Roadha Mihaaru
ހާލަތު ގޯސްވިޔަސް ކުރީގެ ފިޔަވަޅުތަކުން މެނޭޖުކުރެވޭނެ

ހާލަތު ގޯސްވިޔަސް ކުރީގެ ފިޔަވަޅުތަކުން ރަނގަޅަށް މެނޭޖުކުރެވޭނެ: އެޗްޕީއޭ

28 ނޮވެމްބަރ 2021

ސައުތު އެފްރިކާއިން ފެނުނު ކޮވިޑު-19 ގެ އާ ވޭރިއެންޓުގައި ރާއްޖޭގެ ހާލަތު ގޯސްވެގެން ދިޔަ ނަމަވެސް ކުރީގެ ތަޖުރިިބާއިން އަޅާފައި ހުރި ފިޔަވަޅުތަކުން ރަނގަޅަށް މެނޭޖުކުރެވޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސައުތު އެފްރިކާއިން ފެނުނު ކޮވިޑު-19 ގެ އާ ވޭރިއެންޓުގައި ރާއްޖޭގެ ހާލަތު ގޯސްވެގެން ދިޔަ ނަމަވެސް ކުރީގެ ތަޖުރިިބާއިން އަޅާފައި ހުރި ފިޔަވަޅުތަކުން ރަނގަޅަށް މެނޭޖުކުރެވޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

އެ އެޖެންސީން ބޭއްވި ނިއުސް ކޮންފަރެންސްގައި، މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އެންމެ ފަހުގެ ޕީކަށް ބަލައި ކަންތައްތައް ކުރަންވީ ގޮތުގެ ޕްރޮސީޖާތައް ރަނގަޅުކޮށްފައިވާ ކަމަށެވެ. ހަމައެކަނި ދަތިވާނެ ކަމަކީ، އޭނާ ވިދާޅުވި ގޮތުގައި، ރެސްޕޮންސަށް ތަމްރީނު ލިބިފައިވާ މީހުން ނުލިބުމުގެ މައްސަލަ އެވެ.

"އެކަމަށް ޖެހޭނީ އިތުރަށް ވޮލެންޓިއަރުން ހޯދަން. ސާޖެއް އަތުވެއްޖިއްޔާ ވެސް ކުރީގެ ތަމްރީނު ލިބިފައި ހުރި މީހުން ލިބިއްޖެއްޔާ ކެޕޭސިޓީ އަޕްކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

"މިހާރު ހުރި ޕްރޮސީޖާތަކާއި އެއްޗިއްސަށް ބަލާފައި އިރާދަކުރެއްވިއްޔާ މެނޭޖުކުރެވޭނެ."

"ކޮމިކްރޯން" ގެ ނަން ދީފައިވާ އާ ވޭރިއަންޓު، ޑެެލްޓާ ވޭރިއަންޓަށްވުރެ ހަލުވިކޮށް ފެތުރިދާނެ ކަމަށް ލަފާކުރެވޭ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. އެހެންވެ، އެކަމުން ރައްކާތެރިކަމަށް ސައުތު އެފްރިކާގެ ހަތް ގައުމަކުން ރާއްޖެއަށް މީހުން އައުން ވަނީ ރެއިން ފެށިގެން މަނާކޮށްފަ އެވެ.

ކޮވިޑުގެ ޑެލްޓާ ވޭރިއެންޓު ހަލުއިކަމާއެކު ފެތުރި މިިދިޔަ މެއި ހިސާބުގައި ރާއްޖޭގެ ކޮވިޑު ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ސިއްހީ ދާއިރާއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި އެވެ. އެއާއެކު، ކޮވިޑާއި އެހެން ބަލިތަކަށް ފަރުވާ ހޯދުމަށް ތަކުލީފުތަކެއް އުފުލި އެވެ.

އެ ބަލީގެ ހަތަރު ވަނަ ރާޅުގައި ރާއްޖެއިން އެއް ދުވަހާ ޕޮޒިޓިވްވާ މީހުންގެ އަދަދު 700 އިން މައްޗަށް އަރައި، އެ ބަލީގައި ހާލު ދެރަވި މީހުންނާއި މަރުވި މީހުންގެ އަދަދު ރިކޯޑު އަދަދަކަށް އެރި އެވެ. އެކަމަކު އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދިނުމާއެކު ކޮވިޑު ޖެހޭ މީހުންގެ އަދަދު މިހާރު މި ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްވެފަ އެވެ.

ރާއްޖޭގައި މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 50-150 އާ ދެމެދުގަ އެވެ. އޭގެ ތެރެއިން ބަލީގެ ހާލަތު އެންމެ ގޯސްކޮށް އުޅެނީ ރަށްރަށުގަ އެވެ.

އޭނާ ވިދާޅުވީ ސާޖެއްގައި ރެސްޕޮންޑު ކުރުމަށް އެ ކެޕޭސިޓީ ބިލްޑުކުރަނީ ހޮސްޕިޓަލުތަކުގައި އާއްމުކޮށް ދޭ ހިދުމަތްތައް ހުއްޓާލައިގެން ކަމަށެވެ. ނަމަވެސް އެ ލެވެލްއަށް ދާން އެއްގޮތަކަށް ވެސް ބޭނުން ނުވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ރަނގަޅަށް އަމަލުކުރަންޖެހޭ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

މީހުން ދިރިއުޅޭ ބައެއް ރަށްރަށުގައި، ހާއްސަކޮށް ގެސްޓުހައުސް ހުންނަ ރަށްރަށުގައި އެއްގޮތަކަށް ވެސް މާސްކް ނާޅައި އުޅޭތީ އެކަމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން އިލްތިމާސްކުރި އެވެ. އޭނާ ވިދާޅުވީ މާސްކް އަޅައި، ގައިދުރުކަން ބަހައްޓާނަމަ ބަލި ފެތުރޭ މިންވަރު ވެސް ދަށްކުރެވޭނެ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ ނެގެޓިވް ޕީސީއާރާއެކު ރާއްޖެ އައި ނަމަވެސް ކޮވިޑު ޖެހުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެކަމަކު ރައްކާތެރިކަމުގެ ފިޔަވަޅުތައް ދޫކޮށްނުލައި އެކަންކަން ގެންދެވިއްޖެނަމަ އިގުތިސޯދަށް ބޮޑު އަސަރެއް ނުކޮށް މި ކަމުން އަރައިގަނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.