Roadha Mihaaru
ބިދޭސީން ރަޖިސްޓްރީކުރުން މެދުކަނޑާލައިފި

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރަޖިސްޓްރީކުރުން މެދުކަނޑާލައިފި

22 މާޗް 2020

ގަވައިދާ ހިލާފަށް އުޅޭ ބިދޭންސީން ރަޖިސްޓްރީކޮށް ގަވައިދަށް ފެއްތުމަށް ހިންގަމުން އައި ޕްރޮގްރާމް މި ވަގުތަށް މެދުކަނޑާލާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ގަވައިދާ ހިލާފަށް އުޅޭ ބިދޭންސީން ރަޖިސްޓްރީކޮށް ގަވައިދަށް ފެއްތުމަށް ހިންގަމުން އައި ޕްރޮގްރާމް މި ވަގުތަށް މެދުކަނޑާލާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، މި ދުވަސްވަރު ދޭ "އެކްސްޕެޓް އޮންލައިން ސިސްޓަމް" ގެ ހިދުމަތްތައް، ސަރުކާރު ބަންދުކުރުމާ ގުޅިގެން މެދުކަނޑާލި ނަމަވެސް، އެޕްލޯއިމަންޓް އެޕްރޫވަލްގެ މުއްދަތު ހަމަވެއްޖެ ނަމަ އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން މިއަދު އަދި ބުރާސްފަތި ދުވަހު އެ ހިދުމަތްތައް ދޭނެ ކަމަށެވެ.

މި ދެ ދުވަހު ވެސް ހިދުމަތްތައް ދޭނީ ހެނދުނު 10:00 އިން މެންދުރު 12:00 އަށެވެ.

ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅަމުން އަންނަ ފިޔަވަޅުތަކުގައި ސަރުކާރުގެ އޮފީސްތައް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މި ހަފުތާގެ ބުރާސްފަތި ދުވަހާ ހަމައަށް ވަނީ ބަންދުކޮށްފަ އެވެ.

ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ކަމަށް އަންދާޒާކުރެވޭ 63،000 ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް އެ މީހުން ރަޖިސްޓްރީ ކުރުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން ފެށީ މިދިޔަ އޮކްޓޫބަރު މަހު އެވެ. އަދި މިދިޔަ ފެބްރުއަރީ މަހުގެ ނިޔަލަށް 32،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ރަޖިސްޓްރީކޮށް، ގާނޫނީ އިމުގެ ތެރެއަށް ވައްދައިފަ އެވެ.

ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ 13 މީހަކު ރާއްޖޭން ވަނީ ފެނިފަ އެވެ. މިބަލި ފެތުރުނަ ނުދީ، ހިފެހެއްޓުމަށްޓަކައި ސަރުކާރުން މުހިއްމު ގިނަ ފިޔަވަޅުތަކެއް ވަނީ އަޅައިފަ އެވެ. އެގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ރާއްޖޭން ބޭރުން އަންނަ މީހުން ކަރަންޓީނުކުރުމާ ބައްޔަށް ޝައްކުވާ މީހުން އެކަހެރި ކުރުމާއި އާންމުން އެއްވެސް އުޅުން މަދުކުރުމަށް އެކި ފިޔަވަޅުތައް އެޅުން ހިމެނެ އެވެ.