Roadha Mihaaru
އަލަށްނެގި ޒުވާން ކުޅުންތެރިން ވޮލީގެ ފައިނަލް ސްކޮޑަށް

އަލަށް ނެގި ޒުވާން ތިން ކުޅުންތެރިން ވޮލީގެ ފައިނަލް ސްކޮޑަށް

15 ޑިސެމްބަރ 2021

ގައުމީ ވޮލީ ޓީމަށް މުޅިން އަލަށް ނެގި، މާއީޝް އަހްމަދު އާއި އަހްމަދު ނާފިއު އާއި ޝާމިލް މުހައްމަދު ފައިނަލް ސްކޮޑުން ޖާގަ ކަށަވަރު ކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ގައުމީ ވޮލީ ޓީމަށް މުޅިން އަލަށް ނެގި، މާއީޝް އަހްމަދު އާއި އަހްމަދު ނާފިއު އާއި ޝާމިލް މުހައްމަދު ފައިނަލް ސްކޮޑުން ޖާގަ ކަށަވަރު ކޮށްފި އެވެ.

ބަންގްލަދޭޝްގައި މިމަހު ބާއްވާ ސެންޓްރަލް ޒޯން މުބާރާތަށް އެކުލަވާލި ޓީމުގައި ތިބީ 30 އަހަރުން މަތީގެ ހަތަރު ކުޅުންތެރިންނެވެ. އެއީ ކެޕްޓަން އިސްމާއީލް ސާޖިދު، ހުސައިން ޝާހިދު، އާދަމް ނަސީމް އަދި މުހައްމަދު ނައީމް އެވެ.

ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) އެކުލަވާލި ސީނިއާ ޓީމުގެ އެންމެ ޒުވާން ކުޅުންތެރިޔަކީ 17 އަހަރުގެ މާއީޝް އެވެ. އޭނާގެ އިތުރަށް އަލަށް ޓީމަށް ނެގީ ނާފިއުގެ އުމުރަކީ 19 އަހަރެވެ. ޝާމިލްގެ އުމުރަކީ 20 އަހަރެެވެ. މުޅި ޓީމުގެ އެވްރެޖް އުމުރަކީ 26 އަހަރެވެ.

މާއިޝް ޝާމިލް، ނާފިއު: ތިން ކުޅުންތެރިން ވަނީ ސީނިއާ ގައުމީ ޓީމުގައި ވަނީ ހިމަނާފާ

މާއިޝް ޝާމިލް، ނާފިއު: ތިން ކުޅުންތެރިން ވަނީ ސީނިއާ ގައުމީ ޓީމުގައި ވަނީ ހިމަނާފާ

އޮކްޓޯބަރު މަހު ބޭއްވި ގައުމީ ބީޗް ވޮލީ މުބާރާތުން ފެށިގެން އެ ތިން ކުޅުންތެރިންގެ ވާހަކަ ގަދަ އެވެ. އެކަމަކު އެ ކުޅުންތެރިން އެންމެ ފުރަތަމަ ފާހަގަވީ އޯގަސްޓް މަހު ޕޮލިސް ކްލަބަށް ކުޅުނު އެގްޒިބިޝަން މެޗުގަ އެވެ. އެ މެޗުގެ ޝަރަފުވެރި މެހެމާނެއްގެ ހައިސިއްޔަތުން ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް ވަޑައިގެންނެވީ މެޗު ބައްލަވާލެއްވުމަށެވެ. އެކަމަކު އެ މެޗުގައި ފެނުނު ޒުވާން ކުޅުންތެރިންގެ ކުޅުމާއެކު އޭނާ އަށް ލިބިވަޑައިގެންނެވި ހިތްހަމަޖެހުން ބޮޑުވި އެވެ. އެ މެޗުން ފާހަގަ ކުރެވުނު ޒުވާން ކުޅުންތެރިންގެ ތެރޭގައި މާއިޝް، ނާފިއު އަދި ޝާމިލް ވެސް ހިމެނުނެވެ.

"ވަރަށް ރަނގަޅު ޒުވާން ކުޅުންތެރިންތަކެއް ޕޮލިސް ކްލަބުގެ ޓީމުގައި އެބަތިބި. އެއީ ތިން އަހަރު ތެރޭ ރާއްޖޭގެ ސީނިއާ ޓީމުގައި ޑޮމިނޭޓް ކުރާނެ ފެންވަރުގެ ކުޅުންތެރިންތަކެއް،" އެ މެޗު ބައްލަވާލެއްވުމަށް ފަހު "މިހާރު" އަށް ރަނޭ ވިދާޅުވެފައި ވެއެވެ.

ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުން ވަނީ މާލޭގައި، ލަންކާގެ ގައުމީ ޓީމާ ދެކޮޅަށް ތިން މެޗު ކުޅެފަ އެވެ.

ގައުމީ ވޮލީ ޓީމު ލަންކާ އާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގެ ކުރިން ގައުމީ ަލަމަށް ހުއްޓިގެން --- ފޮޓޯ: ރައީސް އޮފީސް

ގައުމީ ވޮލީ ޓީމު ލަންކާ އާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގެ ކުރިން ގައުމީ ަލަމަށް ހުއްޓިގެން --- ފޮޓޯ: ރައީސް އޮފީސް

ގައުމީ ޓީމުން ތައްޔާރުވަމުން ދަނީ އިންޑިއާގެ ޓްރޭނިން ކޭމްޕަށެވެ. އެ ކޭމްޕްގައި އިންޑިއާގެ ބައެއް ކްލަބުތަކާ ދެކޮޅަށް މެޗުތަކެއް ކުޅޭނެ އެވެ.

ރާއްޖެ ވާދަކުރާ ސެންޓްރަލް ޒޯންގެ ގުރޫޕް ބީ ނުވަތަ ސައުތު އޭޝިއާ މެންސް ޗެލެންޖް ކަޕުގެ ނަމުގައި ބަންގްލަދޭޝްގައި ބާއްވާ މުބާރާތް އޮންނާނީ އަންނަ އަންގާރަ ދުވަހުން ފެށިގެން މިމަހު 29 ގެ ނިޔަލަށެވެ.

ސެންޓަރަލް ޒޯންގައި ރާއްޖެ ހިމެނޭ ފަޅީގައި މުޅިން އަލަށް ވާދަކުރަނީ ލަންކާ އާއި އުޒްބެކިސްތާނެވެ. ދެން އޮތް ދެ ގައުމު، ނޭޕާލާއި ބަންގްލަދޭޝް އަކީ ސެންޓްރަލް ޒޯން މުބާރާތުގައި މީގެ ކުރިން ރާއްޖެ ކުޅެފައިވާ ދެ ގައުމެވެ. ރާއްޖެއިން ވަނީ 2015 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ކުޅެފަ އެވެ.

ސެންޓްރަލް ޒޯން ފިރިހެން މުބާރާތަށް ފަހު އަންހެން މުބާރާތް ވެސް ބަންގްލަދޭޝްގައި އޮންނާނެ އެވެ. އެ މުބާރާތުގެ ތާރީހު އަދި ފައިނަލެއް ނުވެ އެވެ.

ސެންޓްރަލް ޒޯންގައި ވާދަކުރާ ގައުމީ ވޮލީ ޓީމުގެ ފައިނަލް ސްކޮޑް

- އިސްމާއީލް ސާޖިދު

- އަލީ ހުޒާމް

- އާދަމް ފައިރޫޒް

- ހުސައިން ވިޝާމް

- ހުސައިން ނިލާމް

- ހުސައިން ޝާހިދު

- ޝުއައިބް އަބްދުލް ލަތީފް

- އާދަމް ނަސީމް

- މުހައްމަދު ނައީމް

- މާއިޝް އަހްމަދު

- ޝާމިލް މުހައްމަދު

- އަހްމަދު ނާފިއު