މި ރިޕޯޓް ލިޔަމުންމިދާ އިރު، [ނޮވެމްބަރު 17ގައި] ކުކުޅު ކިލޯއެއްގެ އަގު ހުރީ 50ރ. އަށް ވުރެ މަތީގަ އެވެ. މިއީ މީގެ ހަ މަސް ކުރީގެ އަގާ ބަލާއިރު 30 ޕަސެންޓަށް ވުރެ އަގުބޮޑު ވުމެކެވެ.
މި ރިޕޯޓް ލިޔަމުންމިދާ އިރު، [ނޮވެމްބަރު 17ގައި] ކުކުޅު ކިލޯއެއްގެ އަގު ހުރީ 50ރ. އަށް ވުރެ މަތީގަ އެވެ. މިއީ މީގެ ހަ މަސް ކުރީގެ އަގާ ބަލާއިރު 30 ޕަސެންޓަށް ވުރެ އަގުބޮޑު ވުމެކެވެ.
ވައިމަތީގައި ދުރުން ފެންނާން ހުރި ވިލާތައް އެކުވެ، އިންފްލޭޝަންގެ ވިއްސާރަ ހަދައި، ވިލާގަނޑުގެ ވައި އައިސް، ކެރީގެ އަސަރު ފޯރައި، އިމްޕޯޓަޑް އިންފްލޭޝަންގެ ނޭދެވޭ އަސަރު ދިވެހި އިގްތިސާދަށް މިވަނީ ކުރަން ފަށައިފަ އެވެ.
އިންފްލޭޝަނަކީ މުދަލާއި ޚިދުމަތުގެ އަގު ބޮޑުވުމެވެ. އިންފްލޭޝަންގެ އަސަރު އެންމެ ބޮޑަށް ކުރާނީ އެ ގައުމެއްގެ ފައިސާއިން 'ފިކްސްޑް' އާމްދަނީ؛ މުސާރަ، ލިބޭ ފަރާތްތަކަށެވެ. މުދަލާއި ޚިދުމަތުގެ އަގު ބޮޑު ވުމުގެ ސަބަބުން ގައުމުގައި އެންމެ ފަސް ޕަސެންޓަށް އިންފްލޭޝަން އުފުލިއްޖެ ނަމަވެސް، ކުޑަވިޔަފާރިއަކުން 4،500ރ. ގެ މިނިމަމް ވޭޖް ލިބޭ މުސާރަ ވެރިއަކަށް، ގަންނަން ލިބޭނީ 4،250ރ. ގެ މުދަލާއި ޚިދުމަތެވެ.
ހަތް ހާސް ރުފިޔާ ލިބޭ ސިވިލް ސާވަންޓަކަށް ގަންނަން ލިބޭނީ 6،650ރ. ގެ މުދަލާއި ޚިދުމަތެވެ. އިންފްލޭޝަން އަކީ މިފަދަ ނުރައްކާތެރި، ވަޒީފާ އަދާކުރާމީހާގެ ޖީބަށް ސީދާކޮށް އަސަރުކުރުވާ ކަމެކެވެ.
ރާއްޖެއަކީ ހުރިހާ އެއްޗެއްމެ އިމްޕޯޓް ކުރާ ގައުމަކަށް ވުމުގެ ސަބަބުން، ބޭރު ދުނިޔޭގައި މުދަލާއި ފްރައިޓްގެ އަގު ބޮޑުވުމުގެ އަސަރު، 'އިމްޕޯޓަޑް އިންފްލޭޝަން'ގެ ގޮތުގައި ވަނީ ކުރަން ފަށައިފަ އެވެ. އަދި ކުރިޔަށް އޮތް މެދުރާސްތާގައި އިންފްލޭޝަންގެ އަސަރު ދާނީ އިތުރުވަމުންނެވެ.
މީހަކު މުދާތަކެއް އުފުލަނީ: މުދަލުގެ އަގު މަޑުމަޑުން ދަނީ ބޮޑުވަމުން -- ފައިލް ފޮޓޯ: މިހާރު
ރާއްޖެ ހިމެނޭ ގޮތުން މުޅި ދުނިޔެ އަށް ކުރިމަތި ވެގެން މި އަންނަ އިންފްލޭޝަންގެ މައިގަނޑު ދެ ސަބަބަކީ ދުނިޔޭގެ ލޮޖިސްޓިކަލް ސަޕްލައި ޗެއިނަށް (އެއްގައުމުން އަނެއް ގައުމަށް މުދާ ގެންދިޔުމުގެ ނިޒާމު) ކުރިމަތިވެފައިވާ ދަތިތަކާއި އަދި ތެލުގެ އަގު ބޮޑުވުމެވެ.
ކޮވިޑާ ގުޅިގެން އަހަރަކަށް ވުރެ ގިނަ ދުވަހު ގައުމުތަކުގެ ސިނާއަތްތައް ތަޅުލެވިފައި ހުރުމަށް ފަހު، ފުރަތަމައިނުން ކޮށްޅަށްތެދުވެ ހަރަކާތް ކުރަން ފެށީ ޗައިނާގެ އިގްތިސާދެވެ. ޗައިނާގެ ސިނާއީ އުފެއްދުންތައް އެހެން ގައުމުތަކަށް ދަތުރުކުރަން ފެށިއިރު، އެ ގައުމުތަކުގެ ނިޒާމުތައް މުޅިއަކުން ހަމައަކަށް ނޭޅެ އެވެ. ބަނދަރުތަކުގައި މަސައްކަތް ކުރާ ޚިދުމަތްތެރިންގެ ގިނަ ބަޔަކު ތިބީ ލޮކްޑައުންގަ އެވެ. މަޑުމަޑުން ހުޅުވެމުން އައިއިރު، އެއްބަޔަކު ވެކްސިން ޖަހާކަށް ބޭނުމެއް ނުވިއެވެ. އަނެއް ބަޔަކު ތިބީ ކުޑަ މުސާރައިގައި މަސައްކަތު ނުނިކުންނާށެވެ.
ޗައިނާއިން ދަތުރުކުރި ބޮޑެތި ބޯޓުފަހަރު، އެމެރިކާ، ޔޫރަޕްގެ ބަނދަރުތަކުގައި މުދާ ނުބޭލި ތާށިވާން ފެށީ މި ހިސާބުންނެވެ. މުދާ ހިފައިގެން ދަތުރު ކުރި ބޯޓު ހުސްކުރުން ލަސްވުމުގެ އިތުރުން، އަނބުރާ ގެންދަން (އެކްސްޕޯޓް ކުރަން) ހުރި މުދާތައް ބޯޓުއޮތް ބަނދަރާ ހަމައަށް ނުގޮސް، ދުރު ހިސާބުތަކުގައި ތާށިވެ އިތުރު މައްސަލަ ޖެހެން ފަށައިފި އެވެ. ބަނދަރުތަކުގައި ބޯޓުފަހަރު ހުސްނުވެ ގިނަދުވަސް ވުމާއި، އެކްސްޕޯޓް މުދާ ނެތި ހުސްކޮށް އަނބުރާ ދާންޖެހުމުގެ ސަބަބުން، ޗައިނާ- އޭޝިޔާ ގެ ފްރައިޓް ރޭޓް ތިން ގުނައަށް ބޮޑުވެ، ޗައިނާ- އެމެރިކާގެ ރޭޓް ހަތް ގުނައަށް ބޮޑުވެއްޖެ އެވެ.
ރުފިޔާތަކެއް ބަންޑެލި ޖަހާފައި: އިންފްލޭޝަންގެ ނުރައްކަލަކީ ފައިސާގެ އަގު ވެއްޓުން -- ފައިލް ފޮޓޯ: މިހާރު
މީގެ އިތުރުން، އެއްވެސް ގައުމެއްގެ ސިނާއަތަކީ މިއަދު ހަމައެކަނި އެ ގައުމެއްގެ އުފެއްދުންތަކަށް ބަރޯސާވެފައިވާ ސިނާއަތްތަކެއް ނޫނެވެ. ކޮންމެ ގައުމަކަށް ނަމަވެސް، އެ ގައުމެއްގެ ސިނާއަތްތަކުގައި އުފައްދާ މުދަލަށް، ކޮންމެވެސް މިންވަރަކަށް އިމްޕޯޓަޑް މުދާ ބޭނުންވެއެވެ. ރާއްޖޭގައި ދަޅުމަސް ބަންދު ކުރުމަށް ސޯޔާ އޮއިލް އެތެރެ ކުރަންޖެހެއެވެ. ސިލޯނުގެ ދަނޑުބިންތަކަށް ޗައިނާގެ ފާޓިލައިޒާ އެތެރެ ކުރަން ޖެހެއެވެ. ޗައިނާ އަށް ތެލާއި މައުދަނު އެތެރެކުރަން ޖެހެ އެވެ. އެޕަލް ފޯނަށް ޓައިވާންގެ ސެމީ ކޮންޑަކްޓަސް އަދި އަރަބި ތެޔޮ ރިފައިން ކުރުމަށް ހުޅަނގުގެ ޓެކްނޯލޮޖީ އާއި އިކުއިޕްމަންޓް ބޭނުންވެއެވެ.
އެހެންކަމުން ފްރައިޓްގެ އަގު ބޮޑުވުމުން، އާޚިރުގައި ހުރިހާ އުފެއްދުންތަކެއްގެ އަގު ބޮޑުވާން ފަށައިފި އެވެ. މިގޮތުން މުދަލުގެ އަގު ބޮޑު ވުމުގެ އިތުރުން ކުރިން ދެ މަސްދުވަހުން ގެނެވޭ މުދާ، އިމްޕޯޓް ކުރުމަށް 3، 4 މަސްދުވަސް ކުރިން އޯޑަރު ޖަހައި، ފައިސާ ދައްކަން މަޖުބޫރުވާން ފަށައިފި އެވެ. ކުރިމަތިވަމުން އަންނަ އިމްޕޯޓަޑް އިންފްލޭޝަންގެ އެންމެ މުހިންމު އެއް ސަބަބަކީ މިދެންނެވި ގޮތުން މުދަލާއި ފްރައިޓް އަގުބޮޑުވުމެވެ.
ހަމަ މި ދަނޑިވަޅުގައި ދުނިޔޭގެ ތެލުގެ އަގު މައްޗަށް ދާން ފަށައިފި އެވެ. ތެލުގެ ބާޒާރުގައި ވޭތުވެ ދިޔަ ތިން އަހަރުގެ އެންމެ މަތީ ރެކޯޑް މުގުރާލީ މި ހިނގާ ނޮވެމްބަރު މަހުއެވެ. ކުރިޔަށް އޮތީ ތަރައްގީ ވެފައިވާ ދުނިޔެއިން އެންމެ ގިނައިން ތެޔޮ ބޭނުންކުރަން ޖެހޭ ފިނި މޫސުން ކަމުގައި ވުމުގެ އިތުރުން މި ދުވަސްކޮޅަކީ ކޮވިޑަށް ފަހު ގައުމުތަކުގެ އިގްތިސާދީ އިންޖީނުތައް ހިންގަން މަސައްކަތް ފަށައިފައިވާ ދުވަސްވަރެވެ. ދުނިޔޭގެ ބޮޑެތި ބާރުތައް ކުޅޭ ޖިއޯ ޕޮލިޓިކަލް ކުޅިވަރުތަކާއި، ކުރިން ތެލުގެ އަގަށް ހިމޭންކަން ގެނައުމަށް މަސައްކަތް ކުރި އޯޕެކް އަކީ މިހާރު ނުކުޅެދުންތެރިއަކަށް ވެފައި ވުމުގެ ސަބަބުން، ތެލުގެ އަގު 2022 ގެ މެދުތެރެއާ ހަމައަށް ވެސް އުޅޭނީ މަތީގައި ކަމަށް ގަބޫލުކުރެވެއެވެ.
އެމްޕީއެލްގައި ކޮންޓެއިނަރަކުން މުދާ އަރުވަނީ: މުދާ އެތެރެކުރުމުގައި އޮތް ދަތިތައް ބޮޑު -- ފައިލް ފޮޓޯ: މިހާރު
އެހެންކަމުން ލޮޖިސްޓިކަލް ސަޕްލައި ޗެއިންގެ ސަބަބުންނާއި، ތެލުގެ ބާޒާރުގެ އަގުތަކުގެ ސަބަބުން، ދުނިޔޭގެ ހުރިހާ ގައުމުތަކަށް މިއަދު މިވަނީ އިންފްލޭޝަންގެ އަސަރު ކުރަން ފަށައިފަ އެވެ.
އިންފްލޭޝަން ކޮންޓްރޯލްކޮށް، އެ ގައުމެއްގެ ފައިސާގެ އަގު ދަމަހައްޓައި، މަސައްކަތްތެރިންގެ އުޖޫރައިގެ އަސްލު އަގު ދަށްވިޔަ ނުދިނުމަކީ، އިގްތިސާދީ ކަންތައްތައް ފަރުމާކޮށް ފިސްކަލް އަދި މަނިޓަރީ ޕޮލިސީ ބައްޓަން ކުރާ ފަރާތްތަކުން ކުރާ އެންމެ މުހިންމު އެއް މަސައްކަތެވެ.
ގައުމީ އުފެއްދުންތެރި ކަމަށް ހިއްސާ ނުކުރާ ގޮތަށް ފައިސާ ޗާޕުކޮށްގެން އިގްތިސާދުގައި ދައުރު ކުރުވުމުގެ ސަބަބުން، ގައުމުގައި އިންފްލޭޝަން އުފެދެން ފަށައިފި ނަމަ، އެފަދަ އިންފްލޭޝަނާ ހަނގާކުރުމަށް ބޭނުން ކުރެވިދާނެ ހަތިޔާރު، އެ ގައުމެއްގެ މާލީ އިދާރާތަކުގައި ހުންނާނެއެވެ.
ނަމަވެސް، މި ފަހަރުގެ "ވިއްސާރަ"އަކީ ދިވެހި ސަރުކާރުގެ އަމަލުތަކުން ނުވަތަ ޕްލާސްޓިކް ކޮތަޅުގެ ޑިޔުޓީ ބޮޑުކުރަން ނިންމުމަކުން ކުރިމަތިވެގެން އަންނަ ވިއްސާރައެއް ނޫނެވެ.
ބާޒާރުމަތީގެ ފިހާރައެއްގައި މީހުން ތޮއްޖެހިފައި: މުދާ ނުލިބުމުގެ ދަތިތައް އެބައޮތް -- ފައިލް ފޮޓޯ: މިހާރު
އިމްޕޯޓަޑް އިންފްލޭޝަންއަކީ ބޭރު ކަނޑުގައި އުފެދޭ ވިލާގަނޑެކެވެ. އެރޭބިއަން ސީ ނުވަތަ ބޭ އޮފް ބޭންގޯލްގައި އުފެދޭ ކޮޅިގަނޑު، ރާއްޖެ މަތިން ދަތުރުކުރާ އިރު، ކުރެވެން ހުރި މަދުކަންތައްތަކުގެ ތެރޭގައި އެންމެ މުހިންމީ އެ ވާހަކަ ކުރިޔާލައި ދައްކައި، ކުލަކުލައިގެ އެލާޓް ނެރެ، ކަނޑުދަތުރުތައް މަދުކުރުވައި، ހިޔާވެ ރައްކާތެރި ވުމެވެ.
އިމްޕޯޓަޑް އިންފްލޭޝަންގެ ވަޔާއި ކެރި އައުން ހުއްޓުވުމަށް ކުރެވޭނެ މާބޮޑު ކަމެއް އެއްވެސް އެއް ގައުމެއްގެ ބާރުގެ ދަށުގައެއް ނުހުރެ އެވެ. އެހެންކަމުން، މި ދަނޑިވަޅުގައި ވާން އުޅޭ ގޮތް ބުނެދީ، ހިޔާވެ ތިބުމަށް އިރުޝާދު ދިނުމަށްމަހު، ގައުމަށާއި ރައްޔަތުން ފަހި ގޮތަކީ ކޮބައިތޯ ބެލުން މުހިންމެވެ. އެކްސްޕޭންޝަނަރީ ވިސްނުމެއްގައި ފަރުމާކޮށްފައިވާ 2022 ގެ ބަޖެޓާ މެދު ވަރަށް ކެރިގެން އަލުން ބަލުން ވިސްނައި، އާ ސްޓްރެޓަޖީއެއް ފަރުމާ ކުރުމަކީ މިގޮތުން ކުރެވިދާނެ އެއް ކަންތަކެވެ.
އޮކްޓޯބަރު މަހު އިންފްލޭޝަން 1.7 ޕަސެންޓް މައްޗަށް!
ކާބޯތަކެތީގެ އިންފްލޭޝަން 8.4 ޕަސެންޓުގައި
ރިފޯމާ އެކު އިންފްލޭޝަން 3.9 ޕަސެންޓަށް އަރާނެ
އިންފްލޭޝަން 7.5 ޕަސެންޓަށް އަރާނެ: ވޯލްޑް ބޭންކް
ޖެނުއަރީ މަހު ތަކެތީގެ އަގުތައް ދަށަށް
ރާއްޖޭގެ އިގްތިސާދީ ދުވެލި ދާނީ ދަށަށް: އައިއެމްއެފް
ތަކެތީގެ އަގު އަނެއްކާ ވެސް ދަށަށް!
ސިޔާސަތުތައް ބަދަލުކުރަނީ އަސަރު ކުޑަވާ ގޮތަށް: އަމީރު
ބޭރުގެ ދަރަނި އިތުރުވެ، ރާއްޖެއަށް ނުރައްކާ ބޮޑު
އިންޕްލޭޝަނުން ސަލާމަތެއް ނުވެވޭނެ: ފަޒީލް ނަޖީބް