Roadha Mihaaru
ވޭރިއެންޓުގެ ވައްތަރު ބަލަން ހަދާ ޓެސްޓަށް ތައްޔާރުވަނީ

ރާއްޖޭގައި ކޮވިޑުގެ ވޭރިއެންޓުތައް ދެނެގަންނަ ޓެސްޓު ހެދުމަށް ތައްޔާރުވަނީ

28 ނޮވެމްބަރ 2021

ކޮވިޑުގެ ވޭރިއެންޓުތަކުގެ ވައްތަރު ދެނެގަތުމަށް ރާއްޖޭގައި ސީކުއެންސް ޓެސްޓު ހެދުމަށް ތައްޔާރުވަމުން އަންނަކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑުގެ ވޭރިއެންޓުތަކުގެ ވައްތަރު ދެނެގަތުމަށް ރާއްޖޭގައި ސީކުއެންސް ޓެސްޓު ހެދުމަށް ތައްޔާރުވަމުން އަންނަކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

ސައުތު އެފްރިކާއިން ފެނުނު "އޮމިކްރޯން" ގެ ނަން ދީފައިވާ އާ ވޭރިއެންޓުގެ މައުލޫމާތު ދިނުމަށް އެ އެޖެންސީން ބޭއްވި ނިއުސް ކޮންފަރެންސްގައި މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑުގެ ވޭރިއެންޓުތައް ދެނެގަތުމަށް ޖެނެޓިކް ސީކުއެންސް ޓެސްޓު ހަދަން މިދިޔަ އޮގަސްޓު 13 އިން ފެށިގެން ކޮންމެ ހަފުތާއަކު 50އަށްވުރެ ގިނަ ސާމްޕަލް އިންޑިއާގެ އައިޖީއައިބީ ލެބަށް ސާމްޕަލް ފޮނުވަމުން އަންނަ ކަމަށެވެ.

މިހާތަނަށް 830 ސާމްޕަލް ސީކުއިންސް ހެދުމަށް ފޮނުވާފައިވެ އެވެ. އެ ޓެސްޓުތަކުން ދެއްކީ، ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ޑެލްޓާ ވޭރިއެންޓުތަކުގެ ވައްތަރުތައް އުޅޭ ކަމެވެ.

ފޮނުވާ ސާމްޕަލްތަކުގެ ނަތީޖާ ލިބެނީ 2-3 ހަފުތާ ފަހުންނެވެ. އެންމެ ފަހުން ލިބިފައިވަނީ މިދިޔަ އޮކްޓޯބަރު 26 ގައި ފޮނުވި ސާމްޕަލްތަކުގެ ނަތީޖާ އެވެ. ނޮވެމްބަރު 9 ގައި ފޮނުވި 100 ސާމްޕަލް ނަތީޖާ އަދި ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖީން ސީކުއެންސް ކެޕޭސިޓީ ގާއިމްކުރުމަށް ބޭނުންވާ މެޝިންތައް މިހާރު ވަނީ ގެނެސްފަ އެވެ. އެކަން ފެށުމަށް ބޭނުންވާ ޓްރެއިނިންނަށް ތައްޔާރުވަމުން އަންނަކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކި ގައުމުތަކުން ރާއްޖެއަށް މީހުން އައުން މަނާކުރުމުން އެ އެ ވޭރިއެންޓު އައުން ލަސްކުރެވޭނެ ކަމަށެވެ. ނަމަވެސް ގައިންގަޔަށް އަރާ ބައްޔަކަށް ވާތީ އާ ވޭރިއެންޓު އައުން އެއްކޮށް ކޮންޓްރޯލް ނުކުރެވޭނެކަން އެޗްޕީއޭއިން ފާހަގަކުރެ އެވެ.

އޮމިކްރޯން ވޭރިއަންޓު މިހާތަނަށް ރާއްޖެއިން ފެނިފައި ނުވި ނަމަވެސް އެ ވޭރިއެންޓުން ރައްކާތެރިވުމަށް ހަތް ގައުމަކުން މީހުން އައުން ވަނީ މަނާކޮށްފަ އެވެ.