Roadha Mihaaru
ކަންޔޭގެ ބޫޓެއް މިލިއަން ޑޮލަރަށް ވިއްކާލަނީ

ކަންޔޭ ވެސްޓްގެ ބޫޓެއް މިލިއަން ޑޮލަރަށް ވިއްކާލަނީ

14 އެޕްރީލް 2021

ދެހާސް އަށް ވަނަ އަހަރު ބޭއްވި 50 ވަނަ ގްރެމީ އެވޯޑްސް ހަފުލާގައި ކަންޔޭ ވެސްޓް އެރި ބޫޓު ނީލަމެއްގައި މިލިއަން ޑޮލަރަށް ވިއްކާލަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދެހާސް އަށް ވަނަ އަހަރު ބޭއްވި 50 ވަނަ ގްރެމީ އެވޯޑްސް ހަފުލާގައި ކަންޔޭ ވެސްޓް އެރި ބޫޓު ނީލަމެއްގައި މިލިއަން ޑޮލަރަށް ވިއްކާލަން ނިންމައިފި އެވެ.

މި މަހުގެ 16-21 އަށް ހޮންކޮންގްގައި ބާއްވާ ޕްރައިވެޓް ނީލަމުގައި ވިއްކާލާ، ލެދަރުން ހަދާފައިވާ މި ބޫޓަކީ ކަންޔޭގެ ބްރޭންޑް ޔީޒީ އާއި ނައިކީ ގުޅިގެން އުފެއްދި ނައިކީ އެއާ ޔީޒީ 1 ޕްރޮޓޯޓައިޕެވެ.

ސޮދަބީޒް އިން އިންތިޒާމުކޮށްގެން ބާއްވާ ނީލަމުގައި ބޫޓު ވިއްކާލަނީ ހާއްސަ އެއްޗެހި އެއްކުރާ ނިއު ޔޯކްގެ ރަޔަން ޗަންގެވެ. އޭނާ އަށް އެ ބޫޓް ލިބުނީ ޗެރިޓީ ނީލަމަކުން ކާމިޔާބުކޮށްގެންނެވެ. އަލުން ބޫޓް ވިއްކާލާ އިރު އޭގެ ފެށޭ އަގު މިލިއަން ޑޮލަރު އޮތް ނަމަވެސް، އެންމެ ފަހު ވަގުތު އަގު އެއަށް ވުރެ މާ މައްޗަށް އުފުލިގެން ހިނގައިދާނެ ކަމަށް ބެލެވެ އެވެ. ސަބަބަކީ ސެލެބްރިޓީންގެ މިފަދަ ހާއްސަ އެއްޗިއްސަށް ޝައުގުވެރިވާ މީހުންނަކީ އަގަށް ބަލާ ބަޔަކަށް ނުވާތީ އެވެ.

ކަންޔޭގެ ސައިޒް 12 ގެ ބޫޓަކީ 2008 ގެ ގްރެމީގައި އޭނާގެ މަންމަ އަށް ޓްރިބިއުޓް ދިން އިރު ކަންޔޭ އަރައިގެން އިން ބޫޓެވެ. އަދި އެ ދުވަސްވަރު އޭތި ވީ ފެޝަނަށް ލޯބިކުރާ މީހުންގެ މެދުގައި ވަރަށް މަޝްހޫރުވި އެއްޗަކަށެވެ.

ސޮދަބީޒްގެ ސްޓްރީޓްވެއާ އެންޑް މޮޑަން ކަލެކްޓިބަލްސްގެ ހެޑް ބްރާމް ވޮޗާ ވިދާޅުވި ގޮތުގައި ކަންޔޭގެ ނައިކީ އެއާ ޔީޒީ 1 އުފެއްދުމުގެ ފުރަތަމަ މަރުހަލާގެ ތެރޭގައި އޭނާ ބޭނުންކުރި ބޫޓަކީ ސްނީކާޒް އާއި ލައިފްސްޓައިް ބްރޭންޑްތަކުގެ ތާރީހުގައި ވެސް ވަރަށް ފާހަގަކޮށްލެވުނު އެއްޗެއް ކަމަށެވެ. އެހެންވެ އެއަށް ވަރަށް ބޮޑު އަގެއް ނީލަމުގައި ލިބޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ވިދާޅުވި އެވެ.

ނައިކީ އާއި ޔީޒީ ގުޅިގެން އުފެއްދުންތަކެއް ގެނެސްދިން ނަމަވެސް އެ އެއްބަަސްވުން 2013 ގައި ވަނީ އުވާލައިފަ އެވެ. އޭގެ ފަހުން ކަންޔޭގެ ޔީޒީ ކަލެކްޝަން ގެނެސްދެނީ އެޑިޑާސްއާ ގުޅިގެންނެވެ.

މިދިޔަ ހަފުތާގައި ފޯބްސް އިން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރާ ހަމައަށް ޔީޒީ ބްރޭންޑްގެ ސްނީކާޒްގެ ވިޔަފާރި 1.7 ބިލިއަން ޑޮލަރަށް އަރާފައިވެ އެވެ. ޔީޒީ ހިމެނޭ ގޮތަށް ކަންޔޭގެ ވިޔަފާރިތަކުން ލިބޭ އާމްދަނީން އޭނާ އަށް ބިލިއަނަރެއްގެ ދަރަޖަ ލިބުނީ 2019 ގަ އެވެ. މަޝްހޫރު ސެލެބްރިޓީ ކިމް ކާޑޭޝަންގެ ފިރިމީހާގެ މިލްކިއްޔާތު މިހާރު 1.8 ބިލިއަން ޑޮލަރަށް އަރަ އެވެ.

މި އަހަރު އަލަށް ކިމް އަށް ބިލިއަނަރެއްގެ ދަރަޖަ ލިބުނު އިރު ދާދި ފަހުން އޭނާ ވަނީ ކަންޔޭ ގާތުން ވަރިވާން ކޯޓަށް ހުށަހަޅައިފަ އެވެ.