Roadha Mihaaru
ކަރަންޓް ސަބްސިޑީ ކުޑަކުރަންޖެހޭ: ސަލީމް

ކަރަންޓް ސަބްސިޑީ ކުޑަކުރަންޖެހޭ: ސަލީމް

22 ނޮވެމްބަރ 2021

ކަރަންޓު އުފައްދަން ސަބްސިޑީގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ބޮޑު ހޭދައެއް ކުރަމުން ދާތީ، ކަންބޮޑުވުން ފާޅުކުރައްވައި، އެ ހޭދަ ކުޑަކުރަން ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް މިއަދު ގޮވާލައްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކަރަންޓު އުފައްދަން ސަބްސިޑީގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ބޮޑު ހޭދައެއް ކުރަމުން ދާތީ، ކަންބޮޑުވުން ފާޅުކުރައްވައި، އެ ހޭދަ ކުޑަކުރަން ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް މިއަދު ގޮވާލައްވައިފި އެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގައި ކަރަންޓް ސަބްސިޑީ ދިނުމަށް 432 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް ފައިސާ އިތުރަށް ޗާޕުކުރަން ރައްޔިތުންގެ މަޖިލީހުން ދީފައިވާ ހުއްދަ އަދި އެއް އަހަރަށް އިތުރުކުރަމަށް ހުއްދަދިނުމާ ގުޅޭ ގޮތުން އިގްތިސާދީ ކޮމިޓީން ފާސްކުރި ރިޕޯޓަށް މިއަދު މަޖިލީހުގައި ބަހުސްކުރައްވަމުން ސަލީމް ވިދާޅުވީ ބަޖެޓުގައި ނެގެޓިވް އިންވެސްޓަންޓްތަކެއް އެބަހުރި ކަމަށާއި އެއިން އެންމެ ބޮޑު ކަމެއްގެ ގޮތުގައި އޭނާއަށް ފާހަގަކުރެއްވުނީ ކަރަންޓާ ގުޅޭ ގޮތުން ހުރި އިންވެސްޓްމަންޓުތައް ކަމަށެވެ.

އޭނާ ވިދާޅުވީ ދައުލަތުން އާމްދަނީ ހޯދާނެ އިތުރު ގޮތްތަކެއް ހޯދައި ހަރަދު ކުޑަކުރުމުގެ ވިސްނުންތައް ގެންގުޅެން ޖެހޭ ކަމަށާއި ރާއްޖެ މިހާރު އޮތް ހާލަތުގެ ގޮތުން ރައްޔިތުނަށް އަސާސީ ހިދުމަތްތައް ދިނުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށެވެ.

"ބަޖެޓުގައި 28 މިލިއަން ޑޮލަރު ފިއުލް ސަބްސިޑީގެ ގޮތުގައި އެބަ އޮތް. އެއީ މުޅި ޕީއެސްއައިޕީގެ ފަސް ޕަސެންޓް،" ސަލީމް ވިދާޅުވި އެވެ.

ހަކަތައާ ގުޅޭ ގޮތުން ރާއްޖޭގައި ދެ ވައްތަރެއްގެ ސަބްސިޑީއެއް ދެ އެވެ. އެއީ ރާއްޖެ އަށް އެންމެ ގިނައިން ތެޔޮ އެތެރެ ކުރާ ދައުލަތުގެ ކުންފުނި އެސްޓީއޯ އަށް ދޭ ފިއުލް ސަބްސިޑީ އާއި ކަރަންޓު އަގުހެޔޮ ކުރުމަށްޓަކައި ސްޓެލްކޯ އާއި ފެނަކަ އަށް ދޭ ސަބްސިޑީ އެވެ.

ފިއުލް ސަބްސިޑީގެ ގޮތުގައި 2019 އަދި 2018 ވަނަ އަހަރު ސަރުކާރުން އެސްޓީއޯ އަށް އެވްރެޖުކޮށް، ކޮންމެ އަހަރަކު 34 މިލިއަން ޑޮލަރު ދީފައިވެ އެވެ.

"އެސްޓީއޯ އަށް ދޭ ސަބްސިޑީ އަކީ އެއް އަގެއްގައި ހަކަތަ އުފައްދާ ކުންފުނިތަކަށް ތެޔޮ ވިއްކުމަށް ދޭ ސަބްސިޑީއެއް. މާނަ އަކީ ދުނިޔޭގެ ތެލުގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކަށް ބެލުމެއް ނެތި، އެއް އަގެއްގައި ފެނަކަ އަށް ނުވަތަ ސްޓެލްކޯ އަށް ތެޔޮ ވިއްކުމަށްޓަކައި ސަރުކާރުން އަހަރަކު އެބަދެއޭ 34 މިލިއަން ޑޮލަރު އެސްޓީއޯ އަށް،" ސަލީމް ވިދާޅުވި އެވެ.

މި ދެ ވައްތަރުގެ ސަބްސިޑީ އެއްކޮށްލުމުން، ކޮންމެ އަހަރަކު ދައުލަތުން ކަރަންޓަށް ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށާއި މިއީ ވިސްނުންތެރިކަމާ އެކު މަސައްކަތް ކޮށްފި ނަމަ ކުޑަކުރެވިދާނެ ހަރަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި އަދިވެސް އިޔާދަކުރަނިވި ހަކަތައް އުފައްދައި އެ މަސައްކަތް އަވަސްކުރުމަށްޓަކައި އެކަށީގެންވާ ޕްރޮގުރާމްތަކެއް ނުހިންގާތީ ވެސް ސަލީމް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.