Roadha Mihaaru
"ދަރިވަރުންނާމެދު ކުރާ އުއްމީދުތައް މަތިކުރަންޖެހޭ"

ދަރިވަރުންނާމެދު ކުރާ އުއްމީދުތައް މަތިކުރަންޖެހޭ: މިނިސްޓަރު

18 ނޮވެމްބަރ 2021

ދަރިވަރުންނާމެދު ބެލެނިވެރިންނާއި ޓީޗަރުންކުރާ އުއްމީދުތައް މަތިކުރަންޖެހޭ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދަރިވަރުންނާމެދު ބެލެނިވެރިންނާއި ޓީޗަރުންކުރާ އުއްމީދުތައް މަތިކުރަންޖެހޭ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިރޭ ވިދާޅުވެއްޖެ އެވެ.

މީގެ ދެ އަހަރުކުރިން ބޭއްވި އޭ ލެވެލް އިމްތިހާނުގެ ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އެވޯޑު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ދަރިވަރަކާ ދޭތެރޭގައި މައިންބަފައިންނާ ޓީޗަރުން އަދި ގައުމު ދެކޭގޮތުން އެ ދަރިވަރެއްގެ ނަތީޖާއަށް އަސަރުކުރާ ކަމަށެވެ.

ދަރިވަރުންގެ ކިޔެވުމަށާއި އުޅުމަށް އެންމެ ބޮޑަށް އަސަރުކުރާ އެއްކަމަކީ ވެސް މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ކުދިންނަށް ކިޔެވޭނެ މިންވަރާއި ނެރެވޭނެ ނަތީޖާއާ އުއްމީދުތައް ސީދާކޮށް އަދި ނުސީދާކޮށް ހާމަކުރުމެވެ.

ކުދިން މޮޅުވާނެ ކަމަށް ޓީޗަރަކު ދެކި، އެކަން އެ ކުދިންނަށް ހާމަކުރާނަމަ އެ އުއްމީދުކުރާ ވަރަށް ނަތީޖާ ލިބޭތޯ ދަރިވަރުން ބަލާނެ ކަމަށް، އަމީނިއްޔާ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވި އެވެ.

"ކުއްޖަކު ކިޔެވުމަށް ދެރަވާނެ ކަމަށް މުދައްރިސުން ދެކި އެކަން އެ ކުދިންނަށް ހާމަކުރާނަމަ ތޫނު ފިލި ކުދިން ވެސް ނެރޭނީ ދެރަ ނަތީޖާއެއް،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދަރިވަރުން މޮޅުވާނެ މިންވަރާ މެދު ގައުމީ ނަޒަރުން، ޓީޗަރުންގެ އަންދާޒާ ނުވަތަ ބެލެނިވެރިން ހީކުރާ ގޮތް ދަށްނަމަ ދަރިވަރުންގެ ފެންވަރު ރަނގަޅެއް ނުވާނެ އެވެ.

"އަޅުގަނޑު މި ވާހަކަ މި ދަންނަވާލީ ދަރިވަރުންނާ މެދު އަޅުގަނޑުމެން ދެކޭގޮތް، އަޅުގަނޑުމެން ކުރާ އުއްމީދުތައް މަތިކުރަންޖެހޭ ވާހަކަ ދަންނަވާލުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިނގިރޭސިވިލާތުގައި އޯ ލެވެލް އިމްތިހާނުގައި 60 ޕަސެންޓު ދަރިވަރުން ނުވަ މާއްދާ ނުވަތަ އެއަށްވުރެ ގިނަ މާއްދާއިން އިމްތިހާނު ހަދާ ކަމަށެވެ. ދަށު ސާނަވީގައި ދަރިވަރުންނަށް ފުޅާ ތައުލީމީ ބިންގަލެއް އެޅުމަކީ އެ ކުދިންގެ މުސްތަގުބަލު ހަރުދަނާވެ، ފަހިވެގެންދާނެ ކަމެއް ކަމަށާއި އެއީ ކުރަންޖެހިފައިވާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދަރިވަރުންނާ މެދު އެކްސްޕެކްޓޭޝަންތައް މަތިކުރާނަމަ އެ ކުދިން އެ މިންގަނޑުތަކަށް ވާސިލްވޭތޯ މަސައްކަތްކުރާނެ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ތައުލީމު ކުރިއަރާނީ ބެލެނިވެރިންނާއި ޓީޗަރުން ދަރިވަރުންނާ މެދު ދެކޭގޮތް ކުރިއަރުވައިގެން އެ އުއްމީދުތައް މަތިކޮށްގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.