Roadha Mihaaru
ޝީގެ ޕާޓީ ކްލަސްޓާ ބޮޑުވެ 41 މީހަކު ޕޮޒިޓިވެއްޖެ

ޝީގެ ޕާޓީ ކްލަސްޓާ ބޮޑުވެ 41 މީހަކު ޕޮޒިޓިވެއްޖެ

28 ޑިސެމްބަރ 2020

ޝީ ބިލްޑިންގުގައި މިދިޔަ އާދީއްތަދުވަހު ބޭއްވި ކައިވެނި ޕާޓީން މިހާތަނަށް 41 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި ކޮންޓެކްސްގެ އަދަދު 116 އަށް ވުރެ މަތި ކަމަށް ހެލްތު ޕްރޮޓެކްޝަންސް އޭޖެންސީ (އެޗްއީއޯސީ)ން ރޭ ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޝީ ބިލްޑިންގުގައި މިދިޔަ އާދީއްތަދުވަހު ބޭއްވި ކައިވެނި ޕާޓީން މިހާތަނަށް 41 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި ކޮންޓެކްސްގެ އަދަދު 116 އަށް ވުރެ މަތި ކަމަށް ހެލްތު ޕްރޮޓެކްޝަންސް އޭޖެންސީ (އެޗްއީއޯސީ)ން ރޭ ބުނެފި އެވެ.

އެކަށީގެންވާ ގޮތެއްގައި ވައިދައުރުނުވާ ގޮތަށް ހުރި ކުޑަ ހޯލެއްގައި ބޭއްވި އެ ކައިވެނި ހަފުލާގައި ގާތްގަނޑަކަށް 120 މީހުން ބައިވެރިވި އިރު ފުރަތަމަ ކޭސް ފެނުނީ މިދިޔަ ބުރާސްފަތިދުވަހެވެ. ޖެހިގެން އައި ދުވަހު 12 މީހުން ޕޮޒިޓިވްވެ، އޭގެ އަނެއް ދުވަހު 21 މީހުންނާއި އިއްޔެ 8 މީހުން ޕޮޒިޓިވްވި ކަމަށް އެޗްއީއޯސީން ބުންޏެވެ.

އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ކޮވިޑްގެ ހައި ރިސްކު ހަތަރު މީހަކު ހިމެނޭ ކަމަށެވެ. ސާމްޕަލްތައް ނަގައި އިތުރު ކޮންޓެކްޓުން ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މި ކައިވެނީގައި ބައިވެރިވި މީހުންގެ ތެރެއިން އެޗްއީއޯސީން މިހާތަނަށް ނުގުޅާ އެއްވެސް މީހަކު ހުރި ނަމަ 1617 އަށް ގުޅައި މައުލޫމާތު ހިއްސާކުރަން އެތަނުން އެދެ އެވެ.

"އަޅުގަނޑުމެންނަށް ގުޅެންދެން ވެސް އެ ބޭފުޅުން ގޭގައި ކަރަންޓީންގައި ތިއްބެވުން މުހިއްމު،" ނަޒްލާ ރަފީގް ވިދާޅުވި އެވެ.

ކޮވިޑާ ބެހޭ ގޮތުން މިހާތަނަށް ހަދާފައިވާ ދިރާސާތަކުން ދައްކާ ގޮތުން، ޕާޓީތައް ފަދަ ބަންދުކޮށް ހުންނަ ތަންތަނުގައި ބާއްވާ އެއްވުންތަކަކީ ކޮވިޑް ފެތުރިފައި އޮންނަ ހިސާބެއްގައި ކުރަން ރައްކާތެރިކަމެއް ނޫނެވެ. ކޮވިޑް-19 ފެތުރެން ފެށީންސުރެ ވެސް ތަޖުރިބާކާރުން އިންޒާރު ދެމުން އަންނަނީ އިންޑޯ ނުވަތަ ބަންދު ތަންތަނުގައި ގިނަ މީހުން ބައިވެރިވެގެން އިވެންޓްތައް ނުބޭއްވުމަށެވެ.

ކޮވިޑަށް އިއްޔެ 26 މީހުން ޕޮޒިޓިވްވި މީހުންނާއި އެކު ރާއްޖޭގައި މި ބަލި ޖެހުނު މީހުންގެ އަދަދު 13،644 އަށް އެރީ އެވެ. އޭގެ ތެރެއިން 13،072 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިހާރު ފަރުވާ ހޯދަމުން އަންނަނީ 517 މީހުންނެވެ. މި ބަލި ޖެހިގެން މިހާތަނަށް 48 މީހަކު މަރުވެފައި ވެ އެވެ.