Roadha Mihaaru
އަމީންގެ މައްސަލައިގައި އެފްބީއައިގެ އެހީ ހޯދަނީ

އަމީންގެ މައްސަލައިގައި ދައުލަތުން އެފްބީއައިގެ އެހީ ހޯދަނީ

22 ނޮވެމްބަރ 2021

ރާއްޖޭގެ އައިއެސް ލީޑަރު ކަމަށް ފުލުހުން ބުނާ މުހައްމަދު އަމީންގެ މައްސަލައިގައި ލިބިފައިވާ ބައެއް ހެކިތައް އިތުރަށް ބެލުމަށް އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)އަށް ފޮނުވަން ނިންމާފައިވާ ކަމަށް ދައުލަތުން މިއަދު ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.

ރާއްޖޭގެ އައިއެސް ލީޑަރު ކަމަށް ފުލުހުން ބުނާ މުހައްމަދު އަމީންގެ މައްސަލައިގައި ލިބިފައިވާ ބައެއް ހެކިތައް އިތުރަށް ބެލުމަށް އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)އަށް ފޮނުވަން ނިންމާފައިވާ ކަމަށް ދައުލަތުން މިއަދު ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.

ފުވައްމުލަކު، ކަރިއްޔާވިލާ، އަމީންގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ހައި ކޯޓުން މީގެ ކުރިން ނިންމި އެވެ. އެކަމަކު، ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ނިންމީ މައްސަލަ ކުރިއަށްގެންދެވޭނެ ކަމަށެވެ.

އަމީންގެ މައްސަލަ ބަލަން ސުޕްރީމް ކޯޓުން އެންގުމުން އެ މައްސަލަ ކްރިމިނަލް ކޯޓުގައި ފަށައި މިއަދު އޮތީ ދެ ހެކިވެރިއެއްގެ ހެކިބަސް ނެގުމެވެ. އެ ދެ ހެކިވެރިންނަކީ ވެސް ފުލުހުންނެވެ. އެއީ ޕްރިލިމިނަރީ މޯބައިލް ފޮރެންސިކް ރިޕޯޓު ތައްޔާރު ކުރި މީހާއާއި ޕްރިލިމިނަރީ ކޮމްޕިއުޓާ ފޮރެންސިކް ރިޕޯޓާއި، ކޮމްޕިއުޓާ ފޮރެންސިކް ރިޕޯޓު ތައްޔާރު ކުރި މީހާ އެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވެފައި ވަނީ އަމީންގެ މައްސަލައިގައި ލިބިފައިވާ ހެކިތައް އިތުރަށް ބެލުމަށް އެމެރިކާގެ އެފްބީއައި ފޮނުވާފައިވާ ކަމަށެވެ. އަދި އެ ހެކިތައް ލިބުމުން ޝަރީއަތަށް ހުށަހަޅާނެ ކަމަށް ވިދާޅުވި އެވެ. ޓެރަރިޒަމްގެ ގާނޫނުގައި ބުނާ ގޮތުން ޝަރީއަތް ހިނގަމުންދާއިރު ވެސް އާ ހެކި ހުށަހެޅުމުގެ ފުރުސަތު އޮވެ އެވެ.

ދައުލަތުން މިއަދު ވަނީ އަމީންގެ ލެޕްޓޮޕުގައި ހުރި ބައެއް ވީޑިއޯތައް ވެސް ދައްކާލައިފަ އެވެ. އެ ވީޑިއޯތަކުން އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިން ހަރަކާތްތެރިވާ މަންޒަރާއި ދީނީ ހަރުކަށި ފިކުރު ފަތުރަން ވާހަކަ ދައްކާ މަންޒަރުތައް ވެސް ހުއްޓެވެ. އޭގެ ތެރޭގައި ދިވެހި ބަހުން ވާހަކަ ދައްކާ ވީޑިއޯއެއް ވެސް ހިމެނެ އެވެ.

ކޮމްޕިއުޓާ ފޮރެންސިކް ރިޕޯޓު ހެދި ފަރާތުން ބުނެފައި ވަނީ މި ހުރިހާ ވީޑިއޯތަކަކީ ވެސް އަމީންގެ ލެޕްޓޮޕުން ފެނުނު ވީޑިއޯތަކެއް ކަމަށެވެ.

ދައުލަތުން ޝަރީއަތް ފެށި އިރު ފުރަތަމަ ހުށަހެޅި ޕްރިލިމިނަރީ ނުވަތަ ވަގުތީ ރިޕޯޓަކީ މުޅިން ނުނިމޭ އެއްޗެއް ކަމަށް ބުނެފައިވިޔަސް މިއަދު ހުށަހެޅި ފައިނަލް ރިޕޯޓުގައި ވެސް އޮތީ އެކައްޗެއް ކަމުން، އެއީ ދައުލަތުގެ އަތުގައި އޮވެ، ޝަރީއަތަށް މި ހުރިހާ ދުވަހު ހުށަނާޅައި އޮތް އެއްޗެއް ކަމަށް ބަލަން ޖެހޭ ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ.

މި މައްސަލަ ބައްލަވާ އިސްގާޒީ އަހުމަދު ޝަކީލް ރިޔާސަތުގައި އިންނެވުމާ މެދު ވެސް ދިފާއީ ވަކީލުން މިއަދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އެއީ މި މައްސަލައިގައި އަމީން ބަންދުން ދޫކުރުމާ ގުޅިގެން ޖޭއެސްސީއިން އޭނާގެ މައްސަލައެއް ބަލަމުންދާތީ ކަމަށް އެ ވަކީލުން ވިދާޅުވި އެވެ.

އެހެންވެ، ޖޭއެސްސީން އެ މައްސަލަ ބަލަނިކޮށް އޭނާ އަމީންގެ މައްސަލަ ބަލަން އިނުމަކީ މަސްލަހަތު ފުށުއަރާ ކަމެއް ކަމަށް ވިދާޅުވި އެވެ. އެހެންވެ، ޖޭއެސްސީއިން އެ މައްސަލަ ބަލަނިކޮށް އޭނާ އަމީންގެ މައްސަލަ ބަލަން އިނުމަކީ މަސްލަހަތު ފުށުއަރާ ކަމެއް ކަމަށް ވިދާޅުވި އެވެ.

ދައުލަތުން ބުނާ ގޮތުގައި އަމީނަކީ ރާއްޖޭގެ އައިއެސް ލީޑަރުގެ ގޮތުގައި ވަކި ފިކުރެއް ކުރިއަރުވައި، އައިއެސް ޖަމާއަތަށް ދިވެހީން ރެކްރޫޓު ކުރަމުން ދިޔަ މީހެކެވެ. އޭނާގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.