Roadha Mihaaru
ޚިޔާނާތުގެ ތަހުގީގު ހުއްޓުވަން ބަޔަކު އުޅޭ: އިލްޔާސް

ޚިޔާނާތުގެ ތަހުގީގު ހުއްޓުވަން ފުލުހުންނާއި އޭސީސީ ތެރޭގައި ބަޔަކު އެބަތިބި: އިލްޔާސް

23 އޮކްޓޯބަރ 2019

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރުސީ) ގެ ތިން ބިލިއަން ރުފިޔާގެ ބޮޑު ޚިޔާނާތުގެ ތަހުގީގު ހުއްޓުވަން ބޭނުންވާ ބަޔަކު ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި އެބަ އުޅޭ ކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރުސީ) ގެ ތިން ބިލިއަން ރުފިޔާގެ ބޮޑު ޚިޔާނާތުގެ ތަހުގީގު ހުއްޓުވަން ބޭނުންވާ ބަޔަކު ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި އެބަ އުޅޭ ކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ސަރުކާރުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ޚިޔާނާތުން މަންފާ ލިބުނު މީހުންގެ ނަންތައް ހާމަކުރަން ގޮވާލައި ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން އިލްޔާސް ވިދާޅުވީ ރާއްޖޭގެ ހިންގި އެންމެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ވަރަށް ގިނަ މީހުންނަށް އެކި ގޮތް ގޮތުން ފައިދާ ލިބިފައިވާ ކަމަށެވެ.

"އިހަށް ދުވަހު އަޅުގަނޑުމެންނަށް ސާފުވި ކަމަކީ މިކަމުގައި ބައިވެރިވި ބޭފުޅުން މިއަދުގެ ސަރުކާރުގެ ވަޒީރުންގެ ގޮތުގައި ތިއްބެވި ކަން. އިންސާފު ގާއިމުކޮށްދޭން ތިބި ފަނޑިޔާރުންގެ ތެރޭގައި މީގެ ފައިދާ ލިބުނު ބޭފުޅުން އެބަތިބި ކަން. މަޖިލިހުގެ މެމްބަރުންގެ ގޮތުގައި މި މައްސަލައިގައި ހިމެނޭ ބައެއް ބޭފުޅުން ތިބިކަން،" އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރުކަން ކުރައްވާ އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް އެގޮތަށް ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާ އިން މަންފާ ލިބުނު މީހުންގެ ތެރޭގައި ސަރުކާރުގެ އިސް މަގާމުތަކާއި ޖުޑިޝަރީ އާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހިމެނޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވުމާ ގުޅިގެންނެވެ.

އިލްޔާސް ވިދާޅުވީ ޚިޔާނާތުގެ ތުހުމަތު ކުރެވިފައި ތިއްބެވި ބޭފުޅުން މަގާމުތަކުގައި ތިއްބަވާ ނަމަ، އެ މައްސަލަ ތަހުގީގު ކުރުމުގައި އުނދަގޫތަކެއް ދިމާވާނެ ކަމަށެވެ. އަދި މި މައްސަލަ ވީހާ ވެސް އަވަހަކަށް ބަލައި ފިޔަވަޅު އަޅަން ޖެހޭ މީހުންނާ މެދު އަވަސް ފިޔަވަޅުތަކެއް އަޅަން އޭނާ ގޮވާލެއްވި އެވެ.

"އެއީ މިހާރުގެ ވަޒީރަކަށް ވިޔަސް، ކުރީގެ ވަޒީރަކަސް، ކުރީގެ ރައީސަކަށް ވިޔަސް، މަޖިލިހުގެ މެމްބަރަކަށް ވިޔަސް، ކުރީގެ މެމްބަރަކަށް ވިޔަސް ކުރީގެ ފަނޑިޔާރެއް ވިޔަސް، މިހާރުގެ ފަނޑިޔާރެއްގެ މައްސަލަ ވިޔަސް މިހާރުން މިހާރަށް ބަލައި ތަހުގީގުކޮށް އަވަސް ކުރައްވާ،" އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ އޭސީސީގެ ތެރޭގައި ތިއްބެވި ބޭފުޅުންނާއި ފުލުހުންގެ ތަހުގީގުގައި އުޅުއްވާ ބައެއް ބޭފުޅުން މި މައްސަލަ ލަސްކޮށް، ހުއްޓުވައި އެހެން މިސްރާބަކަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމަކު، އެ ކަން ކުރަނީ އޭސީސީގެ މިހާރުގެ މެމްބަރުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އިލްޔާސް ވަނީ އެއްވެސް ބޭފުޅަކު، ތަހުގީގުގެ މިސްރާބު ބަދަލު ކުރަން ނޫޅުމަށް ގޮވާލައްވައިފަ އެވެ.

އިލްޔާސް ވަނީ ޚިޔާނާތުގެ މައްސަލަ ފުލުހުންނާއި ކަމާ ގުޅޭ މުއައްސަސާތަކުން ތަހުގީގު ކުރާ އިރު، އެމީހުންނަށް އެއްބާރުލުން ދޭން މަޖިލިސް ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފަ އެވެ.

އިލްޔާސް ވިދާޅުވި ގޮތުގައި އެޖެންޑާ 19 އާއި ޖަޒީރާ ރާއްޖެ މެނިފެސްޓޯގައި ވެސް ރައްޔިތުން ވޯޓު ދިނީ އަދުލު އިންސާފު ގާއިމު ކުރުމަށެވެ.

އެމްއެމްޕީއާރުސީގެ މެދުވެރިކޮށް ހިންގި ހިޔާނާތުގައި 60 އަށް ވުރެ ގިނަ ރަށް ނުއަގުގައި ވިއްކާފައިވާ އިރު، އެ ރަށްތަކުގެ އެކިއުޒިޝަން ކޮސްޓުގެ ގޮތުގައި 3.3 ބިލިއަން ރުފިޔާ ދައުލަތަށް ލިބެން ޖެހޭ ކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ.