Roadha Mihaaru
ޝިލްޕާ އާއި ރާޖް ވަރިވަނީ؟

ޝިލްޕާ އާއި ރާޖް ވަރިވަނީ؟

22 ނޮވެމްބަރ 2021

ބަރަހަނާ ފިލްމް ހެދި ކަމަށް ބުނާ މައްސަލައެއްގައި ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދުރާ ބެދި، އާއިލާ އާއި އަމިއްލަ ނަމަށް ވެސް ހުތުރު އަރާފައިވާތީ ރާޖް ގާތުން ޝިލްޕާ ވަރިވާން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބަރަހަނާ ފިލްމް ހެދި ކަމަށް ބުނާ މައްސަލައެއްގައި ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދުރާ ބެދި، އާއިލާ އާއި އަމިއްލަ ނަމަށް ވެސް ހުތުރު އަރާފައިވާތީ ރާޖް ގާތުން ޝިލްޕާ ވަރިވާން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޖުލައި މަހުގެ ތެތޭގައި ރާޖް ހައްޔަރުކޮށް، ދެ މަހެއްހާ ދުވަސް ފަހުން ކަފާލާތުގެ ދަށުން ދޫކޮށްލުމުގެ ކުރިން ވެސް، އޭނާއާ ކުރިން އޮތް ގާތްކަން ޝިލްޕާ ދެން ނުބާއްވަން ނިންމާފައިވާ ކަމުގެ ވާހަކަތަކެއް މީޑިއާތަކުގައި ދެކެވުނެވެ. އަދި އެކަމާ ގުޅިގެން ޝިލްޕާ މީޑިއާތަކަށް ބަހުގެ ހަމަލާތައް ވެސް ދީ، ރާޖް ދެކެ ވަރަށް ލޯބިވާ ކަމަށާއި އެ މީހުން އަބަދުވެސް އެކީގައިވާނެ ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް މިހާރު އަނެއްކާވެސް ވަރީގެ ވާހަކަ މީޑިއާތަކުގައި ދެކެވެން ފަށާފައި މި ވަނީ މި މަހުގެ ކުރީކޮޅު ޝިލްޕާ އާއި ރާޖް އާއިލާގެ ބަޔަކާ އެކު މުމްބާއީން ބޭރަށް ޗުއްޓީ ދަތުރަކަށް ދިއުމުގެ އިތުރަށް އަޅުކަންކުރާ ތަނަކަށް ވެސް ޒިޔާރަތްކުރި ވާހަކަ ވެސް ރިޕޯޓްކޮށްފައި ވަނިކޮށެވެ.

ބައެއް މީޑިއާތަކުން ބުނީ ރާޖްގެ ގާތުން ވަރިވާން ޝިލްޕާ ބޭނުން ވަނީ ލިބުނު ހުތުރު ނަމާ އެކު އޭނާގެ އާއިލާ އާއި ކުދިންނަށް ވެސް އެކަމުގެ ނޭދެވޭ އަސަރު ކުރިއަށް އޮތް ތަނުގައި ކޮށްފާނެތީ އެވެ. އަނެއްކޮޅުން ޝިލްޕާ އަކީ އަބަދު ވެސް ވަރަށް "އިންޑެޕެންޑެންޓް" އަންހެނަކަށް ވާތީ، ވަކި މީހަކަށް ބަރޯސާވެގެން އުޅުމަކީ އޭނާ އަށް މުހިއްމު ކަމަކަށް ނުވުމެވެ.

ފާހަގަކޮށްލެވޭ ކަމަކީ ރާޖްއާ ކައިވެނިކުރި ފަހުން، ޝިލްޕާ އަށް ވެސް ރައްދުވާ ގޮތަށް މަކަރާއި ހީލަތުގެ އެތައް މައްސަލައެއް ފެންމަތިވެ، އެ ވާހަކަތައް ވަރަށް ބޮޑަށް މީޑިއާތަކުގައި މިހާތަނަށް ދެކިފައިވާ ކަމެވެ. މިފަދަ ވާހަކައެއް އެންމެ ފަހުން ދެކެވުނީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ.

ޝިލްޕާ އާއި ރާޖަކީ ކުރިން އިންޑިއަން ޕްރީމިއާ ލީފް (އައިޕީއެލް) ގް ކްރިކެޓް ޓީމެއްގެ ގޮތުގައި މަޝްހޫރުވި ރާޖަސްތާން ރޯޔަލްސް (އާރްއާރް) ގެ ވެސް ހިއްސާދާރުންނެވެ. އެކަމަކު ފަހުން އެ މީހުންނަށް އެ ޓީމާ ފެއަށްދާން ޖެހުނީ ރާޖްގެ ފަރާތުން ފެންމަތިވި ކަމަށް ބުނާ މެޗް ފިކްސިންގެ މައްސަލަތަކެއްގަ އެވެ.

ބަރަހަނާ ފިލްމު ހަދައި، އެ އެއްޗެހިން އާމްދަނީ ހޯދި މައްސަލައިގެ ތަހުގީގު ކުރިއަށްދާ އިރު، ޝިލްޕާ ބުނެފައި ވަނީ އެއީ އޭނާ އަށް އެނގިގެން ހިނގާފައިވާ ކަމެއް ނޫން ކަމަށާއި އެފަދަ އެއްވެސް ކަމެއްގައި ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ.

ދާދި ފަހުން ސޮނީ ޓީވީން ނިންމައިލި "ސުޕަ ޑާންސާ 4" ގެ ޖަޖްކަން ކުރުމަށް ފަހު، ޝިލްޕާ ވަރަށް އަވަހަށް އެ ޗެނެލްގެ އިންޑިއާސް ގޮޓް ޓެލެންޓް (އައިޖީޓީ) ސީޒަން 9 ގެ ޖަޖެއްގެ ގޮތުގައި ވެސް ފެންނާނެ އެވެ. އެކްޓިންއާ ދުރުގައި ހުންނަތާ ވަރަށް ގިނަ ދުވަސް ފަހުން އޭނާ ކުޅުނު "ހަންގާމާ 2" ރިލީޒްކުރީ ޖުލައި މަހުގެ ފަހުކޮޅު އެވެ. އެ ފިލްމު ރިލީޒްކުރި ދަނޑިވަޅަކީ، ރާޖް ބަރަހަނާ ފިލްމު ހެދި މައްސަލާގައި ބެދުނު ދަނޑިވަޅުކަމުން ޝިލްޕާގެ ފިލްމަށް ވެސް އޭގެ ނޭދެވޭ އަސަރުކުރި އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ "ނިކައްމާ" އެވެ.

ރާޖް އާއި ޝިލްޕާ ކައިވެނިކުރީ 2009 ގަ އެވެ. ކައިވެންޏަށް ދެ ކުދިން ލިބިފައިވެ އެވެ. އެއީ ވިއާން ރާޖް ކުންދުރާ، 9، އާއި އެއް އަހަރުގެ ސަމީޝާ ޝެޓީ ރާޖް ކުންދުރާ އެވެ. ރާޖްގެ ފުރަތަމަ ކައިވެންޏަށް ވެސް އަންހެން ދަރިޔަކު ލިބިފައިވެ އެވެ. އެއީ ޑެލީނާ ކުންދުރާ، 15، އެވެ.