Roadha Mihaaru
އެންމެ ބަރު މީހާގެ ބަރުދަނުން 242 ކިލޯ ލުއިވެއްޖެ

އެންމެ ބަރު މީހާގެ ބަރުދަނުން 242 ކިލޯ ލުއިވެއްޖެ

12 އެޕްރީލް 2017

މުމްބާއީ (އެޕްރީލް 12) - ދުނިޔޭގެ އެންމެ ބަރު މީހާގެ ބަރުދަން ލުއި ކުރުމަށް އިންޑިއާ އަށް ގެންގޮސް ފެށި ފަރުވާ ކާމިޔާބުވަމުން އަންނަ ކަމަށާއި އޭނާގެ ބަރުދަނުން މިހާރު 242 ކިލޯ ލުއިވެއްޖެ ކަމަށް ފަރުވާ ދޭ ޑޮކްޓަރު ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

މުމްބާއީ (އެޕްރީލް 12) - ދުނިޔޭގެ އެންމެ ބަރު މީހާގެ ބަރުދަން ލުއި ކުރުމަށް އިންޑިއާ އަށް ގެންގޮސް ފެށި ފަރުވާ ކާމިޔާބުވަމުން އަންނަ ކަމަށާއި އޭނާގެ ބަރުދަނުން މިހާރު 242 ކިލޯ ލުއިވެއްޖެ ކަމަށް ފަރުވާ ދޭ ޑޮކްޓަރު ބުނެފި އެވެ.

އުމުރުން 36 އަހަރުގެ މިސްރުގެ އީމާން އަހުމަދަށް ފަރުވާ ދިނުމަށް މުމްބާއީ އަށް ގެންދިޔަ އިރު އޭނާގެ ބަރުދަނުގައި 500 ކިލޯ ހުއްޓެވެ.

އީމާން އަށް ފަރުވާ ދޭ މަޝްހޫރު ބެރިއޭޓްރިކް ސާޖަން މުއްފަޒަލް ލަކްދަވާލާ އިއްޔެ ވިދާޅުވީ އީމާން އަށް މިހާރު ދޭ ފަރުވާގެ ސަބަބުން އޭނާގެ އަމިއްލަ ފައިމައްޗަށް ތެދުވެ ހުރެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ. ސިއްހީ ދާއިރާގައި ޑރ. ލަކްދަވާލާ ކުރައްވާ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން އޭނާ އަށް އިއްޔެ ވަނީ "މޭން އޮފް ދި އިޔާގެ" އެވޯޑް ދީފަ އެވެ. އެވޯޑާ ހަވާލުވުމަށް ފަހު ޑރ. ލަކްދަވާލާ ވަނީ އީމާންގެ ބަރުދަނުން 242 ކިލޯ ލުއިވިކަން އިއުލާން ކުރައްވައިފަ އެވެ.

ފަރުވާ ދިނުމަށް އިމާން މުމްބާއީ އަށް ގެންދިޔައީ ފެބްރުއަރީ 11 ވަނަ ދުވަހު އެވެ. ދިޔާ ތަކެތި ދިނުމާއި ފިޒިއޮތެރަޕީ ހައްދައިގެން އޭނާގެ ބަރުދަނުން މަސް ދުވަސްތެރޭ ވަނީ 100 ކިލޯ ލުއިކޮށްފަ އެވެ. މާޗް 7 ވަނަ ދުވަހު ވަނީ ލެޕަރޮސްކޯޕިކް ސްލީވް ގެސްޓްރެކްޓޮމީ ސާޖަރީއެއް ހަދައިފަ އެވެ. މާޗް 29 ވަނަ ދުވަހު އީމާންގެ ބަރުދަން ހުރީ 340 ކިލޯގަ އެވެ. ތޭރަ ދުވަސް ތެރޭ އީމާންގެ ބަރުދަނުން 98 ކިލޯ ލުއިވިކަން ޑޮކްޓަރު އިއުލާން ކުރެއްވުމުން ގިނަ ބަޔަކަށް ވަނީ ހައިރާންކަން ލިބިފަ އެވެ. ބެރިއޭޓިކް ސާޖަރީ އަށް ފަހު ކުރިއަށް އޮތް ދެކޮޅު އަހަރެއްހާ ދުވަހު ތެރޭ އީމާންގެ ބަރުދަން 150 ކިލޯ އަށް ދަށް ކުރެވޭނެ ކަމަށް ޑޮކްޓަރުންގެ ޓީމުން އުއްމީދު ކުރެ އެވެ.

އީމާންގެ ބަރުދަން ލުއިވާން ފެށުމުން އޭނާގެ ހިތާއި ކިޑްނީ އަދި ފުއްޕާ މެ އާއި ފްލުއިޑް ލެވެލް މިހާރު ވަނީ ކޮންޓްރޯލް ލެވެލްއެއްގައި ކަމަށް ޑޮކްޓަރުން ބުނެ އެވެ. އެކަމަކު މީގެ ތިން އަހަރު ކުރިން ޖެހުނު ސްޓްރޯކެއްގެ ސަބަބުން އީމާންގެ ކަނާތް ފަރާތް ވަނީ ޕެރަލައިޒްވެފަ އެވެ.

އީމާން އަށް ފަރުވާ ދެނީ މުމްބާއީގެ ސައިފީ ހޮސްޕިޓަލުގަ އެވެ. އޭނާގެ ޖީން ޓެސްޓް ހަދާފައި ވަނީ އެމެރިކާގަ އެވެ.

އީމާންގެ އާއިލާ އިން ބުނީ އޭނާ ވިހޭއިރު ވެސް ބަރުދަނުގައި 5 ކިލޯ ހުރި ކަމަށެވެ. އަދި އުމުރުން 11 އަހަރުން ފެށިގެން އޭނާގެ ބަރުދަން އާދަޔާޚިލާފަށް އަވަހަށް އިތުރުވަމުން ދިޔަ ކަމަށް ވެސް ބުނެފައިވެ އެވެ. އޭނާ ގެއިން ނުނިކުންނަތާ ވެސް 25 އަހަރުވެއްޖެ އެވެ.