސްވުން އިންޑިއާއާ އެކު ހެދުމާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމެޓީގައި ވާހަކަ ދައްކަވަމުން އެމްއެންޑީއެފްގެ ލެފްޓިނެންޓް ކާނަލް ހަސަން އާމިރު ވިދާޅުވީ އެއްބަސްވުން ގާއިމްކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ދެ ގައުމުން ސޮއިކުރި ޑިފެންސް ކޯޕަރޭޝަން އެއްބަސްވުމުގެ ދަށުން ކަމަށެވެ. އަދި އޭރު ދެ ގައުމުން އެއްބަސްވީ ދެ ގައުމުން ހަމަހަމަ އުސޫލުން ފައިދާވާނެ ގޮތަށް އަދި ގާނޫނީ އިމުގެ ތެރެއިން ކަމަށާއި އެހެންވެ، ސާވޭއަށް ފަހު ރާއްޖޭގެ ޗާޓު ބޭރު ގައުމުތަކަށް ވިއްކުމުން ރާއްޖެއަށް އާމްދަނީ ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޭރު ފަރާތަކަށް ވިއްކާ ކަމަށް ވަންޏާ އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް އެބަ ޕޭ ކުރޭ ރޯޔަލްޓީގެ ގޮތުގައި 25 ޕަސެންޓް. ވެލުއޭޓެޑް ޓެކްސްއެއްގެ ތެރެއިން ވިއްކިޔަސް، 25 ޕަސެންޓް ރޯޔަލްޓީ އަޅުގަނޑުމެންނަށް އެބަ ލިބޭ. އަޅުގަނޑުމެންނާ ގުޅިގެން އެކަމަކު އިންޑިއާގެ ވަރަށް ބޮޑު އެހީތެރިކަމާ އެކު އެ މީހުން ޗާޓް ޕްރޮޑިއުސްކޮށް، ޗާޓު ވިއްކައިގެން އަނެއްކާވެސް އޭގެ ކެޓަލޮގް ޕްރައިސް އިން އަޅުގަނޑުމެންނަށް 35 ޕަސެންޓް އެބަ ލިބޭ." އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެއްބަސްވުމުގައި ސޮއި ކުރިޔަސް، އެހެން ގައުމަކާ ގުޅިގެން ވެސް އެފަދަ ސާވޭއެއް ހެދުމަކަށް ހުރަހެއް ނެތެވެ. އަދި ސާވޭ ހެދޭނީ ވެސް ދިވެހި ސިފައިން ތިބެގެން ކަމަށާއި އެކަމަށް އިންޑިއާ މީހުން ރާއްޖެ އާދެވޭނީ ވެސް ސަރުކާރުގެ ހުއްދަ ލިބިިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މީހުން ތިބެގެން ސާވޭ ކުރިއަށް ގެންދެވޭނީ. އެއީ އަޅުގަނޑުމެންގެ މީހުން ޓްރެއިން ކުރުމާ ސާވޭ ކުރުން މި ޕްރޮވިޝަންގެ ތެރޭގައި ހިމެނިފައިވާތީ." އާމިރު ވިދާޅުވި އެވެ.

އާމިރު ރާއްޖޭގައި ހައިޑްރޯގްރަފީ ސާވޭއެއް މުހިންމު ކަމަށާއި އެގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުތަކުގެ ރައްކާތެރިކަމާއި ކަނޑުގެ މުއްސަނދިކަން ލިބިގަތުމަށްޓަކައި އެފަދަ ސާވޭއެއް އޮންނަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކަނޑުމަތީގެ ހާދިސާއެއް ދިމާވިޔަސް، ވަގުތުން އެހީ ފޯރުކޮށް ދިނުމަށާއި އަދި ބޭރުގެ ބޮޑެތި ބޯޓުތައް ރާއްޖޭގެ ސަރަހައްދަށް ވަދެ ނިކުތުން ފަދަ ކަންކަމަށް ވެސް އެފަދަ ސާވޭއެއް މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ބޭނުންކުރާ ކަނޑުގެ ޗާޓުތަކަކީ 19 ވަނަ ގަރުނުގައި އިނގިރޭސިން ތައްޔާރުކުރި ޗާޓުތަކެއް ކަމަށާއި އެކަމަކު ކަނޑުގެ ސަރަހައްދަށް އައިސްފައިވާ ބަދަލުތަކާ ހެދި، މިހާރު އެ ޗާޓުތަކަކީ އެންމެ ފުރިހަމަ ޗާޓުތަކެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރާއްޖެ ސަރަހައްދުން ދަތުރުކުރާ ބޭރުގެ ކަނޑު އުޅަނދުތަކަށް ރައްކާތެރިކަމާ އެކު ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަކީ ބައިނަލްއަގްވާމީ މުއާހަދާތަކުގެ ދަށުން ކުރަންޖެހޭ ކަމަކަށް ވާތީ އެއީ މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ސުވާލު ކުރެއްވީ ޗާޓުތަކުގެ މިލްކުވެރިކަން އިންޑިއާއިން ލިބޭ ގޮތަށް ހެދީ ކީއްވެގެންތޯ ވިދާޅުވެ އެވެ. އަދި ރާއްޖޭގެ ކަނޑުގެ މުއްސަނދިކަމާ ބެހޭ މައުލޫމާތު ބޭރުގެ ފަރާތްތަކަށް ނުލިބޭނެ ކަން ކަށަވަރު ކުރާނީ ކިހިނެތްތޯ އާއި އެންމެ 25 ޕަސެންޓްގެ ރޯޔަލްޓީއަކަށް އެއްބަސްވީ ކީއްވެގެންތޯ ވެެސް އޭނާ ސުވާލު ކުރެއްވި އެވެ.

ކޯސްޓްގާޑްގެ ކޮމަޑާންޓް މުހައްމަދު ސަލީމް ވިދާޅުވީ ހައިޑްރޯގްރަފީ ސާވޭގެ ބޭނުމަކީ ނެވިގޭޝަނަށް ބޭނުންވާ ޗާޓުތައް ކުރެހުން ކަމަށާއި އެކަން ކުރެވެނީ ބައިނަލްއަގްވާމީ މިންގަނޑުތަކެއްގެ ތެރެއިން ކަމަށެވެ. އަދި މީގެކުރިން ވެސް އެފަދަ ސާވޭތަކެއް އިިނގިރޭސިވިލާތާ ގުޅިގެން ހެދި ކަމަށާއި އޭގެ ޗާޓުތައް މިހާރު ވެސް ވިއްކަމުން ދިޔަޔަސް، އެ ތަކެތިން ރާއްޖެއަށް އާމްދަނީ ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސާވޭ ހެދޭނެ ސަރަހައްދުތައް ކަނޑައެޅުމުގެ ބާރު ދިވެހި ސަރުކާރަށް އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޕްރިއޮރިޓީ ދޭ ތަންތަނަށް ޗާޓުތައް އުފައްދަމުން މި އަންނަނީ. އަޅުގަނޑުމެން ބޭނުން ގޮތަކަށް އެކަން ލިމިޓް ކުރެވޭނެ. އަޅުގަނޑުމެންގެ ކޮމިޝަނެއްގެ ތެރެއިން ސަރުކާރުގެ ވަރަށް ގިނަ އިދާރާތަކާ ގުޅިގެން ކަނޑައަޅާ ތަންތަނެއް ސާވޭ ކުރުމުގެ މަސައްކަތް ކުރިއަށް މި ގެންދަނީ." އޭނާ ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ވިދާޅުވީ އެ އެއްބަސްވުމުގައި ސޮއިކުރިތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު މިހާތަނަށް ސާވޭކުރީ ދެ ސަރަހައްދެއް ކަމަށެވެ. އަދި އެއީ ކަނޑުދަތުރުފަތުރާއި ސަލާމަތާ ގުޅޭ ކަންކަމަށް މުހިިންމު ސާވޭއެއް ކަމަށް އޭނާ ވިދާޅުވި އެވެ.