Roadha Mihaaru
ނިޔާޒް ހައްޔަރުކުރީ ޕާޓީގެ ހިންގުމަށް ހުރަސް އެޅުމަށް

ނިޔާޒް ހައްޔަރުކުރީ ޕާޓީ ހިންގުމަށް ހުރަސް އެޅުމަށް: އެމްޑީޕީ

10 ޑިސެމްބަރ 2016

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު މާލީ އަލީ ނިޔާޒް އިއްޔެ ހައްޔަރުކުރީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް އެ ޕާޓީން ވަމުން އަންނަ ތައްޔާރީތައް ހުއްޓުވައި، ޗެއާޕާސަނަކު ނެތް މި ދަނޑިވަޅުގައި ޕާޓީ ހިންގުމަށް ސަރުކާރުން ހުރަސް އެޅުމަށް ކަމަށް އެމްޑީޕީން ރޭ ބުނެފި އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު މާލީ އަލީ ނިޔާޒް އިއްޔެ ހައްޔަރުކުރީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް އެ ޕާޓީން ވަމުން އަންނަ ތައްޔާރީތައް ހުއްޓުވައި، ޗެއާޕާސަނަކު ނެތް މި ދަނޑިވަޅުގައި ޕާޓީ ހިންގުމަށް ސަރުކާރުން ހުރަސް އެޅުމަށް ކަމަށް އެމްޑީޕީން ރޭ ބުނެފި އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރުމާ ގުޅިގެން އެމްޑީޕީގެ ހަރުގޭގެ ކުރިމަތީގައި އިއްޔެ ހަވީރު ބޭއްވި އެއްވުމުގެ ތެރެއިން ފުލުހުން ހައްޔަރުކުރި ނިޔާޒުގެ ބަންދަށް ކްރިމިނަލް ކޯޓުން ރޭ ވަނީ ހަތް ދުވަސް ޖަހައިފަ އެވެ.

މި މައްސަލާގައި އެމްޑީޕީން ފާހަގަކުރި ގޮތުގައި، ނިޔާޒަކީ އެ ޕާޓީގެ މާލީ ކަންތައްތައް ބަލަހައްޓާ ބޭފުޅާގެ އިތުރުން ލޯކަލް އިންތިހާބާ ގުޅޭ ކަންކަމުގައި ލަފާ ދިނުމަށް އިލެކްޝަންސް ކޮމިޝަނުން އުފައްދާފައިވާ ކޮމިޓީގައި އެ ޕާޓީ ތަމްސީލް ކުރައްވާ މެމްބަރު ވެސް މެ އެވެ. އެހެންކަމުން، އެ ޕާޓީން ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ވަމުން އަންނަ ތައްޔާރީތަކަށް، ނިޔާޒް ހައްޔަރު ކުރުމުން ވަރަށް ބޮޑަށް ހުރަސް އެޅޭނެ ކަމަށް އެމްޑީޕީން ބުންޏެވެ.

"މިހާރުން މިހާރަށް އެފަދަ ނާތަހުޒީބު އަމަލުތައް ހުއްޓާލުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ހަރުއަޑުން ގޮވާލަމެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

ނިޔާޒް ހައްޔަރު ކުރުމަކީ ގާނޫނުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައި ސީދާ ރައްޔިތުންގެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އަރައިގަތުން ކަމުގައި ދެކޭ ކަމަށް ވެސް އެމްޑީޕީން ބުނެ އެވެ. އެހެންކަމުން، އެފަދަ ގާނޫނީ ހަމައެއް ނެތް ކަންކަމުގައި ފުލުހުންގެ އަގުހުރި ވަގުތު ނަގާނުލައި، ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން، ގާނޫނުގެ ތަރަހައިގެ ތެރޭގައި ފުލުހުންގެ މަސައްކަތް ބައްޓަންކޮށް، ޑިމޮކްރަސީގެ އުސޫލަށް ރުޖޫއަވުމަށް ފުލުހުންނަށް އެމްޑީޕީން ގޮވާލާފައިވެ އެވެ.

"ސިޔާސީ ނުފޫޒުން އެއްކިބާވެ ސުލްހަވެރި ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ފުރުސަތުދީ، ދިވެހި ރައްޔިތުންގެ ހައްގުތައް ފުރިހަމައަށް ހިމާޔަތް ކުރުމަށް މަސައްކަތްކުރާ ބަޔަކަށް ވުމަށް ދިވެހި ފުލުހުންނަށް ގޮވާލަމެވެ،" ބަޔާނުގައިވެ އެވެ.