Roadha Mihaaru
ކެޕްޓަނަކީ ކޭން، އަމާޒަކީ ވޯލްޑް ކަޕް ޖާގައެއް

ކެޕްޓަނަކީ ކޭން، އަމާޒަކީ ވޯލްޑް ކަޕް ޖާގައެއް

05 އޮކްޓޯބަރ 2017

ލަންޑަން (އޮކްޓޫބަރު 5) - ވޯލްޑް ކަޕް ކޮލިފައިންގައި މިރޭ ސްލޮވީނިއާއާ ދެކޮޅަށް ކުޅޭ މެޗަށް އިންގްލެންޑް ނުކުންނާނީ މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭންގެ ކެޕްޓަން ކަމުގައި ކަމަށާއި އަމާޒަކީ ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރުކަން ކުރަން ކަމަށް އިންގްލެންޑުގެ ގަރެތު ސައުތުގޭޓް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (އޮކްޓޫބަރު 5) - ވޯލްޑް ކަޕް ކޮލިފައިންގައި މިރޭ ސްލޮވީނިއާއާ ދެކޮޅަށް ކުޅޭ މެޗަށް އިންގްލެންޑް ނުކުންނާނީ މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭންގެ ކެޕްޓަން ކަމުގައި ކަމަށާއި އަމާޒަކީ ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރުކަން ކުރަން ކަމަށް އިންގްލެންޑުގެ ގަރެތު ސައުތުގޭޓް ބުނެފި އެވެ.

އިންގްލެންޑް މި ވަގުތު ގްރޫޕް އެފްގެ އެއް ވަނައިގައި އޮތީ އަށް މެޗުން 20 ޕޮއިންޓާ އެކު އެވެ. މިރޭ އަމިއްލަ ދަނޑުގައި ސްލޮވީނިއާ އަތުން މޮޅުވެއްޖެނަމަ އިންގްލެންޑަށް އަންނަ އަހަރުގެ ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރުވާނެ އެވެ.

ކޭން ވަނީ އެންމެ ފަހުން ކުޅުނު މެޗުތަކުގައި ގައުމީ ޓީމަށާއި ޓޮޓެންހަމަށް 13 ލަނޑު ކާމިޔާބު ކޮށްދީފަ އެވެ. ސައުތުގޭޓް ބުނީ ކޭން މި ވަގުތު ހުރި ފޯމަށް ބަލާއިރު އޭނާ ހުއްޓުވަން އުނދަގޫ ވާނެ ކަމަށެވެ.

"ކޭން މި ވަގުުތު ހުރީ ރަނގަޅު ފޯމެއްގައި. އޭނާ އެކަން އެބަ ސާބިތުކޮށްދޭ ކުޅޭ ކޮންމެ މެޗަކުން. އަހަރެންގެ އުއްމީދަކީ ސްލޮވީނިއާ ކޮޅަށް އޭނާގެ ލަނޑަކުން އިންގްލެންޑަށް ވޯލްޑް ކަޕްގެ ޖާގައެއް ޔަގީންކުރުން،" ސައުތުގޭޓް ބުންޏެވެ.

އިންގްލެންޑް އެންމެ ފަހުން ކުޅުނު މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ ކޭން އާއި ލިވަޕޫލްގެ މިޑްފީލްޑަރު ޖޯޑަން ހެންޑަަސަން އެވެ. ސައުތުގޭޓް ބުނީ ކުރިއަށް ހުރި މެޗުތަކުގައި ދާއިމީ ކެޕްޓަނެއް ހޮވުމުގައި ވަކި ގޮތެއް ނިންމާނެ ކަމަށެވެ.

"ކުޅުންތެރިން ގޮވައިގެން ލީޑަޝިޕް ދެއްކޭ ކުޅުންތެރިއަކު ބޭންޑް އަޅާނީ. އަހަރެން މި ދަނީ މިކަމާ ވިސްނަމުން،" އޭނާ ބުންޏެވެ.

މިރޭގެ މެޗަށް އިންގްލެންޑަށް ކުޅޭ ޓޮޓެންހަމްގެ މިޑްފީލްޑަރު ޑެލޭ އަލީ ވަނީ ސަސްޕެންޑްވެފަ އެވެ. ފީފާއިން އޭނާ ސަސްޕެންޑް ކުރީ އެންމެ ފަހުން ސްލޮވާކިއާ އަތުން އިންގްލެންޑް މޮޅުވި މެޗުގައި އެ މެޗުގެ ރެފްރީ ކްލެމެންޓް ޓާޕިންއާ ދިމާލަށް އަތުގެ އިޝާރާތުން ހުތުރު ވައްތަރެއް ޖެއްސުމާ ގުޅިގެންނެވެ.

މި ފަހަރު އިންގްލެންޑް ޓީމުން އަލަށް ފުރުސަތު ހޯދީ ޓޮޓެންހަމަށް މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ޒުވާން މިޑްފީލްޑަރު ހެރީ ވިންކްސް އެވެ.

ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުން މިހާތަނަށް ޖާގަ ހޯދާފައިވަނީ މުބާރާތް ބާއްވާ ގައުމު ރަޝިއާގެ އިތުރުން ބްރެޒިލް، އިރާން، ޖަޕާން، މެކްސިކޯ، ބެލްޖިއަމް، ދެކުނު ކޮރެއާ އަދި ސައުދި އެރެބިއާ އެވެ.

އިންގްލެންޑާއި ސްލޮވީނިއާ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 23:45 ގަ އެވެ.