Roadha Mihaaru
ކިމްގެ އާ ބައިވެރިޔަކީ ކޮމީޑިއަން ޕީޓް

ކިމްގެ އާ ބައިވެރިޔަކީ ކޮމީޑިއަން ޕީޓް

21 ނޮވެމްބަރ 2021

މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ރެޕާ ކަންޔޭ ވެސްޓް (ޔޭ) ގެ ގާތުން ވަރިވާން ކޯޓަށް ހުށަހަޅާފައިވާ އެމެރިކާގެ މަޝްހޫރު ސެލެބްރިޓީ ކިމް ކާޑޭޝަން، ކޮމީޑިއަން ޕީޓް ޑޭވިޑްސަންއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން މިހާރު ކަށަވަރު ކަމަށް މީޑިއާތަކުން ބުނެފި އެވެ. .

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ރެޕާ ކަންޔޭ ވެސްޓް (ޔޭ) ގެ ގާތުން ވަރިވާން ކޯޓަށް ހުށަހަޅާފައިވާ އެމެރިކާގެ މަޝްހޫރު ސެލެބްރިޓީ ކިމް ކާޑޭޝަން، ކޮމީޑިއަން ޕީޓް ޑޭވިޑްސަންއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން މިހާރު ކަށަވަރު ކަމަށް މީޑިއާތަކުން ބުނެފި އެވެ. .

އެ ދެ މީހުން ހިތާވެގެން އުޅޭ ވާހަކަ ދެކެވޭތާ ދުވަސްތަކެއްވެފައިވާ އިރު، ޕޭޖް ސިކްސް އިން ބުނި ގޮތުގައި މިދިޔަ އަންގާރަ ވިލޭރޭ ކެލިފޯނިއާގެ ޕާމް ސްޕްރިންގްގައި ދެ މީހުން އަތުގުޅުވާލައިގެން ވަރަށް ގައިގޯޅިކޮށް އުޅުނުތަން ފެނިފައިވެ އެވެ. އެރެ އަކީ ޕީޓްގެ 28 ވަނަ އުފަން ދުވަސް ވެސް ފާހަގަކުރި ރެ އެވެ.

އަދި ޕީޓްގެ އިންސްޓަގްރާމްގައި ކިމް އާއި އޭނާގެ މަންމަ ކްރިސް ޖެނާ ވެސް ހިމެނޭ ގޮތަށް އެއްކަހަލަ ޕިޖާމާތަކެއް ލައިގެން ނަގާފައިވާ ފޮޓޯއެއް ވެސް ޕޯސްޓްކޮށްފައިވެ އެވެ.

މަޝްހޫރު ޓީވީ ޝޯ ސަޓަޑޭ ނައިޓް ލައިވް (އެސްއެންއެލް) ގައި ވެސް ހިއްސާވާ ޕީޓްއާ ކިމް، 41، ލޯބީގެ ގޮތުން ގުޅުނު ވާހަކަތައް ތިލަވުމުގެ ކުރިން ސިޔާސީ މަސްރަހު ދިރާސާކުރާ އެމެރިކާގެ ލިޔުންތެރިޔާ/ވަކީލު ވެން ޖޯންސް، 53، އާ ކިމް ރައްޓެވިކަމުގެ އަޑުތަކެއް ވެސް އެރި އެވެ. އެކަމަކު އެ ވާހަކަތަކާ ގުޅިގެން ޖޯންސް ވަނީ އެފަދަ އެއްވެސް ގުޅުމެއް އޭނާ އާއި ކިމްއާ ދޭތެރޭ ނެތް ކަމަށް ބުނެފަ އެވެ.

ކަންޔޭގެ ގާތުން ވަރިވާން ކިމް ނިންމި އިރު، އެ ކައިވެންޏަށް ހަތަރު ދަރިން ވެސް ލިބިފައިވެ އެވެ. ކަންޔޭ އާއި ކިމް 2014 ގައި ކުރި ކައިވެންޏަކީ ކިމްގެ ތިން ވަނަ ކައިވެންޏެވެ. އޭނާ މިހާރު ލޯބީގެ ގޮތުން ގުޅުނު ޕީޓް އަކީ ކިމް އަށް ވުރެ 13 އަހަރު ހަގު ޒުވާނެކެވެ.