Roadha Mihaaru
އިމްޕޯޓާއި އެކްސްޕޯޓުން ލިބުނު އާމްދަނީ ދަށަށް

އިމްޕޯޓާއި އެކްސްޕޯޓުން ލިބުނު އާމްދަނީ ދަށަށް

16 ނޮވެމްބަރ 2020

މިދިޔަ މަހު އިމްޕޯޓާއި އެކްސްޕޯޓުން ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާ ބަލާއިރު 41 ޕަސެންޓް ދަށްވެއްޖެ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މިދިޔަ މަހު އިމްޕޯޓާއި އެކްސްޕޯޓުން ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާ ބަލާއިރު 41 ޕަސެންޓް ދަށްވެއްޖެ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ކަސްޓަމްސް އިން ނެރުނު ތަފާސްހިސާބު ދައްކާގޮތުގައި މިދިޔަ މަހު އިމްޕޯޓާއި އެކްސްޕޯޓުން ލިބުނީ 174 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނީ 295 މިލިއަން ރުފިޔާ އެވެ.

މިދިޔަ މަހު ރާއްޖޭގެ އެކްސްޕޯޓު ވަނީ މިދިޔަ އަހަރާ އަޅާ ބަލާއިރު އިތުރުވެފަ އެވެ. އެގޮތުން، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު 289 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓު ކޮށްފައިވާއިރު މިދިޔަ މަހު ވަނީ 305 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓު ކޮށްފަ އެވެ.

އެކްސްޕޯޓު އިތުރުވެފައިވާއިރު އިމްޕޯޓު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. މިދިޔަ މަހު 2.1 ބިލިއަން ރުފިޔާގެ މުދާ އެތެރެ ކުރި އިރު މިދިޔަ އަހަރުގެ މި މުއްދަތުގައި އެތެރެ ކޮށްފައިވަނީ 4.2 ބިލިއަން ރުފިޔާގެ މުދަލެވެ. މިއީ 51 ޕަސެންޓުގެ ދަށްވުމެކެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އޮމާން އާއި އިންޑިއާ އަދި ޗައިނާއިންނެވެ. އެގޮތުން، އޮމާން އިން 287 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އިންޑިއާ އިން 270 މިލިއަން އަދި ޗައިނާއިން 261 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފަ އެވެ.