Roadha Mihaaru
ސިމާއޯ އަށް ދޭން ޖެހޭ ފައިސާ އެފްއޭއެމުން ދައްކައިފި

ސިމާއޯ އަށް ދޭން ޖެހޭ ފައިސާ އެފްއޭއެމުން ދައްކައިފި

26 ޖެނުއަރީ 2023

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗު ޕޯޗުގަލްގެ ސިމާއޯ ކޮސްޓާ އަށް ދޭން ޖެހޭ ފައިސާ އެފްއޭއެމުން ދައްކައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗު ޕޯޗުގަލްގެ ސިމާއޯ ކޮސްޓާ އަށް ދޭން ޖެހޭ ފައިސާ އެފްއޭއެމުން ދައްކައިފި އެވެ.

ގައުމީ ޓީމުގެ ހެޑްކޯޗް އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ސިމާއޯ ހަމަޖެއްސީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ރާއްޖޭގައި މަސައްކަތް ކުރި ހަތް މަހުގެ މުސާރަ ނުލިބޭތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، މައްސަލަ ފީފާ އަށް ވެއްދީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެފްއޭއެމުން ސިމާއޯ އަށް 40،000 ޑޮލަރަށް ވުރެ ބޮޑު އަދަދެއް ދައްކަން ޖެހުނެވެ. އަދި ފީފާ އިން ވަނީ 45 ދުވަހުގެ ތެރޭގައި ފައިސާ ދައްކަން އެފްއޭއެމަށް އަންގައިފަ އެވެ.

އިއްޔެ "މިހާރު" އާ ވާހަކަ ދައްކަމުން ސިމާއޯ ބުނީ، ފީފާ އިން ކަނޑައެޅި މުއްދަތުގައި އެފްއޭއެމުން އޭނާ އަށް ދޭން ޖެހޭ ފައިސާ ދައްކާފައިވާ ކަމަށެވެ.

"މިދިޔަ ހަފްތާ ރައީސް [ބައްސާމް އަދީލް ޖަލީލް] އަހަރެންނަށް ގުޅުއްވައި ފައިސާގެ ކަންތައް ހަމަޖެހޭނެ ކަމުގެ ޔަގީންކަން އެރުވި. ރައީސް ވައުދުވި ގޮތަށް އަހަރެންނަށް ވަނީ މި ހަފްތާ އެ ފައިސާ ހަމައަށް ލިބިފައި،" ސިމާއޯ ކޮސްޓާ ބުންޏެވެ.

އެފްއޭއެމް އޮތީ މާލީ ބޮޑު މައްސަލަގަނޑެއްގެ ތެރޭގަ އެވެ. ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު ޑޭވޯ ބާބާ އަށް ދޭން ޖެހޭ މުސާރައިގެ މައްސަލައެއް ފެންމަތި ވެފައި ވާއިރު، އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ގަވާއިދުން މުސާރައެއް ނުދެވެ އެވެ.

މީގެ އިތުރުން މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މުސާ (އުއްޗު) މެދުވެރިކޮށް އޮކްޓޯބަރު 2021 ގައި ގައުމީ ޓީމަށް ހަދިޔާ ކުރި 1.2 މިލިއަން ރުފިޔާ އެފްއެމުން ކުޅުންތެރިންނަށް އަދި ނުބަހަ އެވެ. އަދި އެކި ކުންފުނިތަކަށް ބޮޑެތި އަދަދުން ދަރާފައިވާ އިރު، ތިން އަހަރު ދުވަހުގެ ކަރަންޓް ބިލް ނުދައްކައިގެން އެފްއޭއެމް ހައުސް އިން ކަރަންޓު ވެސް ކަނޑާލާފައިވެ އެވެ.