Roadha Mihaaru
ބަންގްލަދޭޝް މަސައްކަތްތެރިން ރެގިއުލޭޓުކޮށްދޭން އެދިއްޖެ

ރާއްޖެ އިން ބިދޭސީ މަސައްކަތްތެރިން ރެގިއުލޭޓު ކޮށްދިނުމަށް ބަންގްލަދޭޝްގެ ސަރުކާރުން އެދިއްޖެ

23 ނޮވެމްބަރ 2021

ރާއްޖޭގައި ސައްހަ ލިޔެކިޔުމެއް ނެތި ގަވައިދާ ހިލާފަށް އުޅޭ ބަންގްލަދޭޝްގެ މަސައްކަތްތެރިން ރަޖިސްޓަރީކޮށް، ރެގިއުލޭޓް ކުރުމުގައި އެހީތެރިކަން ދިނުމަށް އެ ގައުމުގެ ފޮރިން މިނިސްޓަރު ޑރ. އޭކޭ އަބްދުލް މޮމެން ދިވެހި ސަރުކާރުގައި އިއްޔެ އެދިވަޑައިގެންފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި ސައްހަ ލިޔެކިޔުމެއް ނެތި ގަވައިދާ ހިލާފަށް އުޅޭ ބަންގްލަދޭޝްގެ މަސައްކަތްތެރިން ރަޖިސްޓަރީކޮށް، ރެގިއުލޭޓް ކުރުމުގައި އެހީތެރިކަން ދިނުމަށް އެ ގައުމުގެ ފޮރިން މިނިސްޓަރު ޑރ. އޭކޭ އަބްދުލް މޮމެން ދިވެހި ސަރުކާރުގައި އިއްޔެ އެދިވަޑައިގެންފި އެވެ.

ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް ބިދޭސީން އަންނަ ބަންގްލަދޭޝްގެ ސަރުކާރުން މި ގޮތަށް އެދުނީ ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމް އެ ގައުމަށް މިހާރު ކުރައްވާ ރަސްމީ ދަތުރުފުޅުގައި ފޮރިން މިނިސްޓަރާއެކު ބޭއްވެވި ބައްދަލުވުމުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ. އޭކޭ ވިދާޅުވީ، ރާއްޖޭގައި ރަޖިސްޓަރީ ވެގެން ގިނަ އަދަދެއްގެ ބަންގްލަދޭޝް މީހުން މަސައްކަތް ކުރި ނަމަވެސް އެ ކަން ނުކޮށް ވެސް ބަޔަކު އުޅޭ ކަަމަށެވެ. އެހެން، އެ މަސައްކަތްތެރިން ރަޖިސްޓަރީކޮށް، ރެގިއުލޭޓު ކުރުމަށް ދިވެހި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް އޭނާ އެދިވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ނައިބު ރައީސް ވިދާޅުވީ، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ލާމަރުކަޒީ އުސޫލުން ސިއްހީ ހިދުމަތް ދިނުމުގައި ގޮންޖެހުންތަކެއް ހުރި ކަމަށެވެ. އެ ކަންކަން ބަލަންޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ލާމަރުކަޒީ އުސޫލުން ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުން ވަރަށް ބޮޑަށް ބޭނުންވާ ކަމަކަށް ވާތީ އެ އަމާޒަށް ވާސިލްވުމަށް ދެ ގައުމުގެ ދެމެދުގައި އެއްބާރުލުން ދިނުމާ ބެހޭގޮތުން ވެސް އެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

އެއާއެކު، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވި އެވެ. އޭގެ ތެރޭގައި މެރިޓައިމް ދާއިރާ އާއި ޝިޕިން އަދި ޓެކްނިކަލް ޓްރެއިނިން ދިނުން ހިމެނެ އެވެ.

ރާއްޖޭގައި އުޅޭ ބިދޭސީންގެ ކަންކަން ހަމަޔަކަށް އަޅުވަން ބަންގްލަދޭޝްގެ ސަރުކާރުން އެދުނުއިރު، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިކޮނޮމިކް މިނިސްޓްރީން މީގެ ކުރިން ރަޖިސްޓްރޭޝަން ޕްރޮގްރާމް ފެށި އެވެ. އެ ޕްރޮގްރާމްގެ ދަށުން 43،000 ބިދޭސީން ރަޖިސްޓަރީ ކުރި ކަމަށް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިދިޔަ ސެޕްޓެމްބަރު މަހު ވިދާޅުވި އެވެ.

ރަޖިސްޓަރީކުރި މީހުންގެ ތެރެއިން 8،938 މީހުން އަމިއްލަ އަށް އެދިގެން ފުރުވައިލި އިރު 15،000 މީހުން އަމިއްލަ އަށް ފުރައިގެން ގޮސްފައިވެ އެވެ.

މިދިޔަ އަހަރާއި މި އަހަރު 3،000 މީހުން ފުރާފައިވާ ކަމަށް ވެސް މިނިސްޓަރު އޭރު ވިދާޅުވި އެވެ

އޭނާ ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގައި 281،000 ބިދޭސީން އުޅެ އެވެ. އޭގެ ތެރެއިން 100،000 އަށް ވުރެ ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ.