Roadha Mihaaru
ކުޑަކުދިންގެ ރެސިޑެންޝަލް ޓްރީޓްމަންޓު ސެންޓަރެއް ހަދަނީ

ކުޑަހުވަދޫގައި ކުޑަކުދިންނަށް ހާއްސަ ރެސިޑެންޝަލް ޓްރީޓްމަންޓު ސެންޓަރެއް ހަދަނީ

26 ނޮވެމްބަރ 2021

ކުށުގެ ވެށީގައި އުޅޭ ކުދިން ރިހެބިލިޓޭޓް ކުރުމަށް އަޅާ ފުރަތަމަ ޓްރީޓްމަންޓު ސެންޓަރުގެ ބިންގާ، ދ. ކުޑަހުވަދޫގައި މިއަދު އަޅައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުށުގެ ވެށީގައި އުޅޭ ކުދިން ރިހެބިލިޓޭޓް ކުރުމަށް އަޅާ ފުރަތަމަ ޓްރީޓްމަންޓު ސެންޓަރުގެ ބިންގާ، ދ. ކުޑަހުވަދޫގައި މިއަދު އަޅައިފި އެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ބަޔާންކުރާ ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

އެ ރަސްމިއްޔާތުގައި، އިމްރާން ވިދާޅުވީ ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރަކީ ރާއްޖޭގައި އެތައް އަހަރެއް ވަންދެން ހައްލުނުވެ އޮތް އިޖުތިމާއީ ބޮޑު މައްސަލައެއް ހައްލުކުރުމުގެ ބިންގާ ކަމަށެވެ. އެ ބިންގަލުގެ މައްޗަށް ރާއްޖޭގެ އިޖުތިމާއީ ވެށި ހަރުދަނާ ކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދު މި ކުރިމަތިލާ މައްސަލަތަކަށް ހައްލު ހޯދޭނީ ހުރިހާ އެންމެން އެކުވެ, ގުޅިލާމެހިގެން. ރާއްޖޭގެ ވީރާނާވެ ހަލާކުވެފައިވާ އިޖުތިމާއީ ވެށި އަނބުރާ ރުޖޫއަކުރެވޭނީ ސަރުކާރާއި ރައްޔިތުންނާއި ޖަމިއްޔާ ޖަމާއަތްތަކާއި މުޅި ދައުލަތުގައި ހިމެނޭ ހުރިހާ އެންމެން އެކުވެ ގުޅި ލާމެހިގެން،" މިނިސްޓަރު ވިދާޅުވި އެވެ.

ދެ ބުރިއަށް އިމާރާތްކުރާ ސެންޓަރަށް 26.6 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ. އެ ތަން ހެދުމަށް ހަވާލުކުރީ ވީ އަވާ އިންވެސްޓްމަންޓް ނަމަކަށް ކިޔާ ކުންފުންޏަކަށެވެ. އެއީ 450 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

އެ ސެންޓަރަކީ ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ ކުޑަކުދިންގެ ތެރެއިން މުޖުތަމައުން އެކަހެރިކޮށް، އިސްލާހުކޮށްގެން މުޖުތަމައުއަށް އަނބުރާ ނެރުމަށްޓަކައި ބޭނުންވާ ޕްރޮގްރާމްތައް ހިންގުމަށް އިމާރާތް ކުރާ ތަނެކެވެ.

ކޯޓު އަމުރުގެ ދަށުން ވަކި މުއްދަތަކަށް އެކަހެރިކޮށް އެ ކުދިންނަށް ރައްކާތެރިކަން ދިނުމާ އެކު އެ ކުދިން އިސްލާހުކޮށް އަނބުރާ މުޖުތަމައަށް ގެނައުމުގެ ކަންކަން ކުރިއަށްގެންދާނީ ވެސް އެ މަރުކަޒުންނެވެ. ޕްރޮގްރާމްތައް ނިމެންދެން އެ ކުދިިން ތިބޭނީ މަރުކަޒުގަ އެވެ.

ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގެ ހެދުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ ސެޕްޓެމްބަރު 27 ގަ އެވެ.