Roadha Mihaaru
ކުށުގެ ވެށީގައި އުޅޭ ކުދިން އިސްލާހު ކުރަނީ ވާނީގައި

ކުށުގެ ވެށީގައި އުޅޭ ކުދިން އިސްލާހު ކުރަނީ ވާނީގައި

26 ޖުލައި 2024

ކުށުގައި އުޅޭ ކުޑަކުދިން އިސްލާހުކުރަން "ހޯޕް އައިލެންޑު"ގެ ގޮތުގައި ދ. ވާނީ ހަމަޖައްސައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުށުގައި އުޅޭ ކުޑަކުދިން އިސްލާހުކުރަން "ހޯޕް އައިލެންޑު"ގެ ގޮތުގައި ދ. ވާނީ ހަމަޖައްސައިފި އެވެ.

ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން "މިހާރު" އަށް އިއްޔެ ދެއްވި އިންޓަވިއުގައި ވިދާޅުވީ ކުށުގެ ވެށީގައި އުޅޭ ކުދިން ރިހެބިލިޓޭޓް ކުރަން ކަމާ ގުޅޭ ފަރާތްތަކާ މަޝްވަރާ ކުރުމަށް ފަހު ވާނީ ހަމަޖައްސާފައިވާ ކަމަށެވެ.

އެއީ މީގެ ކުރިން މީހުން ދިރިއުޅުނު ރަށަކަށް ވިޔަސް މިހާރު އެއީ ފުލުހުންގެ އޮޕަރޭޝަނަލް ޓްރެއިނިންތައް ހިންގަން މިހާރު ހާއްސަ ކޮށްފައިވާ ރަށެކެވެ. އެނގިފައިވާ ގޮތުގައި، ފުލުހުންގެ ރެކްރޫޓް ޓްރެއިނިންގެ ބެކްލޮގު ބޮޑުވުމުން، ފުލުހުން އަންނަނީ އެ ރަށުގައި ރެކްރޫޓު ޓްރެއިނިން ފެށުމުގެ ތައްޔާރީތައް ވަމުންނެވެ.

އިހުސާން ވިދާޅުވީ ވާނީގައި އެއްފަހަރާ 400 ކުދިން ބައިތިއްބައިގެން ރިހެބިލިޓޭޓް ކުރެވޭނެ ކަމަށެވެ. ކޮންމެ ދުވަހެއްގެ ފަތިސް ނަމާދުން ފެށިގެން، ދީނުގައި މަޖުބޫރުކުރާ ހުރިހާ ކަމެއް އެ ކުދިން ލައްވައި ކުރުވައި، ރަސްމީ ތައުލީމާއި ކަސްރަތު ކުރުން އަދި އެކި ހުނަރުތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބަންދު ދުވަސްތަކުގައި އެ ކުދިން ކައިރިއަށް އެއްފަހަރާ 60 އާއިލާ ގޮސް ތިބެވޭނެ ގޮތަށް އެކޮމޮޑޭޝަން ހަމަޖައްސާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އާއިލާތަކަށް ރައްކާތެރި މާހައުލެއް ނުދެވިފައި އަދި މުޖުތަމައު އެ ކުދިންނަށް ރައްކާތެރި މާހައުލެއް ނުދެވިފައި އޮތް އޮތުމުގައި ހައްލަކަށް އަޅުގަނޑުމެން މި ގެންނަނީ މި ދަންނަވާ ހޯޕް އައިލެންޑު. ހޯޕް އައިލެންޑޭ މި ކިޔަނީ، އުއްމީދެއް މި ގެނެސް ދެނީ މި ކުދިންނަށް ވެސް އަދި ކުދިންގެ މައިންބަފައިންނަށް ވެސް އެ ކުދިން އުޅެމުންދާ މުޖުތަމައު އަދި މުޅި ގައުމަށް ވެސް ދެނީ އުއްމީދެއް މިހާރު ކުށުގެ މާހައުލުގައި އަދި ކުށަށް އަރައިގަތުމުގެ ރިސްކުގައި މި ތިބަ ކުދިން، ކުރިއަށް އޮތް ތަނުގައި ގައުމުގައި ބޭނުންތެރި ބަޔަކަށް، ޒުވާނުންތަކަކަށް ހެދިގެންދާނެ އެކަމުގެ އުއްމީދުގައި،" އިހުސާން ވިދާޅުވި އެވެ.

ކުށުގެ ވެށިން ކުޑަކުދިން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، ސަރުކާރުން ވަނީ ކުޑަކުދިންގެ އަދުލުގެ ނިޒާމް ފުރިހަމަ ކުރުމަށްޓަކައި ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު ކަމަށް މިހާރު ކަނޑައަޅާފައިވާ 15 އަހަރުގެ ބަދަލުގައި 12 އަހަރަށް ދަށްކުރުމަށް ނިންމައިފަ އެވެ.

އިހުސާން ވިދާޅުވީ ގާނޫނު މިހާރު އޮތް ގޮތުން ވެސް އުމުރުން 15-18 އަހަރާ ދެމެދުގެ ކުދިން ޖިނާއީ މަސްއޫލިއްޔަތު އަދާކުރަން ޖެހޭ ކަމަށެވެ. ނަމަވެސް، ކުށުގެ ޒިންމާ އުފުލާ އުމުރު ދަށްކުރަނީ 12-15 އަހަރާ ދެމެދުގެ ކުދިން ކުށްތަކަށް ވައްދާ ވަރު އިތުރުވެފައިވާތީ ކަމަށާއި އެ ކުދިން ވެސް ކުށުގެ މާހައުލަށް ހޭނިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ގާނޫނަށް ބަދަލުތައް ގެނައި ނަމަވެސް އުމުރުން 12-15 އަހަރާ ދެމެދުގެ ކުދިން ޖަލަށް ލުމުގެ އެއްވެސް ވިސްނުމެއް ނޯންނާނެ އެވެ. އެ ބަދަލުތައް ގެންނައިރު ގާނޫނުގައި އެކަން ބަޔާންކުރާނެކަން ފާހަގަކުރެއްވި އެވެ.

ކްރައިމް ސީނެއްގައި ފުލުހުން ހަރަކާތްތެރިވަނީ.-- ފައިލް ފޮޓޯ: މިހާރު

ކްރައިމް ސީނެއްގައި ފުލުހުން ހަރަކާތްތެރިވަނީ.-- ފައިލް ފޮޓޯ: މިހާރު

"12 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިން، ކުށުގެ މަސްއޫލިއްޔަތު އަދާކުރުމަކީ އެ ކުދިންނަށް މެންޑެޓަރީ ރިހިބިލިޓޭޝަން، އަޅުގަނޑުމެން މި ދަންނަވާ ހޯޕް އައިލެންޑުގައި އެ ކުދިންނަށް ގެންދިއުން. ހޯޕް އައިލެންޑުގެ ކޮންސެޕްޓް އަޅުގަނޑުމެން މި ގެނައީ،" މިނިސްޓަރު ވިދާޅުގި އެވެ.

ކުޑަކުދިންގެ އަދުލުގެ ނިޒާމް ފުރިހަމަ ކުރުމަށްޓަކައި ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު ކަމަށް މިހާރު ކަނޑައަޅާފައިވާ 15 އަހަރުގެ ބަދަލުގައި 12 އަހަރަށް ދަށްކުރުމަށް ނިންމާފައި ވަނީ އެފަދަ ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ގާނޫނީ ބާރުވެރިކަން ހޯދުމަށް ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ. މި މުޖުތަމައުގެ ތެރޭގައި ކުށަށް ކުޑަކުދިން އަރައިގަންނަ ސަބަބުތަކެއް ހުރިކަން ގަބޫލުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ރޫޅިފައިވާ އާއިލާތަކާއި ވަށައިގެންވާ މާހައުލަކީ އެކަމުގެ ތެރެއަށް ވަނުމަށް ފުރުސަތު ފަހިވެގެންދާ ކަންކަން ކަމަށް އޭނާ ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ އުމުރުން 18 އަހަރު ވުމުން އެ ކުދިން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމަށް ނުވަތަ އަދި ވެސް ނުރައްކަލަށް އެޅުމުގެ ފުރުސަތު އޮތް ނަމަ ސިފައިންނާއި ފުލުހުންގެ އިދާރާ އަށް ވަންނަން ފުރުސަތު ދޭނެ ކަމަށެވެ. އޭގެ ކުރިން، އެ ކުދިން ސްޓޭބަލްވެ، އެސެސްމަންޓުތަކުން އެއީ ރަނގަޅު، މުޖުތަމައުގެ ތެރޭގައި އުޅެވޭނެ އަދި އާއިލާއާ މުޖުތަމައުގެ ރައްކާތެރިކަން ލިބޭނެ ކުދިންނަށް ވާ ނަމަ އާއިލާ ކައިރިއަށް ފޮނުވާނެ އެވެ.

ހޯޕް އައިލެންޑުގެ ޑިޒައިން ހެދުމާއި އެ ރަށް ތަރައްގީ ކުރަން ބޭނުންވާ ފަންޑު ހޯދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. އެ މަސައްކަތަށް ޔުނިސެފް އަދި ބައިނަލްއަގުވާމީ ފަރާތްތަކުގެ އެހީތެރިކަން ލިބޭނެ ކަމަުގެ ޔަގީންކަން ދީފައިވާ ކަމަށް އިހުސާން ވިދާޅުވި އެވެ.

ކޮންސެޕްޓް ފައިނަލްކުރުމަށް ފަހު، ކުރެހުމުގެ މަސައްކަތް ކުރާނެ އެވެ. އުއްމީދަކީ ތިން އަހަރުގެ ތެރޭގައި އެ ތަން ނިންމައި ބޭނުންކުރަން ފެށުމެވެ.

އިހުސާން ވިދާޅުވީ އެތަން ބޭނުންކުރުމާ ހަމައަށް ދ. ކުޑަހުވަދޫގެ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރު އަދި ހއ. ހޯރަފުށީގައި ހަދާފައިވާ ހާފްވޭ ހައުސް، ޖުވެނައިލް ރެސިޑެންޝަލް ޓްރީޓްމަންޓަކަށް ބަދަލުކޮށް އެ ދެ ތަނުގައި ކުދިން ރިހެބިލިޓޭޓްކުރަން ވަރަށް އަވަހަށް ފަށާނެ އެވެ.

ޕޮލިސް ޓްރެއިނިން އަށް މިހާރު ހުރި ރިކުއަމެންޓުތައް ނިމުމުން، ޕޮލިސް ޓްރެއިނިން ތަންތަން ވެސް އެ ކުދިން ރިހިބިލިޓޭޓްކުރަން ފަށާނެ ކަމަށެވެ.

"މި ހުރިހާ ދިމާލެއްގައި ވެސް ހުރި ރިސޯސަސްއެއް ބޭނުންކޮށްގެން މި ތިން އަހަރު މި ފެސިލިޓީ ހެދެންދެން ދޫކޮށް ނުލާނެ. އެއްކޮށް ދޫކޮށްލާފައި ބަލާކަށް އަޅުގަނޑުމެން ނުތިބޭނަން،" އިހުސާން ވިދާޅުވި އެވެ.