Roadha Mihaaru
ކަރަން އާއި ނިޝާގެ ބޮޑެތި ތުހުމަތުތަކެއް

ކަރަން އާއި ނިޝާގެ ބޮޑެތި ތުހުމަތުތަކެއް

03 ޖޫން 2021

ނުވަ އަހަރުވީ ކައިވެނީގައި ބޮޑެތި މައްސަލަތައް ޖެހިފައިވާ ޓީވީ އެކްޓަރު ކަރަން މެހެރާ (ނައިތިކް) އާއި އަންހެނުން ނިޝާ ރާވަލް އެކަކު އަނެކަކަށް ބޮޑެތި ތުހުމަތުތަކެއް އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ނުވަ އަހަރުވީ ކައިވެނީގައި ބޮޑެތި މައްސަލަތައް ޖެހިފައިވާ ޓީވީ އެކްޓަރު ކަރަން މެހެރާ (ނައިތިކް) އާއި އަންހެނުން ނިޝާ ރާވަލް އެކަކު އަނެކަކަށް ބޮޑެތި ތުހުމަތުތަކެއް އެވެ.

ދެ މީހުންގެ ކައިވެންޏަށް މިހާރު ހަތަރު އަހަރުގެ ފިރިހެން ދަރިޔަކު ވެސް ހުއްޓައި ބޮޑެތި މައްސަތަކެއް ޖެހި، ނިޝާ އަށް ކަރަން ގެވެށި އަނިޔާކުރި މައްސަލައެއް ވެސް މިދިޔަ ހޯމަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވެ އެވެ. އަދި އެ މައްސަލާގައި ކަރަން ހައްޔަރުކުރި ނަމަވެސް ކަފާލާތުގެ ދަށުން މިހާރު ހުރީ ދޫކޮށްލައިފަ އެވެ.

ސްޓާ ޕްލަސްގެ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި ކުރިން ނައިތިކްގެ ރޯލު ކުޅުނު ކަރަން ފުލުހުންގެ ބަންދުން ދޫކޮށްލުމާ އެކު މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ބުނީ އަނިޔާކުރާ ކަމަށް ބުނެ ނިޝާ ދެއްކި ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

އޭނާ ބުނި ގޮތުގައި ދެ މީހުންގެ މެދުގައި މައްސަލަ ޖެހި، ދެން އަލުން ސުލްހަވެވިދާނެ ކަމަށް ގަބޫލު ނުކުރެވޭތީ ވަރީގެ ވާހަކަ ދިޔައީ ދެކެވެމުން ކަމަށެވެ. އެގޮތުން ވަރީގެ ބަދަލު ދިނުމާ ގުޅޭ ގޮތުން މަޝްވަރާތަކެއް ކުރެވުނަސް އޭނާގެ ފަރާތުން ނިޝާ އެދެނީ ދެވެން ނެތް ވަރުގެ ބޮޑު ބަދަލެއް ހޯދަން ކަމަށް ކަރަން ބުންޏެވެ. އަދި އެކަމުގައި ނިޝާ އަށް އެންމެ ބޮޑަށް ވާގިދެނީ އޭނާގެ ބޭބެއެއް ކަމަށް ބުންޏެވެ.

"މި ވާހަކަ ދެކެވޭތާ މިހާރު ދުވަސްތަކެއްވެއްޖެ. އެންމެ ފަހުން ހޯމަ ދުވަހުގެ ރޭ މައްސަލަ ހޫނުވީ އަހަރެން ނިދަން ކޮޓަރީގައި އޮއްވައި ނިޝާ އައިސް އަޑުގަދަކޮށް ޒުވާބުކޮށް އަހަރެންގެ މޫނަށް ކުޅު ޖެހީމަ،" ކަރަން ބުންޏެވެ. "އެކަމަކު އަހަރެން އޭނައަކަށް އަނިޔާއެއް ނުކުރަން. އަހަންނަކީ އެކަހަލަ މީހެއް ނޫން. އަދި އަހަރެން ދަންނަ އެންމެން ވެސް އެކަން ވެސް ގަބޫލުކުރާނެ."

ކަރަން ބުނި ގޮތުގައި ނިޝާ އަށް އަނިޔާތަކެއް ލިބިފައި ހުރި ނަމަ އެ އަނިޔާ އަކީ އޭނާގެ ބޮލުގައި އަޅުވަން އަމިއްލަ އަށް ކުރި ކަމެކެވެ.

"މޫނަށް ކުޅު ޖެހީމަ އަހަރެން ދެން ވަނީ ފާހާނާ އަށް މޫނު ދޮންނަން. ވަން އިރަށް ނިޝާ ބުނެފި ކަލޭ ބަލަން ހުންނާށޭ ދެން އަހަރެން ކުރާނެ ކަންތައް. އެހެން ކިޔާފައި އަމިއްލަ އަށް ފާރުގައި ބޯ ތެޅީ،" ކަރަން ބުންޏެވެ. "އަދި ބޭރަށް ގޮސް އެ މަންޒަރު އޭނާގެ ބޭބެ އަށް ދެއްކީ."

އޭނާ ބުނީ މި ގޮތަށް ނިޝާ ކަންތައް ކުރީ ގޭގައި ހުރި ކެމެރާތައް ވެސް ނިއްވާލައިފަ އެވެ.

"އަހަރެމެންގެ ގޭގެ ހުރިހާ ތަނެއްގައި ވެސް ކެމެރާ ހުންނާނެ. އެކަމަކު އަހަރެންގެ ބޮލުގައި ތުހުމަތުތަކެއް އަޅުވަން ދުރާލައި ރާވައިގެން، ކެމެރާތަކާ އެއްޗެހި އޮފްލައި ނިޝާ މި ހުރިހާ ކަމެއް ކުރީ،" ކަރަން ބުންޏެވެ.

ކަރަންއާ ބެހޭ ގޮތުން މީޑިއާތަކަށް ނިޝާ ބުނީ އެ ދެ މީހުން 2012 ގައި ކައިވެނިކުރީ ރައްޓެހިވެގެން އުޅޭތާ 14 އަހަރު ފަހުން ކަމަށެވެ. އެކަމަކު އެހާ ދުވަސްވީ ގުޅުމަކަށް ފަހު ކައިވެނިކޮށް ދަރިޔަކު ލިބުނަސް އުންމީދުކުރި ވަރުގެ ބަދަހި އަދި އުފާވެރި ގުޅުމަކަށް ނުވި ކަމަށް ބުންޏެވެ.

އަންގާރަ ދުވަހުގެ ރޭ ނޫސްވެރިންނާ ބައްދަލުކޮށް ނިޝާ ތުހުމަތުކުރި ގޮތުގައި ކަރަން ދަނީ ސިއްރު ލޯބިވެރިޔަކު ގެންގުޅެމުންނެވެ. އަދި މައްސަލަ ގޯސްވާން ފެށީ އޭގެ ފަހުން ކަމަށް ބުންޏެވެ.

"މިކަމާ ހެދި އަހަރެން ބޭނުންވީ ވަރިވާން. އަދި ގެއިން ނުކުމެގެން މަންމަމެންގެ ކައިރި އަށް ދިއުމުން އާއިލާ އިން އެދުނީ ކައިވެނި ދެމެހެއްޓޭތޯ މަސައްކަތްކުރުމަށް. އެހެންވެ ފާއިތުވި ދުވަސްތަކުގައި އަހަރެން ވަރަށް މަސައްކަތްކޮށްފިން އެކަންވޭތޯ،" ނިޝާ ބުންޏެވެ. "ނަމަވެސް ކަރަން ހުރީ ސުލްހަވާ ގޮތަކަށް ނޫން. އޭނަ އަމިއްލަ އަށް އެއްބަސް ވެސް ވެފައި އޮތީ އެހެން މީހަކު ދެކެ ލޯބިވާ ކަމަށް. އޭގެ ފަހުން އަހަރެމެން ދެ މީހުންގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެ. ފަހުން ފަހުން އައިސް ކަރަން އަހަންނަށް އަނިޔާކުރަން ފެށީ."

އޭނާ ބުނި ގޮތުގައި އަމިއްލަ ދިރިއުޅުމުގެ ވާހަކަތައް މި ގޮތަށް ކިޔައިދޭން ޖެހުމަކީ ވަރަށް ލަދުވެތި ކަމެކެވެ. އެކަމަކު އެ ނޫން ގޮތެއް މިހާރު ނެތް ކަމަށް ބުންޏެވެ.

"އަހަންނަށް އަނިޔާކޮށްފައި އޭނަ މިހާރު އެ ބުނަނީ މި އަނިޔާތަކަކީ އަހަރެން އަމިއްލަ އަށް ލިބިގަތް އަނިޔާ ކަމަށް،" ނިޝާ ބުންޏެވެ. "މި ގުޅުމުގެ ތެރޭގައި އަހަންނަށް ވަނީ ބައިޕޯލާ ޑިސްއޯޑާއާ ވެސް ކުރިމަތިވެފައި. އަދި އެކަމަށް ފަރުވާ ހޯދަން ވެސް ކަރަން ވަނީ ހުރަސް އަޅާފައި."

ނިޝާ، 36، އަކީ ވެސް ބަތަލާއެކެވެ. އޭނާ ފިލްމުތަކާއި ޓީވީ ސިލްސިލާތަކުގައި ވެސް މަސައްކަތްކޮށްފައިވެ އެވެ. ދެހާސް އަށެއްގެ "ރަފޫ ޗައްކަރު" އާއި އެ އަހަރުގެ "ހަސްތޭ ހަސްތޭ" ގައި ވެސް މަސައްކަތްކުރި ބަތަލާ އެންމެ ފަހުން ފެނިފައިވާ ސިލްސިލާ އަކީ މި އަހަރުގެ ކުރީކޮޅު ސްޓާ ޕްލަސް އިން ނިންމައިލި "ޝާދީ މުބާރަކް" އެވެ.