Roadha Mihaaru
ފަސް އަހަރުގެ މަސައްކަތާ މެދު ހިތްހަމަޖެހުމާއި ޝުކުރު!

ފަސް އަހަރު ކުރެވުނު މަސައްކަތާ މެދު މެންބަރުންގެ ޝުކުރާއި ހިތްހަމަޖެހުން!

13 މެއި 2024

ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރުގެ ފަސް އަހަރު ތެރޭގައި ކުރެވުނު މަސައްކަތާމެދު ހިތްހަމަޖެހޭކަން ފާހަގަކޮށް، މެންބަރުންގެ ޝުއޫރުތައް މިއަދު ބަންޑުން ކޮށްލައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރުގެ ފަސް އަހަރު ތެރޭގައި ކުރެވުނު މަސައްކަތާމެދު ހިތްހަމަޖެހޭކަން ފާހަގަކޮށް، މެންބަރުންގެ ޝުއޫރުތައް މިއަދު ބަންޑުން ކޮށްލައިފި އެވެ.

މި ދައުރުގެ ފަހު ޖަލްސާ މިއަދު ކުރިއަށް ދިޔައިރު، މެންބަރުންނަށް ފަހު ބަސް ވިދާޅުވުމުގެ ފުރުސަތު ވަނީ ދީފަ އެވެ. މި ދައުރުގައި ތިބި ގިނަ މެންބަރުން އަންނަ ދައުރަށް ހޮވިފައިނުވާއިރު، މެންބަރުން ވަނީ ދާއިރާ ރައްޔިތުންގެ އިތުބާރާއި ލޯބި އޮތް ކަން ފާހަގަކުރައްވައި، ރައްޔިތުންނަށް ގިނަ މަސައްކަތްތަކެއް ކޮށްދެވުމުގެ އުފާ އޮތް ކަން ފާހަގަކުރައްވައިފަ އެވެ.

ހޯރަފުށީ ދާއިރާގެ މެންބަރު އަދި މިދިޔަ އަހަރު ފަހުކޮޅުން ފަށައިގެން މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމު އަދާކުރައްވަމުން ގެންދަވާ އަހުމަދު ސަލީމް (ސައްލެ) ވިދާޅުވީ، މެންބަރެއްގެ މައްޗަށް ކުރަން ލާޒިމުވާ ހުރިހާކަމެއް ވެސް ކުރެއްވީ އިހުލާސްތެރިކަމާއި ތެދުވެރިކަމާ އެކު އެންމެ ފުރިހަމައަށް ކަމަށެވެ.

ސަލީމް ވަނީ އޭނާއަށް ކުރެވުނު މަސައްކަތުން ދާއިރާގެ ގިނަ ރަށްރަށަށް ތަރައްގީ ގެނެސްދެވިފައިވާ ކަން ފާހަގަކުރައްވައި، 700 މިލިއަން ރުފިޔާގެ ތަރައްގީގެ އިންވެސްޓްމަންޓްތައް ދާއިރާގެ ތިން ރަށަށް ގެނެސްދިނުމުގައި އިސް ދައުރެއް އަދާ ކުރެއްވި ކަމަށް ވިދާޅުވެފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަލީމް ވާހަކަދައްކަވަނީ -- ފޮޓޯ: މަޖިލިސް

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަލީމް ވާހަކަދައްކަވަނީ -- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގައި 15 ދައުރު ހޭދަކުރެއްވުމަށްފަހު ނުކުމެވަޑައިގެންނެވި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވީ، ތިން ދައުރު ނިމިގެން ދާއިރު ރައްޔިތުން ކުރި އިތުބާރުގެ މަތީގައި ދެމި ހުންނެވިފައިވާތީ، ސާބިތުކަމާއެކު ކުރައްވާފައިވާ މަސައްކަތްތަކުން ފެންނާނެ ކަމަށެވެ.

"ހަމަގައިމު ވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަން ނޫން ކަމެއް އަޅުގަނޑު ނުކުރަން. މަގާމު ބޭނުން ކޮށްގެން ކުރި ވިޔަފާރިއެއް ނޯންނާނެ. މަގާމު ބޭނުންކޮށްގެން ހޯދި ނާޖާއިޒު މަންފާއެއް ނޯންނާނެ. މަގާމު ބޭނުންކޮށްގެން ރައްޔިތުންގެ އިތުބާރު ގެއްލޭ ފަދަ ކަމެއް ކޮށްފައެއް ނޯންނާނެ،" އާމިރު ވިދާޅުވި އެވެ.

ރައްޔިތުުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އާމިރު ވާހަކަދައްކަވަނީ -- ފޮޓޯ: މަޖިލިސް

ރައްޔިތުުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އާމިރު ވާހަކަދައްކަވަނީ -- ފޮޓޯ: މަޖިލިސް

އާމިރު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި މި ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ތަނެއްގެ ގޮތުގައި ބޭއްވުމަށް ބާރު އަޅަން ޖެހޭ ކަމަށެވެ.

ފަހު ބަހުގެ ގޮތުގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ، މަޖިލީހުން ވަކިވެގެންދިއުމަށް ފަހު ވެސް މަޖިލީހުގެ ބާރުތަކާއި އިމްތިޔާޒުތަކަށް އުނިކަން ގެނައުމަކީ އެއްބަސްވެވަޑައިގަންނަވާނެ ކަމެއް ނޫން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން --

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން --

ރައްޔިތުންގެ ބާރުވެރިކަން މި ރާއްޖެއިން ކެނޑިގެން ދާ ދިއުމުން އެ މަގަށް މަސައްކަތް ކުރުން އެއީ އެއްބަސްވެވަޑައިނުގަންނަވާނެ ކަމެއް ކަމަށާއި އެ ހާލަތުގައި އެއީ ޑިމޮކްރެސީއަށް ވެސް ދެވޭ ގެއްލުމަކަށް ވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންތި ވިދާޅުވީ އޭނާގެ ބަރުލަމާނީ ހަޔާތުގައި މަޖިލިސް ތެރެއިން ކަޅު ދުވަސްތަކެއް ފެނިފައިވާ ކަމަށާއި އެ ދުވަސްތައް މަޖިލިސް ތެރެއިން ތަކުރާރުވާން އެދިވަޑައިނުގަންނަވާ ކަމަށެވެ. އެގޮތުން، މަޖިލީހަށް ސިފައިން ވަދެ އިންތިހާބީ މެންބަރުން ބޭރުކުރުމާއި ސުޕްރީމް ކޯޓުން އިންތިހާބުވެފައިވާ މެންބަރުންނަކީ މެންބަރުން ނޫން ކަމަށް ކަނޑައަޅައި، އެ ކޯޓުން އިމްތިޔާޒުތަކާ ބެހޭ ގާނޫނު އުނިކޮށް ބާތިލްކުރުން ފަދަ އެތައް ކަމެއް ތާރީހުގައި ހިނގާފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

ރައްޔިތުުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިމްތިޔާޒް ވާހަކަދައްކަވަނީ -- ފޮޓޯ: މަޖިލިސް

ރައްޔިތުުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިމްތިޔާޒް ވާހަކަދައްކަވަނީ -- ފޮޓޯ: މަޖިލިސް

އޭނާ ވަނީ ސަރުކާރު ހިންގާ ޕީއެންސީއަށް މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބުނަސް، މަޖިލީހަކީ މިނިވަން ތަނެއްގެ ގޮތުގައި ބޭއްވުމަށް އެދިވަޑައިގެންފަ އެވެ.

"ސަރުކާރަށް ނިސްބަތްވަޑައިގަންނަވާ ސުޕަމެޖޯރިޓީއެއް ލިބުނެއް ކަމަކު ރައްޔިތުންގެ މަޖިލީހަކީ މިނިވަންކަން ލިބިގެންވާ ތަނެއް ކަން މިވަގުތު ވެސް ހަނދާން ކޮށްލަން ބޭނުންވޭ. އެއީ ރައްޔިތުންގެ މަޖިލީހެއް ފަންކްޝަން ވާ ގޮތަށް ފަންކްޝަން ކުރާނަމަ ދެ ބާރު އެކެއް ނުކުރެވޭނެ. އެހެންވީމާ ރަބަރުސްޓޭމްޕް ޖަހާ ތަނަކަށް ނުވުމަށް އަޅުގަނޑު އިލްތިމާސްކުރަން،" އިމްތިޔާޒް ވިދާޅުވި އެވެ.

ރައްޔިތުުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސިރާޖު ވާހަކަދައްކަވަނީ -- ފޮޓޯ: މަޖިލިސް

ރައްޔިތުުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސިރާޖު ވާހަކަދައްކަވަނީ -- ފޮޓޯ: މަޖިލިސް

މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަދި މައިނޯރިޓީ ލީޑަރު މޫސާ ސިރާޖު ވިދާޅުވީ، ފަސް އަހަރު ކުރިން ރައްޔިތުންނަށް ވީ ހުރިހާ ވައުދެއް ފުރިހަމަ ކުރެވި، އެ ކަންކަން ކުރުމަށް މަގުފަހިކުރެވިއްޖެ ކަމަށެވެ. އަދި ރައްޔިތުން އެދުނު މުހިންމު ގިނަ ކަންތައްތަކެއް ކުރެވިއްޖެކަން ފާހަގަކުރައްވައި އޭނާ ވަނީ ދާއިރާއަށް އޮތް ލޯބި ހާމަކުރައްވައިފަ އެވެ.

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވި ގޮތުގައި އޭނާ ދެ ދައުރަށް ފަހު މަޖިލީހުން ނުކުމެގެންދާއިރު، އޭނާ އެންމެ ގަދައަށް ވަކާލާތު ކުރެއްވި ޖޭއެސްސީގެ އެކުލެވުން ބަދަލު ނުވެ އޮތުމުން ހިތާމަ ކުރައްވައި ކަމަށެވެ.

ރައްޔިތުުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަލީ ހުސައިން ވާހަކަދައްކަވަނީ -- ފޮޓޯ: މަޖިލިސް

ރައްޔިތުުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަލީ ހުސައިން ވާހަކަދައްކަވަނީ -- ފޮޓޯ: މަޖިލިސް

އޭނާ ވިދާޅުވީ، ގާނޫނު އަސާސީން އެއް ކަމަކަށް އިސްލާހު ގެންނަނަމަ، އެއީ ގެންނަން ޖެހޭ އިސްލާހެއް ކަމަށާއި މި ދައުރުގައި ވެސް އެ ކަމަށް މަސައްކަތްތަކެއް ކުރެވުނު ކަަމަށެވެ.

"އަޅުގަނޑު ހިތަށް އަރަނީ އަޅުގަނޑު ނިކުމެގެން ދަނީ އުފަލާ ވެސް އެކީގައިއޭ. ހިތާމައާ ވެސް އެކީގައި، އެކަމަކު ރައްޔިތުންނަށް އަޅުގަނޑު ހަމަ ބުނެލަން އޮތީ ޝުކުރިއްޔާއޭ،" އަލީ ހުސައިން ވިދާޅުވި އެވެ.

ފަހު ފުރުސަތުގައި ވާހަކަ ދެއްކެވި ހުރިހާ މެންބަރުން ވެސް ވަނީ ރައްޔިތުން ހަވާލުކުރި މަސައްކަތް ފުރިހަމައަށް އަދާކުރެވުނު ކަމުގެ ހިތްހަމަޖެހުން އޮތް ކަން ފާހަގަކުރައްވައި ރައްޔިތުން ކުރި އިތުބާރަށް ޝުކުރު އަދާކުރައްވާފައި އެވެ.

ނަވާރަ ވަނަ ދައުރުގެ މަޖިލީހުގެ ޖަލްސާތައް މިއަދު ނިންމާލާފައިވާއިރު، 20 ވަނަ ދައުރުގެ މެންބަރުން ހުވާކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ގަ އެވެ.