Roadha Mihaaru
500 ކިލޯގެ އަންހެނާގެ އޮޕަރޭޝަން އިންޑިއާގައި ކުރަނީ

500 ކިލޯގެ އަންހެން މީހާގެ އޮޕަރޭޝަން އިންޑިއާގައި ކުރަނީ

08 ޑިސެމްބަރ 2016

މުމްބާއީ (ޑިސެމްބަރު 8) - ދުނިޔޭގެ އެންމެ ފަލަ އަންހެން މީހާގެ ގޮތުގައި ބެލެވޭ މިސްރުގެ އީމާން އަހުމަދު އަބްދުލް އާތީގެ ބަރުދަން ލުއި ކުރުމުގެ އޮޕަރޭޝަން އިންޑިއާގައި ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

މުމްބާއީ (ޑިސެމްބަރު 8) - ދުނިޔޭގެ އެންމެ ފަލަ އަންހެން މީހާގެ ގޮތުގައި ބެލެވޭ މިސްރުގެ އީމާން އަހުމަދު އަބްދުލް އާތީގެ ބަރުދަން ލުއި ކުރުމުގެ އޮޕަރޭޝަން އިންޑިއާގައި ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އުމުރުން 36 އަހަރުގެ އީމާންގެ ބަރުދަނުގައި 500 ކިލޯ ހުރެ އެވެ. އޭނާ މުމްބާއީ އަށް ގެންދަން ހަމަޖެހިފައި ވަނީ ޗާޓަރު މަތިންދާ ބޯޓެއްގަ އެވެ. އިމާންގެ އޮޕަރޭޝަން ކުރަން ހަމަޖެހިފައި ވަނީ ޑޮކްޓަރު މުއްފަޒަލް ލަކްދަވާލާ އެވެ.

އީމާން އަށް ވިސާ ދިނުމަށް ގާހިރާގައި ހުންނަ އިންޑިއާ އެމްބަސީން ފުރަތަމަ ވަނީ ދެކޮޅު ހަދައިފަ އެވެ. ނަމަވެސް ހޮސްޕިޓަލުގައި އޮންނަވައިގެން ކިޑްނީ އަށް ފަރުވާ ހޯއްދަވަމުންދާ އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖަށް ޑޮކްޓަރު ޓްވީޓް ކުރުމާ އެކު ވިސާގެ ކަންތައް ވަނީ ހަމަޖެހިފަ އެވެ.

ބަރުދަނުގައި 500 ކިލޯ ހުރި މިސްރުގެ މި އަންހެން މީހާ ބަރުވުމުގެ ސަބަބުން އޮތް ތަނުން އަމިއްލަ އަށް ހިއްލާވެސް ނުލެވޭ.

ބަރުދަނުގައި 500 ކިލޯ ހުރި މިސްރުގެ މި އަންހެން މީހާ ބަރުވުމުގެ ސަބަބުން އޮތް ތަނުން އަމިއްލަ އަށް ހިއްލާވެސް ނުލެވޭ.

އީމާން އާދަޔާޚިލާފަށް ބަރުވުމުން އޭނާ އަށް ގެއިން ބޭރަކަށް ނުދެވެ އެވެ. އީމާންގެ އާއިލާ އިން ބުނި ގޮތުގައި އޭނާ ގެއިން ބޭރަށް ނުނިކުންނަތާ ވެސް 25 އަހަރުވެއްޖެ އެވެ. އޭނާގެ ބަރުދަނުގެ މައްސަލަ އަށް މިސްރުގެ ހޮސްޕިޓަލްތަކުން ހައްލެއް ހޯދިފައެއް ނުވެ އެވެ.

އީމާންގެ ބަރުދަނުގައި 500 ކިލޯ ހުރި ނަމަ އޭނާ އަކީ ދުނިޔޭގެ އެންމެ ބަރު އަންހެނާ އެވެ. އެންމެ ބަރު މީހާގެ ދުނިޔޭގެ ރެކޯޑް އޮންނަނީ އެމެރިކާ މީހެއް ކަމަށްވާ ޕޯލިން ޕޮޓާގެ އަތުގަ އެވެ. އޭނާގެ ބަރުދަނުގައި 292 ކިލޯ ހުރި ކަމަށް 2010 ވަނަ އަހަރު ވަނީ ރެކޯޑް ކޮށްފަ އެވެ.

ބަރުދަން ލުއިކުރުމުގެ އޮޕަރޭޝަންތައް މީގެ ކުރިން ކޮށްފައިވާ އިންޑިއާގެ ޑޮކްޓަރު ލަކްދަވާލާ ބުނީ އީމާންގެ މެޑިކަލް ރިޕޯޓްތަކާއި އޭނާގެ ފޮޓޯތަކަށް ބަލާއިރު އީމާންގެ ބަރުދަނުގައި 450 ކިލޯ ހުންނާނެ ކަމަށް ބެލެވޭ ކަމަށެވެ.

އީމާންގެ އާއިލާ އިން ބުނީ އޭނާ ވިހޭއިރު ވެސް ބަރުދަނުގައި 5 ކިލޯ ހުރި ކަމަށެވެ. އަދި އުމުރުން 11 އަހަރުން ފެށިގެން އޭނާގެ ބަރުދަން އާދަޔާޚިލާފަށް އަވަހަށް އިތުރުވަމުން ދިޔަ ކަމަށް ވެސް ބުނެފައިވެ އެވެ.

ޑޮކްޓަރު ލަކްދަވާލާ ބުނީ އީމާންގެ ދައްތަ އޭނާއާ ގުޅީ އޮކްޓޯބަރު މަހު ކަމަށެވެ. އަދި އީމާންގެ އާއިލާގެ ހާލަތު ހުރި ގޮތުން އޭނާ މުމްބާއީ އަށް ގެންދިއުމަށް ފައިސާ ހޯދުމުގެ މަސައްކަތް ފެށި ކަމަށް ވެސް ޑޮކްޓަރު ބުންޏެވެ.

މިސްރުގެ އަންހެން މީހާގެ ބަރުދަން ލުއި ކުރުމުގެ އޮޕަރޭޝަން ކުރުމަށް އަންނަ ހަފުތާގައި އިންޑިއާ އަށް ގެންދާނެ.

މިސްރުގެ އަންހެން މީހާގެ ބަރުދަން ލުއި ކުރުމުގެ އޮޕަރޭޝަން ކުރުމަށް އަންނަ ހަފުތާގައި އިންޑިއާ އަށް ގެންދާނެ.

"ރަސްމީ ކަންކަން ނިމުމުން އޭނާ އަންނަ ހަފުތާއި މުމްބާއީ އަށް ގެނެވޭނެ ކަމަށް ބަލަނީ. އޭނާ ދެ ތިން މަސް ދުވަހު މުމްބާއީގައި މަޑު ކުރަން ޖެހޭނެ. އެކަމަކު އޭނާގެ ބަރުދަން 100 ކިލޯ އަށް ވުރެ ދަށް ކުރަން ދޭއް ނުވަތަ ތިން އަހަރުވަރު ނަގާނެ،" ލަކްދަވާލާ ބުންޏެވެ.

އީމާންގެ ދަައްތަ ޝަޔާމާ އަހުމަދު އަބްދުލާތީ އަލް އަރަބިއާ އަށް ބުނެފައި ވަނީ އާއިލާގައި ތިބެނީ އެ ދެ ދެބެންނާއި މަންމަ ކަމަށެވެ. އަދި ބައްޕަ ވަނީ މަރުވެފައި ކަމަށް ބުންޏެވެ. އެހެންވެ އީމާން އަށް އެހީތެރިވެދެނީ މަންމަ އާއި އޭނާ ކަމަށް ބުންޏެވެ. ކާން ދިނުމާއި ފާޚާނާ އަށް ގެންގޮސް ދިނުމާއި އޭނާ ކައިރީ ވަގުތު ހޭދަކުރަނީ މަންމަ އާއި އޭނާ ކަމަށް ވެސް ޝަޔާމާ ބުންޏެވެ.

ޝަޔާމާ ބުނީ އީމާން އެންމެ ފުރަތަމަ ދެ އަތް ބޭނުންކޮށްގެން ހަރަކާތް ކުރި ކަމަށެވެ. އަދި އުމުރުން 11 އަހަރުގައި އޭނާ ފިރުކުނު ކަމަށް ވެސް ބުންޏެވެ. އެކަމަކު އޭރު ވެސް ގެއިން ބޭރަށް ނުދެވޭ ކަމަށް ބުންޏެވެ. އީމާން އަށް ހަރަކާތް ނުކުރެވޭ ހިސާބަށް ދިޔައީ ސްޓްރޯކެއް ޖެހުނު ހިސާބުން ކަމަށް ވެސް ޝަޔާމާ ބުންޏެވެ.

އީމާންގެ އާދަޔާޚިލާފަށް ފަލަވެ ބަރުދަން އިތުރުވުމުގެ ސަބަބުން ވަނީ ފަށާ ތައުލީމަށް ފަހު ކިޔަވަން ދިއުމުން ވެސް މަހްރޫމްވެފަ އެވެ.