Roadha Mihaaru
އެމްޕީއެލަށް މަޑުޖެހުމެއް، ޕޮލިސްގެ ފުރަތަމަ މޮޅު

ކްލަބު މޯލްޑިވްސް: އެމްޕީއެލް އަށް މަޑުޖެހުން، ޕޮލިސް ފުރަތަމަ މޮޅު

26 ނޮވެމްބަރ 2021

ކްލަބު މޯލްޑިވްސް އަންހެން ޑިވިޝަންގައި، އެންމެ ފަހުގެ ޗެމްޕިއަން އެމްޕީއެލްއިން ވެމްކޯގެ މައްޗަށް މޮޅުނުވެވި މަޑު ޖެހުން އަތުވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ކްލަބު މޯލްޑިވްސް އަންހެން ޑިވިޝަންގައި، އެންމެ ފަހުގެ ޗެމްޕިއަން އެމްޕީއެލްއިން ވެމްކޯގެ މައްޗަށް މޮޅުނުވެވި މަޑު ޖެހުން އަތުވެއްޖެ އެވެ.

އަންހެން ޑިވިޝަން ނުވަތަ 18/30 ވިމެން ފުޓްސަލް ފިއެސްޓާގެ ގުރޫޕް 1 ގައި ޕޮލިސް ކްލަބުން ވަނީ އިކޮނޮމިކް މިނިސްޓްރީގެ މައްޗަށް 8-0 އިން ކާމިޔާބު ހޯދައިފަ އެވެ.

ވިމެންސް ފުޓްސަލް ފިއެސްޓާގެ ފުރަތަމަ މެޗުގައި އެމްޕީއެލް އިން ވަނީ ފެނަކަގެ މައްޗަށް ފަސޭހަ މޮޅެއް ހޯދައިފަ އެވެ. އެކަމަކު ރޭ ވެމްކޯއާ ދެކޮޅަށް ކުޅުނު މެޗުގައި އެމްޕީއެލް އަށް މަޑުޖެހުމެއް އައީ އެވެ. މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

މެޗުގައި ފުރަތަމަ ލީޑު ނެގީ އެމްޕީއެއލްއިންނެވެ. އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ އާމިނަތު ޝާމިލާ އެވެ. ވެމްކޯ އަށް އެއްވަރު ކޮށްދިނީ ތައިލެންޑް ގައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިޔާ ދަރިކާ ޕީންޕައިލުން އެވެ. ގުރޫޕް 2 ގެ އެއްވަނައިގައި އެމްޕީއެލް އޮތީ ހަތަރު ޕޮއިންޓާއެކު އެވެ. ވެމްކޯ ދެވަނައިގައި އޮތީ ދެ ޕޮއިންޓާއެކު އެވެ. ފެނަކަ އަށް އެއް ޕޮއިންޓެވެ.

ދެ ގުރޫޕަކަށް ބަހާލާފައިވާ އަންހެން ޑިވިޝަންގައި ކޮންމެ ގުރޫޕެއްގައި ވެސް ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެފަހަރު ކުޅުމަށް ފަހު ސެމީ ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.

ގުރޫޕް 1 ގެ އެއްވަނައިގައި އޮތް ދިވެހި ސިފައިންގެ ކްލަބުން އިކޮނޮމިކް މިނިސްޓްރީ ޓީމު ކޮޅަށް 22 ލަނޑު ޖެހި އެވެ. ރޭ ޕޮލިސް ކްލަބުން ކާމިޔާބު ކުރި އަށް ލަނޑުގެ ތެރެއިން ތިން ލަނޑު ޖެހީ ފާތިމަތު ތީބާ އެވެ. ލުބުނާން ގައުމީ ޓީމުގެ ފޯވާޑް ސިލީން އަލް ހައްދާދު ދެ ލަނޑު ޖެހި އެވެ. އަނެއް ތިން ލަނޑު ޖެހީ ކުރިން ގައުމީ އަންހެން ޓީމަށް ފުޓްބޯޅަ ކުޅުނު ފަދުވާ ޒާހިރު އާއި އަދި ލުބުނާންގެ މިޑްފީލްޑާ ނެންސީ ޗައިލިއަން އާއި ފާތިމާތު ސައިނާ އެވެ.

އެ ގުރޫޕްގެ އެއްވަނައިގައި އޮތީ ސިފައިންނެވެ. އެ ޓީމު ވަނީ ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ.

ފިރިހެން ޑިވިޝަން

ފިރިހެން ޑިވިޝަންގެ ގުރޫޕް އޭގައި އުރީދޫ އާއި ކަސްޓަމް ކުޅުނު މެޗު އުރީދޫ ކާމިޔާބު ކުރީ 3-1 އިންނެވެ. އުރީދޫގެ ލަނޑުތައް ޖެހީ މުހައްމަދު ރިފްޝާން، މުހައްމަދު އަނަސް ހުސައިން އާތިފް އެވެ. ކަސްޓަމްސްގެ ލަނޑު ކާމިޔާބު ކުރީ މުންތާޒު އަބްދުލް ރަޝީދެވެ.

ގުރޫޕް އެޗްގައި އެސްޓީއޯ އާއި އެމްޓީސީސީ ކުޅުނު މެޗު އެސްޓީީއޯ 1-0 އިން ކާމިޔާބު ކުރީ އިނާން އަހްމަދު ޖެހި ލަނޑުންނެވެ. ގުރޫޕް ބީގައި އިކޮނޮމިކް މިނިސްޓްރީން ވަނީ ހުޅުމާލޭ ހޮސްޕިޓަލް 4-3 އިން ބަލިކޮށްފަ އެވެ. އިކޮނޮމިކް މިނިސްޓްރީގެ ލަނޑުތައް ޖެހީ ޖުމައިލް ޖަމީލް، ހިޝާމް ހަސަން ވަހީދު އަދި ދެ ލެނޑު ޖެހި ޝާމިލް ރަޝީދު އެވެ. ހުޅުމާލޭ ހޮސްޕިޓަލްގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ އަބްދުﷲ ނާސިފް އެވެ. އަނެއް ލަނޑު ޖެހީ އަލީ ޝާޒް ހިލްމީ އެވެ.

އުރީދޫ އާއި ކަސްޓަމް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އިމޭޖަސް އެމްވީ

އުރީދޫ އާއި ކަސްޓަމް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އިމޭޖަސް އެމްވީ

ގުރޫޕް ސީގައި މާލޭ ސިޓީ ކައުންސިލް އަދި ޔޫތު މިނިސްޓްރީ ކުޅުނު މެޗު ސިޓީ ކައުންސިލުން ކާމިޔާބު ކުރީ 7-2 އިންނެވެ. ފުރަތަމަ ޑިވިޝަންގެ ކުޅުންތެރިން ހިމެނޭ ސިޓީ ކައުންސިލްގެ ހަތް ލަނޑުގެ ތެރެއިން ހަތަރު ލަނޑު ޖެހީ ޝިފާޒު އާދިލް އެވެ. އަނެއް ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ އަހްމަދު އައިހަމް އެވެ. އަނެއް ލަނޑު ޖެހީ ހުސައިން އަހްޝަމް މޫސާ އެވެ.

މުބާރާތުގައި މިރޭ ކުޅޭ މެޗުތަކަކީ، ގުރޫޕް ޑީގެ އެޗްޑީސީ އާއި ރޯޑް ކޯޕަރޭޝަން، ގުރޫޕް ގުރޫޕް ޖީގައި ދިރާގާއި ހައުސިން މިނިސްޓްރީ، ގުރޫޕް އެފްގައި އޭވިއޭޝަން ސެކިއުރިޓީ އާއި ރާއްޖެ އޮންލައިން އަދި ގުރޫޕް ޖީގައި ޕީޖީ އޮފީހާއި ސިފައިންގެ މެޗެވެ.