Roadha Mihaaru
އެމްއެމްޕީއާރުސީގެ މައްސަލަތައް ނިމޭނެ ދުވަހެއް ނޭނގޭ!

އެމްއެމްޕީއާރުސީގެ މައްސަލަތައް ނިމޭނެ ދުވަހެއް އޭސީސީއަކަށް ނޭނގޭ!

17 ނޮވެމްބަރ 2021

އެމްއެމްޕީއާރުސީގެ މައްސަލަތައް އަވަސްކުރަން 3.9 މިލިއަން ރުފިޔާގެ ބަޖެޓެއް އަންނަ އަހަރަށް ހަމަޖައްސައިދޭން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދުނުއިރު، ހިޔާނާތުގެ މައްސަލަތައް ކޮޅެއްގައި ޖެހޭނެ ދުވަހެއް ލަފާކޮށްލަން ވެސް އެ ކޮމިޝަނަށް ނޭނގުމުން ބަޖެޓް ކޮމިޓީގެ މެމްބަރުންގެ ނުރުހުން އަމާޒުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްއެމްޕީއާރުސީގެ މައްސަލަތައް އަވަސްކުރަން 3.9 މިލިއަން ރުފިޔާގެ ބަޖެޓެއް އަންނަ އަހަރަށް ހަމަޖައްސައިދޭން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދުނުއިރު، ހިޔާނާތުގެ މައްސަލަތައް ކޮޅެއްގައި ޖެހޭނެ ދުވަހެއް ލަފާކޮށްލަން ވެސް އެ ކޮމިޝަނަށް ނޭނގުމުން ބަޖެޓް ކޮމިޓީގެ މެމްބަރުންގެ ނުރުހުން އަމާޒުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް، ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓް ދިރާސާކުރާ ކޮމިޓީގައި އޭސީސީން އިއްޔެ އެދުނީ އެމްއެމްޕީއާރުސީގެ މައްސަލަތައް އަވަސްކުރަން ބޭނުންވާ މުވައްޒަފުން ނެގުމުގެ ބަޖެޓް އެ ކޮމިޝަނަށް ހަމަޖައްސައި ދިނުމަށެވެ. އެއީ ހަމައެކަނި އެމްއެމްޕީއާރުސީގެ މައްސަލަތައް އަވަސްކުރަން އިތުރަށް ބޭނުންވާ 3.9 މިލިއަން ރުފިޔާ ކަމަށް އޭސީސީން ބުންޏެވެ.

މި ހުށަހެޅުމާ އެކު، ބަޖެޓް ކޮމިޓީގެ މެމްބަރުންގެ ނުރުހުން އޭސީސީ އަށް އަމާޒުކޮށް، މައްސަލަތައް ލަސްވެ ނަތީޖާ ނުނެރެވޭ ސަބަބާ މެދު ކަންބޮޑުވުން ފާޅުކުރި އެވެ. ބައެއް މެމްބަރުން ކޮމިޝަން ސިފަކުރެއްވީ މައްސަލަތަކުގެ "ޕާކިން ޒޯނެއް"ގެ ގޮތުގަ އެވެ.

އެކަމަކު އޭސީސީން ވަނީ މައްސަލަތައް ބެލުމުގައި އެ ކޮމިޝަނަށް ދިމާވާ ގޮންޖެހުންތައް ހިއްސާކޮށްފަ އެވެ. މުވައްޒަފުންގެ ދަތިކަމާއި ކުރީގެ ކޮމިޝަނުން ވާރުތަ ވެފައި ހުރި މައްސަލަތައް ވެސް ނުނިމި ހުރި ކަަމަށް އޭސީސީން ބުންޏެވެ.

އޭސީސީގެ މެމްބަރުން ހާޒިރުކުރި ބަޖެޓް ކޮމިޓީ ކުރިއަށް ދަނީ. -- ފޮޓޯ/ މަޖިލިސް

އޭސީސީގެ މެމްބަރުން ހާޒިރުކުރި ބަޖެޓް ކޮމިޓީ ކުރިއަށް ދަނީ. -- ފޮޓޯ/ މަޖިލިސް

ކޮމިޝަނުން ބުނި ގޮތުގައި 1،145 މައްސަލަ މިހާރު ވެސް އަންނަނީ ބަލަމުންނެވެ. މީގެތެރޭގައި 440 މައްސަލައަކީ އެ ކޮމިޝަން ހަވާލުވިއިރު ވެސް ނުބެލި ފުނިޖެހިފައި ހުރި މައްސަލަތަކެއް ކަމަށް އޭސީސީން ބުންޏެވެ.

ބަޖެޓް ކޮމިޓީގެ މެމްބަރުން ވިދާޅުވީ އެމްއެމްޕީއާރުސީގެ ތަހުގީގު ވަރަށް ލަސްވެއްޖެ ކަމަށެވެ. އިތުރަށް ފައިސާ ހަމަޖައްސައިފި ނަމަ މައްސަލަތަކުގެ ކިހާ ޕަސެންޓެއް ނިމޭނެތޯ ކުރި ސުވާލަށް އޭސީސީން ސީދާ ޖަވާބެއް ނުދެ އެވެ.

ކޮމިޝަންގެ މެމްބަރު އިބްރާހިމް ޝަކީލް ވިދާޅުވިގޮތުގައި، އެމްއެމްޕީއާރުސީގެ މައްސަލަތަކުގެ ތަހުގީގު ލަސްވެއްޖެ ކަމަށް އޭސީސީން ވެސް ގަބޫލުކުރެ އެވެ. އެކަމަކު އެއީ ހަމައެކަނި އެ ކޮމިޝަނުން ބަލާ މައްސަލަތަކެއް ނޫން ކަމަށާއި ތަހުގީގު ކުރިއަށް ގެންދަނީ ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެން ކަން ފާހަގަކުރެއްވި އެވެ.

"އެއްބަސްވަން ބޭނުންވާ ސްޕީޑަކު ނޫން މައްސަލަތައް ދަނީ. އެކަމަކު އޭސީސީ އަށް މި މައްސަލަތައް ބެލުމުގައި އިތުރު 12 މުވައްޒަފުން ލިބިއްޖިއްޔާ އަވަހަށް ނިންމަން ލިބޭނެ ބޮޑު ބާރަކަށް ވާނެ،" ޝަކީލް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ މައްސަލަތަކުން މިހާތަނަށް ހޯދުނު ފައިސާގެ އަދަދަށް މެމްބަރުން އެދުމުން ޝަކީލް ވިދާޅުވީ ޖޮއިންޓް އިންވެސްޓިގޭޝަންގައި އެސެޓް ރިކަވަރީ ކޮމިޝަނުން ބެލި މައްސަލަތަކުގައި 592،000 އަށް ވުރެ ގިނަ ޑޮލަރު ހޯދުމުގެ މައްސަލަތައް ރައީސް އޮފީހަށް ވަނީ ފޮނުވާފައި ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އެކަމަކު މަޖިލީހުން ވެސް އެ އަދަދު އިތުރަށް ޔަގީން ކުރުމަށް ޝަކީލް އެދިވަޑައިގަތެވެ.