Roadha Mihaaru
ކޮވިޑު ވެކްސިންގެ 100،000 ޑޯޒު އަންނަމަހު ލިބޭނެ

ކޮވިޑު ވެކްސިންގެ 100،000 ޑޯޒު އަންނަ މަހު ލިބޭނެ: އެޗްޕީއޭ

28 ނޮވެމްބަރ 2021

ކޮވިޑު ވެކްސިންގެ އިތުރު 100،000 ޑޯޒު އަންނަ މަހު ރާއްޖެއަށް ލިބޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑު ވެކްސިންގެ އިތުރު 100،000 ޑޯޒު އަންނަ މަހު ރާއްޖެއަށް ލިބޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

ސައުތު އެފްރިކާއިން ފެނުނު ކޮވިޑުގެ އާ ވޭރިއެންޓު، "ކޮމިކްރޯން" ގެ މައުލޫމާތު ދިނުމަށް ބޭއްވި ނިއުސް ކޮންފަރެންސްގައި އެ އެޖެންސީގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ޑަބްލިއުއެޗްއޯގެ ކޮވެކްސް ފެސިލިޓީގެ ދަށުން އަންނަ މަހުގެ މެދެއްހާ ހިސާބުގައި ފައިޒާ ވެކްސިން ލިބޭނެ ކަމަށެވެ.

އެ ބަލީގެ ހައި ރިސްކު ކެޓަގަރީގައި ހިމެނޭ އުމުރުން ދުވަސްވީ މީހުންނަށް ސަރުކާރުން މިހާރު އަންނަނީ ބޫސްޓާ ޑޯޒް ދެމުންނެވެ. މިހާތަނަށް 11،710 އަށްވުރެ ގިނަ މީހުން ބޫސްޓަ ޑޯޒު ޖަހާފައިވެ އެވެ.

މި ހަފްތާ ތެރޭގައި ސިއްހީ އަދި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ އަދި އެއާޕޯޓްގެ ޕްރޮންޓްލައިން މުވައްޒަފުންނަށް ބޫސްޓާ ޑޯޒް ދޭން ފަށާނެ އެވެ. އެ ކެޓަގަރީގައި ހިމެނޭ އެންމެން ވެސް ވީހާ ވެސް އަވަހަކަށް ވެކްސިން ފުރިހަމަކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ޑރ. ނަޒްލާ ވިދާޅުވީ މިހާރު އިއުލާނުކޮށްފައިވާ ގްރޫޕުތަކަށް ބޫސްޓަ ޑޯޒް ޖަހާނެ ވަރަށް ރާއްޖޭގައި ވެކްސިން އެބަހުރި ކަމަށެވެ. އިތުރު ޑޯޒުތައް ލިބުމުން އާއްމުންނަށް ބޫސްޓާ ޑޯޒު ޖެހާނެ ވެކްސިން ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަށްރަށުގައި ބޫސްޓާ ޑޯޒު ދޭނެ ކަންކަން ހަމަޖައްސާނީ އެ ރަށެއްގެ ސިއްހީ މަރުކަޒު ނުވަތަ ހޮސްޕިޓަލުންނެވެ. އެ ތަންތަނަށް ބޭނުންވާ ވެކްސިން ވަނީ ފޮނުވައިފަ އެވެ.

މާލޭގައި އޭޑީކޭ ހޮސްޕިޓަލުން މެންދުރު ފަހު 2:00-5:00 އަށް ހުޅުމާލެ ހޮސްޕިޓަލުގައި ހެނދުނު 11:00-12:00 އަށް އަދި އައިޖީއެމްއެޗުގައި ހެނދުނު 10:00-2:00 އަށް ބޫސްޓަ ޑޯޒު ޖަހައިދޭނެ އެވެ.

ބޫސްޓާ ޑޯޒު ޖެހޭނީ ދެ ވަނަ ޑޯޒަށްފަހު ހަ މަސް ދުވަސްވެފައިވާ މީހުންނަށެވެ.

ރާއްޖޭގައި މިހާތަނަށް 395،586 މީހުން ކޮވިޑު ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވެ އެވެ. ދެ ޑޯޒު ފުރިހަމަކުރީ 363،150 މީހުންނެވެ.