Roadha Mihaaru
އިންތިހާބަށް ޖޭޕީ އާއި އެމްއެންޕީން ފޯމިއުލާއެއް ހޯދަނީ

ރިޔާސީ އިންތިހާބަށް އެކުވާން ޖޭޕީ އާއި އެމްއެންޕީން ފޯމިއުލާއެއް ހޯދަނީ

18 ޖުލައި 2023

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތް ކުރުމުގެ ފޯމިއުލާއެއް ހޯދަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، އެންއެމްޕީއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތް ކުރުމުގެ ފޯމިއުލާއެއް ހޯދަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، އެންއެމްޕީއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

އެމްއެންޕީގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަަޑައިގަތީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް އާއި ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒްގެ އިތުރުން ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމެވެ.

ގާސިމް ދިރިއުޅުއްވާ ޕެރަޑައިސް އައިލެންޑްގައި ބޭއްވި ބައްދަލުވުމަށް ފަހު ގާސިމް ވިދާޅުވީ އޭނާގެ ދައުވަތަކަށް ނާޒިމް ވަޑައިގަތުމުން މަޝްވަރާ ކުރެއްވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ކަމަށެވެ.

"ދެކެވުނު ވާހަކަތައް ވަރަށް ކާމިޔާބު. އުއްމީދުތަކެއް އަޅުގަނޑުމެންނަށް ލިއްބައިދިން. ދެން އިތުރަށް ކުރިއަށް ގޮސް މެދުކެނޑުމެއް ނެތި ބައްދަލުވުންތައް ދާގޮތް އަޅުގަނޑުމެން ރައްޔިތުންނާ ހަމައަށް ގެނެސްދޭނަން،" ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބައްދަލުވުން ވަރަށް ކާމިޔާބެވެ.

އުޝާމް ވެސް ވިދާޅުވީ މި ބައްދަލުވުމުގައި ވާހަކަ ދެއްކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި އަންނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ދެ ޕާޓީން އެކުގައި މަސައްކަތް ކުރުމާ ގުޅޭ ގޮތުން ކަމަށް ވިދާޅުވި އެވެ.

ދެކެވުނު ވާހަކަތައް ވަރަށް ކާމިޔާބު. އުއްމީދުތަކެއް އަޅުގަނޑުމެންނަށް ލިއްބައިދިން. ދެން އިތުރަށް ކުރިއަށް ގޮސް މެދުކެނޑުމެއް ނެތި ބައްދަލުވުންތައް ދާގޮތް އަޅުގަނޑުމެން ރައްޔިތުންނާ ހަމައަށް ގެނެސްދޭނަން. -- ގާސިމް

އޭނާ ވިދާޅުވި ގޮތުގައި އެ ބައްދަލުވުމުގައި ރަނގަޅު މަޝްވަރާތަކެއް ކުރެވުނެވެ.

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަރިހުގައި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ނާޒިމް - ފޮޓޯ: ޓުވިޓާ

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަރިހުގައި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ނާޒިމް - ފޮޓޯ: ޓުވިޓާ

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަޅުގަނޑުމެން ދެ ޕާޓީއަށް އެކުގައި މަސައްކަތް ކުރެވޭނެ ހަމަ ރަނގަޅު ފޯމިއުލާއެއް ނެރެވޭނެ. ކުރިއަށް އޮތް ތާނގައި މި މަޝްވަރާތައް މިގޮތަށް ކުރިއަށް ގެންދާނަން،" އުޝާމް ވިދާޅުވި އެވެ.

އިންތިހާބަށް ޖޭޕީ އާއި އެމްއެންޕީން ބައްދަލުކުރިއިރު، ދެ ޕާޓީން ވެސް ކުރިން ބުނެފައި ވަނީ ކޯލިޝަން ހެދިޔަސް ފުރަތަމަ ބުރުގައި ވަކިން ވާދަކުރާނެ ކަމަށެވެ. އެމްއެންޕީއަށް ކޯލިޝަންގެ ދައުވަތު ޖޭޕީން ދިނުމުން އެ ޕާޓީން އޭރު ބުނެފައި ވަނީ ކޯލިޝަން ހަދާ ނަމަ ޕާޓީތަކުން އަރަން ޖެހޭނީ އެންއެމްޕީގެ ކެންޑިޑޭޓް ނާޒިމްގެ ފަހަތަށް ކަަމަށެވެ. ޖޭޕީގެ ވެސް އަދިވެސް ސްޓޭންޑަކީ އެ ޕާޓީގެ ކެންޑިޑޭޓް ގާސިމްގެ ފަހަތަށް އެހެން ޕާޓީތަކުން އެރުމެވެ.

އެމްއެންޕީ އުފެއްދީ ޖޭޕީގައި އިސްކޮށް ނާޒިމާއި ރިޔާޒް އުޅުއްވުމަށް ފަހު އެ ޕާޓީގެ މިސްރާބާ މެދު ހިތްހަމަޖެހިވަޑައިނުގެން ވަކިވުމަށް ފަހު އެވެ.

ރިޔާސީ އިންތިހާބަށް ކޯލިޝަން ހަދަން ޖޭޕީން ދިން ދައުވަތު އެއްވެސް ސިޔާސީ ޕާޓީއަކުން ގަބޫލުނުކުރިއަސް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް މެމްބަރުންނާ އެކު އިންތިހާބަށް މަޝްވަރާތަކަށް ކުރި އެވެ. އެކަމަކު އެ މަޝްވަރާތައް މަޑުޖެހިފައި ވަނިކޮށް ޕީޕީއެމާ އެކު ވެސް ވާހަކަތަކެއް މި ދޭތެރެއިން ބޭއްވި އެވެ.

އެކަމަކު ޕީޕީއެމުން ބުނެފައިވާ ގޮތުގައި ކޯލިޝަން ހަދަން އެ ބައްދަލުވުމުގައި މަޝްވަރާއެއް ނުކުރެ އެވެ. އެ ޕާޓީން އެހެން އެއްވެސް ބައެއްގެ ފަހަތަށް ނާރަން ނިންމާފައިވާ ސްޓޭންޑް ބަދަލު ނުވާ ކަމަށް ވެސް އިދިކޮޅުން ބުނެފައިވެ އެވެ.

ސެޕްޓެމްބަރު 9 ގައި އޮންނަ އިންތިހާބުގައި އިދިކޮޅު ޕާޓީތަކުގެ އަމާޒަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބަލިކުރުމެވެ. އެކަމަކު މި އިންތިހާބަށް އެމްޑީޕީއާ އެކު އަދާލަތާއި އެމްޑީއޭ އިން ވަނީ ކޯލިޝަން ހަދައިފަ އެވެ. އެމްޑީޕީން ބުނަމުން އަންނަނީ އެއް ބުރުން އިންތިހާބު ކާމިޔާބުވާނެ ކަަމަށެވެ.