Roadha Mihaaru
ކަންޔޭގެ ބޫޓު 1.8 މިލިއަން ޑޮލަރަށް ވިކިއްޖެ

ކަންޔޭ ވެސްޓްގެ ބޫޓު 1.8 މިލިއަން ޑޮލަރަށް ވިކިއްޖެ

28 އެޕްރީލް 2021

މީގެ 13 އަހަރު ކުރިން ބޭއްވި 50 ވަނަ ގްރެމީ އެވޯޑްސްގައި އެމެރިކާގެ މަޝްހޫރު ރެޕާ ކަންޔޭ ވެސްޓް އެރި ބޫޓު ނީލަމުގައި ވިއްކައިލަން ހުޅުވައިލުމުން 1.8 މިލިއަން ޑޮލަރަށް ވިކިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ 13 އަހަރު ކުރިން ބޭއްވި 50 ވަނަ ގްރެމީ އެވޯޑްސްގައި އެމެރިކާގެ މަޝްހޫރު ރެޕާ ކަންޔޭ ވެސްޓް އެރި ބޫޓު ނީލަމުގައި ވިއްކައިލަން ހުޅުވައިލުމުން 1.8 މިލިއަން ޑޮލަރަށް ވިކިއްޖެ އެވެ.

ހޮންކޮންގްގެ ކޮންވެންޝަން އެންޑް އެގްޒެބިޝަން ސެންޓަރުގައި މި މަހުގެ 16-21 އަށް ބޭއްވި އެ ނީލަން އިންތިޒާމުކުރި އެމެރިކާގެ ސޮދަބީޒް އޮކްޝަން ހައުސް އިން ހޯމަ ދުވަހު ބުނީ މިލިއަން ޑޮލަރުގައި ވިއްކައިލަން ހުޅުވައިލުމުން އެއަށް ލިބުނު އަގަކީ މިހާތަނަށް ސްނީކާޒްއަކަށް ނީލަމެއްގައި ލިބުނު އެންމެ ބޮޑު އަގު ކަމަށެވެ. ކަޅާއި ރަތް ކުލަ ހިމެނޭ އެ ބޫޓަކީ ކަންޔޭގެ ބްރޭންޑް ޔީޒީ އާއި ނައިކީ ގުޅިގެން އުފެއްދި ނައިކީ އެއާ ޔީޒީ 1 ޕްރޮޓޯޓައިޕެވެ.

ސޮދަބީޒް އިން ބުނި ގޮތުގައި ނީލަމުގައި ބޫޓް ކާމިޔާބުކުރީ ރެއާޒް އިންވެސްޓިން ޕްލެޓްފޯމަކުން ކަމަށެވެ. އެތަނުގެ އެއް ބާނީ އަދި ސީއީއޯ ޖެރޯމް ސެޕް ވިދާޅުވީ ކަންޔޭގެ ބޫޓް ރެކޯޑް އަގަކަށް ގަތީ "ތާރީހީ އެއްޗެއް" ގެ ގޮތުގައި ދެކިގެން ކަމަށެވެ.

"އަހަރެމެންގެ މަގުސަދަކަށްވީ އެހާ އައިކޮނިކް ބޫޓެއް ގަނެ، ތާރީހަށްޓަކައި ރައްކާކުރުން،" އޭނާ ވިދާޅުވި އެވެ. "މިއީ ހަގީގަތުގައި ސްނީކާޒްގެ ކަލްޗާގައި ވަރަށް ފާހަގަކޮށްލެވުނު އެއްޗެއް. އެއަށް ވަރަށް ގިނަ ސަމާލުކަން ހުއްޓުނުކަމީ ވެސް ގިނަ ބަޔަކަށް އެނގޭ ކަމެއް."

ރެކޯޑް އަގެއް ކަންޔޭގެ ބޫޓަށް ލިބިފައިވާތީ ސޮދަބީޒްގެ ސްޓްރީޓްވެއާ އެންޑް މޮޑަން ކަލެކްޓަބަލްސްގެ ހެޑް ބްރާމް ވޮޗާ ވިދާޅުވީ މިއީން ދައްކުވައި ދެނީ ކަންޔޭގެ އާއި އޭނާގެ ލެގަސީގެ ނުފޫޒުގަދަކަން ކަމަށެވެ.

މިދިޔަ އަހަރު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރި ކަންޔޭ އަކީ އެމެރިކާގެ މަޝްހޫރު ސެލެބްރިޓީ ކިމް ކާޑޭޝަންގެ ފިރިމީހާ އެވެ. ކިމް ވަނީ ކަންޔޭގެ ގާތުން ވަރިވާން ފެބްރުއަރީ މަހު ކޯޓަށް ހުށަހަޅައިފަ އެވެ.