Roadha Mihaaru
އާރްޑީސީގެ "މީ ޓީމެކޭ"  ކުންފުނި ރަމްޒުކޮށްދޭ ނަމެއް

އާރްޑީސީގެ "މީ ޓީމެކޭ" މުޅި ކުންފުނި ތަމްސީލުކުރާ ސްލޯގަން

12 ޑިސެމްބަރ 2021

މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ފުޓްސަލް މުބާރާތުގައިި ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަންގެ ރޯޑް ރެކްރިއޭޝަން ކްލަބްގެ ވާހަކަ ގަދަ ވެއްޖެ އެވެ. ކްލަބް މޯލްޑިވްސްގެ މިފަހަރު މުބާރާތުގައި ވަރުގަދަ ކަމަށް ބުނި ޓީމުތައް ކަމަށްވާ، ބީއެމްއެލް އާއި ވެމްކޯ އަދި ސެޓެލްކޯ ފަދަ ޓީމުތައް މުބާރާތުން ކަޓައިގެން ދިއުމުން މިހާރު ފޭވަރިޓުންގެ ލިސްޓްގައި އާރްޑީސީގެ ނަން ވެސް ގުނަން ފަށައިފި އެވެ.

މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ފުޓްސަލް މުބާރާތުގައިި ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަންގެ ރޯޑް ރެކްރިއޭޝަން ކްލަބްގެ ވާހަކަ ގަދަ ވެއްޖެ އެވެ. ކްލަބް މޯލްޑިވްސްގެ މިފަހަރު މުބާރާތުގައި ވަރުގަދަ ކަމަށް ބުނި ޓީމުތައް ކަމަށްވާ، ބީއެމްއެލް އާއި ވެމްކޯ އަދި ސެޓެލްކޯ ފަދަ ޓީމުތައް މުބާރާތުން ކަޓައިގެން ދިއުމުން މިހާރު ފޭވަރިޓުންގެ ލިސްޓްގައި އާރްޑީސީގެ ނަން ވެސް ގުނަން ފަށައިފި އެވެ.

މުބާރާތް ފެށުނީންސުރެ އެ ޓީމުން ބޭނުން ކުރަމުން އަންނަ ޝިއާރު ވެސް މުބާރާތުގެ ތެރޭގައި މަޝްހޫރެވެ. "މީ ޓީމެކޭ" ގެ ނަމުގައި އާރްޑީސީން ބޭނުން ކުރާ ސްލޯގަން އިން ދޭހަ ކުރަން ބޭނުންވާ މާނަ އަކީ، މުޅި ކުންފުންޏެވެ.

"އަޅުގަނޑުމެން ކުންފުނީގެ އެންމެ އާދައިގެ މުވައްޒަފުން ފެށިގެން ކުންފުނީގެ އެމްޑީ ހިމެނޭ ގޮތަށް މުޅި ކުންފުންޏޭ މި ޓީމް ތަމްސީލު ކުރަނީ،" ކްލަބްގެ ސްލޯގަން އާ ބެހޭގޮތުން ރޯޑް ރެކްރިއޭޝަން ކްލަބުގެ ރައީސް ހުސައިން ޝާފިއު ވިދާޅުވި އެވެ.

ޓީމުގެ ޖޯޒީގެ މޭމަތީގައި ޖަހާފައިވާ ކްލަބުގެ ލޯގޯއިން ވެސް ތަމްސީލުކޮށްދެނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި މަސައްކަތް ކުރާ އެ ކުންފުނީގެ މުވައްޒަފުންނެވެ.

އާރްއާރްސީގެ މުޅި ޓީމު -- ފޮޓޯ: އާރްއާރްސީ

އާރްއާރްސީގެ މުޅި ޓީމު -- ފޮޓޯ: އާރްއާރްސީ

ކުރިން އެމްއާރްޑީސީގެ ނަމުގައި އޮތް ކުންފުނި އުވާލުމަށް ފަހު ރޯޑް ޑިވޮލޮޕްމެންޓަށް މުޅިން އާ ކުންފުންޏެއް އުފެއްދި އެވެ. އެމްއާރްޑީސީގެ ނަމުގައި ވެސް ކްލަބު މޯލްޑިވްސްގައި ޓީމެއް ކުރިން ވާދަކޮށްފައިވެ އެވެ. ހަސަން ހަމީދު (ޑަކޭ) ގެ ކޯޗު ކަމުގެ ދަށުން އެ ޓީމު ފައިނަލް ވެސް ކުޅުނެވެ.

އެކަމަކު، އޭރު އޮތް އެމްއާރްޑީސީ އާއި މިހާރު އޮތް އާރްޑީސީއާ އެއްވެސް ގުޅުމެއް ނެތެވެ. މިއީ އާރްޑީސީގެ ނަމުގައި ވާދަކުރި މުޅިން އާ ޓީމެކެވެ. ކްލަބް މޯލްޑިވްސްގެ ގުރު ނެގިއިރު ވެސް އާރްޑީސީ އޮތީ ޕޮޓް 4 ގަ އެެވެ.

އަލަށް ވާދަކުރި ފަހަރު ކުއާޓާ ފައިނަލާ ހަމައަށް ދިއުމަކީ، އާރްއާރްސީއަށް މުޅިން އާ ކުރިއެރުމެއްކަން ފާހަގަ ކުރެވެއެވެ. ކުއާޓާގައި އެ ޓީމުން އެމްޕީއެލްއާ ވާދަކުރަން ޖެހޭ މެޗު، މިރޭ ކުޅޭ ގޮތަށް ކުރިން އޮތީ ހަމަޖެހިފަ އެވެ. އެކަމަކު ރޭ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ރޭ ކުޅެން ހަމަޖެހިފައިވާ މެޗުތައް މިރެއަށް ވަނީ ފަސްކޮށްފަ އެވެ.

އާރްއާރްސީގެ ސަޕޯޓަރަކު ޓީމަށް ސަޕޯޓް ދެނީ --- ފޮޓޯ: އާރްއާރްސީ

އާރްއާރްސީގެ ސަޕޯޓަރަކު ޓީމަށް ސަޕޯޓް ދެނީ --- ފޮޓޯ: އާރްއާރްސީ

އަލަތު މުބާރާތުން ކުއާޓާއާ ހަމައަށް ދެވުމުގައި އެންމެ ބޮޑު ކްރެޑިޓެއް ޝާފިއު ދެއްވަނީ، އެޓީމުގެ ފަހަތުގައި ތިބި ސަޕޯޓަރުންނަށެވެ. ކުޅުންތެރިން ދަނޑު މަތީގައި ކުޅުނަސް "ސަޕޯޓަރުންނާ ނުލައި މިހިސާބަށް ނުދެވޭނެ" ކަމަށް ޝާފިއު ވިދާޅުވި އެވެ. ސަޕޯޓަރުންނަށް އޭނާ މުހާތަބް ކުރެއްވީ "ޓީމުގެ 15 ވަނަ ކުޅުންތެރިޔާ" ގެ ގޮތުގަ އެވެ. ސަޕޯޓް ދެނީ ހަމައެކަނި ދަނޑުމަތީގައި އެ ވަގުތު އަރައިތިބޭ ފަސް ކުޅުންތެރިންނަށް އެކަނި ނޫން ކަމާއި ބެންޗުގައި ތިބޭ ކުޅުންތެރިންނާއި އޮފިޝަލުންގެ ފަހަތުގައި މުޅި ސަޕޯޓަރުން ތިބުން ރަމްޒުކޮށްދޭން އާރްއާރްސީން ބޭނުންވާތީ 15ވަނަ ކުޅުންތެރިޔާގެ ގޮތުގައި ސަޕޯޓަރުންނަށް ނަން ދިނީ އެވެ.

އާރްއާރްސީގެ ސަޕޯޓަރުން ޓީމަށް ސަޕޯޓް ދެނީ --- ފޮޓޯ: އާރްއާރްސީ

އާރްއާރްސީގެ ސަޕޯޓަރުން ޓީމަށް ސަޕޯޓް ދެނީ --- ފޮޓޯ: އާރްއާރްސީ

ކުއާޓާ ފައިނަލާ ހަމައަށް ދެވުނަސް އާރްޑީސީން ވިސްނަނީ މެޗަކަށް ފަހު މެޗަކަށެވެ.

ޝާފިއު ވިދާޅުވީ މުބާރާތް ފެށުމުގެ ކުރިން ވެސް ޓީމުން ވިސްނުން ގެންގުޅެފައި ވަނީ މެޗަކަށް ފަހު މެޗަކުން ކުރިއަށް ދިއުމަށެވެ.

"ދެވަނަ ބުރަށް ދިއުމުގެ ކުރިން ވެސް އަޅުގަނޑުމެން ނުވިސްނަން ދެވަނަ ބުރާ މެދު. އެންމެ ފުރަތަމަ މެޗުން ފެށިގެން ވެސް ވިސްނީ އެ ވަގުތަކު ކުޅެން އޮތް މެޗެއް ކާމިޔާބު ކުރެވޭތޯ، ދެވަނަ ބުރަށް ދިޔައީމަ ވެސް ކުއާޓާއާ މެދު ނުވިސްނަން. ވިސްނީ ދެވަނަ ބުރުގައި އޮތް މެޗު ކާމިޔާބު ކުރުމަށް،" ދިރާގު ކޮޅަށް އަށް ލަނޑު ޖަހައިގެން ކުއާޓާ ފައިނަލަށް ދަތުރު ކުރި ޓީމުގެ ރައީސް ވިދާޅުވި އެވެ.

އަލަށް ވާދަކުރި މުބާރާތުން ފެނުނު ކުރިއެރުމާއެކު އެކު، އާރްޑީސީގެ މެނޭޖްމެންޓްގެ ވިސްނުން އަންނަ އަހަރާ ހަމައަށް މިހާރު ގެންގޮސްފައި ވާ ކަމަށް ޝާފިއު ވިދާޅުވި އެވެ. އެގޮތުން އަންނަ އަހަރުގެ މުބާރާތުގެ އަންހެން ޑިވިޝަންގައި އާރްޑީސީ ތަމްސީލު ކުރާނެ ޓީމެއް ނެރުމުގެ ވިސްނުން ގެންގުުޅެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.