Roadha Mihaaru
ޕީއެސްޖީ ބަލިކޮށް މެންޗެސްޓާ ސިޓީ ދެވަނަ ބުރަށް

ސިޓީން ފަހަތުން އަރައި ޕީއެސްޖީ ބަލިކޮށް ދެވަނަ ބުރަށް

25 ނޮވެމްބަރ 2021

މެންޗެސްޓާ (ނޮވެމްބަރު 25) - ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގައި ފްރާންސްގެ ޕީއެސްޖީއާ ވާދަކޮށް މެންޗެސްޓާ ސިޓީ ފަހަތުން އަރައި މެޗު ކާމިޔާބުކޮށް، ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެންޗެސްޓާ (ނޮވެމްބަރު 25) - ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގައި ފްރާންސްގެ ޕީއެސްޖީއާ ވާދަކޮށް މެންޗެސްޓާ ސިޓީ ފަހަތުން އަރައި މެޗު ކާމިޔާބުކޮށް، ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

ޕެޕް ގާޑިއޯލާގެ މެންޗެސްޓާ ސިޓީން ފްރާންސްގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުން 2-0 އިން ޕީއެސްޖީ އަތުން ބަލިވި ނަމަވެސް ރޭގެ މެޗް ސިޓީ ކާމިޔާބުކުރީ 2-1 އިންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ މެންޗެސްޓާ ޔުނައިޓެޑުގެ ހުސްވެފައިވާ ކޯޗުގެ މަގާމާ ހަވާލުވާން އުޅޭކަމުގެ އަޑުތައް ގަދަ ވެފައިވާ މައުރީސިއޯ ޕޮޗެޓީނޯގެ ޕީއެސްޖީންނެވެ. ފުރަތަމަ ހާފު ލަނޑެއް ނުޖެހި އެއްވަރުވެފައި ވަނިކޮށް ޕީއެސްޖީ އަށް ލީޑު ނަގައިދިނީ ދެވަނަ ހާފުގެ ފަސްވަނަ މިނިޓުގައި ކިލިއަން އެމްބާޕޭ އެވެ. މި ލަނޑު ޖެހިތާ 13 މިނިޓު ފަހުން، 63 ވަނަ މިނިޓުގައި ސިޓީ އަށް އެއްވަރުކޮށްދިނީ ރަހީމް ސްޓާލިން އެވެ. އަދި އޭގެ 13 މިނިޓު ފަހުން ސިޓީއަށް ލީޑު ނަގައިދިނީ ދެވަނަ ހާފުގައި ކުޅެން އެރުވި ގެބްރިއެލް ޖީސަސް އެވެ.

ސިޓީ އެއްވަނައިގައި އޮތީ ފަސް މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ޕީއެސްޖީ އަށް ލިބެނީ ނުވަ ޕޮއިންޓެވެ. ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޕީއެސްޖީން ބެލްޖިއަމްގެ ކްލަބް ބުރޫޖްއާ ވާދަކޮށް މޮޅުވެގެން ވެސް ގުރޫޕްގެ އެއްވަނަ ނުލިބޭނެ އެވެ.

ތިންވަނަ އަދި ހަތަރުވަނައިގައި އޮތް ޖަރުމަނުގެ އާރުބީ ލިޕްޒިގާއި ބުރޫޖް ބައްދަލުކުރި މެޗު 5-0 އިން ކާމިޔާބުކުރީ ލިޕްޒިގެވެ.

ސްޕެއިންގެ ރެއާލް މެޑްރިޑް ވެސް ވަނީ ގްރޫޕް ސްޓޭޖުގައި ރޭ މޯލްޑޯވާގެ ޝެރިފް ޓިރާސްޕޯލާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފަ އެވެ.

ރެއާލްގެ ލަނޑުތައް ޖަހައިދިނީ ޑޭވިޑް އަލްބާ އާއި ޓޯނީ ކްރޫސް އަދި ކެޕްޓަން ކަރިމް ބެންޒެމާ އެވެ.

މި ނަތީޖާއާ އެކު 12 ޕޮއިންޓް ހޯދައިގެން ރެއާލް އޮތީ ގުރޫޕް ޑީގެ އެއްވަނައިގަ އެވެ. ދެވަނައިގައި އޮތް އިންޓަ މިލާނަށް ލިބިފައި ވަނީ 10 ޕޮއިންޓެވެ. އިންޓަ ވަނީ ރޭ ވަނީ އަމިއްލަ ދަނޑުގައި އެޑިން ޒެކޯގެ ދެ ލަނޑުން 2-0 އިން ޔޫކްރޭންގެ ޝަކްތާ ޑޮނެޓްސްކް ބަލިކޮށްފަ އެވެ. ހަ ޕޮއިންޓާ އެކު ތިންވަނައިގައި އޮތް ޝެރިފް ޓިރާސްޕޯލް ވާދަކުރަން ޖެހޭނީ ޔޫރޮޕާ ލީގުގަ އެވެ.