Roadha Mihaaru
ޔާމީންގެ މައްސަލާގައި ފެންނަނީ މަންޒަރުން ކުޑަތަންކޮޅެއް

"ޔާމީންގެ މައްސަލާގައި ފެންނަން އޮތީ މަންޒަރުން ކުޑަކުޑަ ތަންކޮޅެއް"

27 ސެޕްޓެމްބަރ 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވެފައިވާ މަނީ ލޯންޑަރިންގެ ކުށުގެ އިސްތިއުނާފް ސުޕްރީމް ކޯޓުގައި ކުރިއަށް ދާއިރު އެ މައްސަލާގައި ޝަރީއަތަށް ފެންނަން އޮތީ ކަން ހިނގި މަންޒަރުން ކުޑަކުޑަ ތަންކޮޅެއް ކަމަށް، މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވެފައިވާ މަނީ ލޯންޑަރިންގެ ކުށުގެ އިސްތިއުނާފް ސުޕްރީމް ކޯޓުގައި ކުރިއަށް ދާއިރު އެ މައްސަލާގައި ޝަރީއަތަށް ފެންނަން އޮތީ ކަން ހިނގި މަންޒަރުން ކުޑަކުޑަ ތަންކޮޅެއް ކަމަށް، މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.

މަނީ ލޯންޑަރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރި ހުކުމަށް ހައި ކޯޓުން ތާއީދުކުރުމުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ފަނޑިޔާރު އަޒްމިރަލްދާ މިހެން ވިދާޅުވީ އިސްތިއުނާފީ ނުކުތާތައް ހުށަހަޅައި ދެ ފަރާތުން ވާހަކަ ދެއްކުމަށް ފަހު ސުވާލުކުރުމުގެ މަރުހަލާގައި ދައުލަތާ ސުވާލުކުރައްވަމުންނެވެ.

ޔާމީންގެ މައްޗަށް ކުށް ސާބިތުވި މައްސަލައާ ގުޅުން ހުރި ޚިޔާނާތުގެ މައްސަލާގައި އަދިވެސް އިތުރަށް އާ ހެކިތައް ލިބުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ދައުލަތުން ބުނެފައި ވާތީ ފަނޑިޔާރު ވަނީ އެހެންކަމަށްވާ ނަމަ މި މައްސަލާގައި ދައުލަތުން ދެކޭ ގޮތް ނުވަތަ ސްޓޭންޑް ބަދަލުވެދާތޯ އައްސަވައިފަ އެވެ.

"ދައުލަތުން މިހާރު ތި ވިދާޅުވާ ގޮތުން ނަމަ މި މައްސަލާގައި އިހްތިމާލު އެބަ އޮތްތޯ މުސްތަގުބަލްގައި ތި ބޭފުޅުން މިހާރު ތި ނަންގަވާ ސްޓޭންޑް ބަދަލުކުރެއްވުމުގެ،" ފަނޑިޔާރު އަޒްމިރަލްދާ ސުވާލުކުރެއްވި އެވެ.

ޖަވާބުގައި ދައުލަތުން ބުނީ އާ ހެއްކާއި ގަރީނާ ލިބުނަސް މި މައްސަލަ އަށް ބަދަލެއް އަންނާނެ ކަމަކަށް ނުދެކޭ ކަމަށެވެ.

ފަނޑިޔާރުގެ ފުރަތަމަ ސުވާލަކަށްވީ، ކުށް އުފަންވި ގޮތުގެ ތަރުތީބަކީ ކޮބައިތޯ އެވެ. ދައުލަތުގެ ވަކީލް އަހްމަދު ނައުފަލް ޖަވާބުގައި ވިދާޅުވީ މަނީ ލޯންޑަރިންގެ ކުށް އުފަންވަނީ ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވެ އެކަން ސަމާލުކަމަށް ގެންނަ ހިސާބުން ކަމަށާއި އެ ހިސާބުން އެ އުފެދެނީ ގާނޫނުގައި ބުނާ "ޝައްކު ކުރެވޭ ހާލަތު" ކަމަށެވެ. ޔާމީންގެ އެކައުންޓަށް ފައިސާ ޖަވާމުވުގެ ކުރިން އެސްއޯއެފަށް ފައިސާ ޖަމާވުމަކީ ޔާމީނަށް ސާބިތުވި ކުށް އުފަންވާ ހިސާބު ނޫން ކަމަށާއި އޭގެ ކުރިން ހިނގަނީ އެހެން ކުށްތަކެއް ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.

ދައުލަތުން އެހެން ބުނުމުން ފަނޑިޔާރު ވަނީ އެ ކުށްތަކާ ޔާމީންގެ މައްޗަށް ސާބިތުވި މަނީ ލޯންޑަރިންގެ ކުށާ ގުޅުމެއް ނެތްތޯ ސުވާލުކުރައްވައިފަ އެވެ.

"ފަހުން ކުރެވޭ ކުށް ކިހިނެއްތޯއޭ ސާބިތުކުރެވެނީ ކުރިން ކުރި ކުށް ސާބިތުކުރުމެއްނެތި. ދެން އަޅުގަނޑަކަށް ނޭނގެ ކުރިން ކުރި ކުށާ ބެހޭ ގޮތުން ތިޔަ ބޭފުޅުން އަޅުއްވާފައި ހުރި ފިޔަވަޅުތަކަކީ ކޮބައިކަމެއް. އެ މައުލޫމާތެއް ނެތް މި މައްސަލާގައި ހިއްސާކުރައްވައިފައެއް،" ކުރީގެ ކުށްތަކާއި ޔާމީނަށް ސާބިތުކުށާ ގުޅޭ ގޮތަކީ ކޮބައިތޯ ސާފުކުރުމަށް ފަނޑިޔާރު އެއްސެވި އެވެ.

އާންމު ގޮތެއްގައި އެތައް ފަރާތެއް ޝާމިލްވާ މައްސަލަތަކުގައި ދެން ކޯޓުތަކުން ހުކުމް ކުރެއްވުމަށް ފަހު، ތި ބޭފުޅުންގެ ހިސްޓްރީއެއް އޮވޭ ދެއްތޯ ސްޓޭންޑް ބަދަލުވުމުގެ: ފަނޑިޔާރު ޑރ. އަޒްމިރަލްދާ

ދައުލަތުން މި ސުވާލާ ގުޅިގެން ތަކުރާރުކުރީ، ޔާމީނަށް ޖަމާވި ފައިސާ އަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަން ސާބިތުކުރުމަކީ މަނީ ލޯންޑަރިންގެ ކުށް ސާބިތުކުރުމަށް ކުރަންޖެހޭ ކަމެއް ނޫން ކަމަށް ބުނާ ވާހަކަ އެވެ. އެއީ ޖަމާވި ފައިސާއާ މެދު ޝައްކެއް އުފެދި އެކަން ޔާމީނަށް އަންގާފައި ވަނިކޮށް އެ ފައިސާ ދައުލަތާ ހަވާލު ނުކޮށް އެއިން މަންފާ ހޯދުމަށް އިންވެސްޓްކުރިކަން ސާބިތުވާ ނަމަ މަނީ ލޯންޑަރިންގެ ކުށް ސާބިތުވާނެ ކަމަށް ބުނާ ވާހަކަ އެވެ.

މިކަމާ ގުޅިގެން ދެއްކި ވާހަކަތަކަށް ފަހު ފަނޑިޔާރު އެއްސެވީ ޔާމީނަށް ކްރިމިނަލް ކޯޓުން ކުށް ސާބިތުވި އިރު ކުށާ ގުޅޭ ގޮތުން ހުރި ވާގިއާތައް ނުވަތަ ކަންކަމަށް ބަދަލެއް އައިސްފައި ވޭތޯ އެވެ. އެއީ ކުށުގައި ހިމެނޭ މީހުން ދައުލަތާ އެކު އިއުތިރާފް އެއްބަސްވުންތައް ވެސް ހަދައި އިތުރު އެތައް ކަމެއް އޭގެ ފަހުން ހިނގާފައިވާތީ އެވެ. މައްސަލާގައި ދައުވާކުރީ ތަހުގީގު ފުރިހަމަކޮށްފައިތޯ ވެސް ސުވާލުކުރެއްވި އެވެ. ދައުލަތުން ބުނީ ތަހުގީގު ނުނިމުނަސް އެކަށީގެންވާ ވަރަށް ތަހުގީގުކުރެވި ކުށް ސާބިތުވާ މިންވަރަށް ހެކި ލިބިފައިވާ ނަމަ ދައުވާކުރަން ގާނޫނުން ހުރަހެއް ނެތް ކަމަށެވެ.

މިއީ ތަހުގީގު ކުރިއަށްދާ މައްސަލައެއް ކަމަށާއި އަލަށް ލިބުނު ހެކި ދަށު ކޯޓަށް ހުށަހެޅުމުން ބަލައިނުގަތް ކަމަށް ދައުލަތުން ބުންޏެވެ.

އެހެންވެ ފަނޑިޔާރު އަޒްމިރަލްދާ ސުވާލުކުރެއްވީ އިތުރު ހެކި ލިބި މުސްތަގުބަލުގައި ތަހުގީގު ކުރިއަށްދާ ގޮތަކުން ދައުލަތުގެ ސްޓޭންޑް މި މައްސަލާގައި ބަދަލުވެދާނެތޯ އެވެ.

"އާންމު ގޮތެއްގައި އެތައް ފަރާތެއް ޝާމިލްވާ މައްސަލަތަކުގައި ދެން ކޯޓުތަކުން ހުކުމް ކުރެއްވުމަށް ފަހު، ތި ބޭފުޅުންގެ ހިސްޓްރީއެއް އޮވޭ ދެއްތޯ ސްޓޭންޑް ބަދަލުވުމުގެ،" ކުރިން އެކި މައްސަލަތަކުގައި ދައުލަތުން ދަށު ކޯޓުތަކުގައި ދައްކާ ވާހަކައާ ދިމާ އިދިކޮޅަށް އިސްތިއުނާފް މަރުހަލާގައި ވާހަކަ ދައްކާފައި ވާތީ އެކަމަށް އިޝާރާތްކުރައްވައި ވިދާޅުވި އެވެ.

"އެހެންވެ އަޅުގަނޑުގެ ސުވާލަކީ މި މައްސަލާގައި އެފަދަ އިހްތިމާލެއް އޮންނާނެ ބާވައޭ މުސްތަގުބަލުގައި. މިހާރު ތި ވިދާޅުވަނީ މީގެ ކުރިއަށް އައިސް ހުރި ކުށްތައް ތަހުގީގު ނުކުރިޔަސް ނުވަތަ ތަހުގީގު ފުރިހަމަ ނުކުރިޔަސް މި މައްސަލާގައި ދައުވާކުރެވޭ މިންވަރަށް ހެކި ހުށަހެޅިފަ ހުރި ކަމަށް. އަދި މިއީ މަނީ ލޯންޑަރިން ގާނޫނުގައި އޮތް ގޮތް ކަމަށް. އަޅުގަނޑުގެ ސުވާލަކީ މުސްތަގުބަލުގައި ތަހުގީގު ކުރިއަށްދާ ގޮތަކުން އިހްތިމާލު އޮންނާނެތޯއޭ ތި ބޭފުޅުންގެ ސްޓޭންޑް ބަދަލުވުމުގެ."

ފަނޑިޔާރު ވިދާޅުވީ މި ދައްކަނީ ވަރަށް ބޮޑު މުއާމަލާތެއް ވާހަކަ ކަމަށެވެ.

"މީގެ ... މަންޒަރުގެ ކުޑަކުޑަ ތަންކޮޅެއް ހަގީގަތުގައި އަޅުގަނޑުމެންނަށް މި ފެންނަނީ. އަޅުގަނޑުމެންނަށް އެ ހުރިހާ މައުލޫމާތެއް ދައުލަތުން ނެތް ހިއްސާކުރައްވައިފައެއް. އެހެންވެ ދައުލަތަށް މިހާރު ވެސް ތި އެނގިވަޑައިގަންނަވާ މައުލޫމާތެއް އަޅުގަނޑުމެންކަށް ނެތް އެނގޭކަށް. އެކަން ހަނދުފުޅުބަހައްޓަވާތި،" ފަނޑިޔާރު އަޒްމިރަލްދާ ސުވާލު ތަކުރާރުކުރެއްވި އެވެ.

ފަނޑިޔާރުން މިއަދު ވަނީ ޔާމީނަށް ވެސް ބޮޑެތި ސުވާލުތަކެއް ކުރައްވައިފަ އެވެ. އެގޮތުން، ޔާމީނަށް ޖަމާވީ ވޮޑަމުލާ ކުއްޔަށް ދީގެން ލިބުނު ފައިސާ ކަމަށް ބުނާއިރު އޮކްޓޫބަރު 6، 2015 ގައި އެކައުންޓް ހުޅުވާފައި ވަނީ ވޮޑަމުލާއިގެ އެއްބަސްވުމުގައި ސޮއިކުރި އޮކްޓޫބަރު 8 ގެ ތާރީހު މެދަށް އަންނަ ގޮތަށް ކަމަށް ވާތީ އެކަމާ ސުވާލުކުރެއްވި އެވެ. އަދި ފައިސާ ޖަމާކުރި އެކައުންޓްގެ ނަންބަރު ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް ލިބުނު ގޮތާއި ޖަމާކުރި ފައިސާއާ މެދު ޝައްކުވާ ކަންތައްތަކެއް ހުރިކަން އޭސީސީން އެންގުމުން ވެސް އެކަމާ ގުޅިގެން ކުރެއްވީ ކޮން ކަމެއްތޯ ވެސް އެއްސެވި އެވެ. މީގެ އިތުރުން، ޖަމާވީ އެމްއެމްޕީއާރްސީގެ ފައިސާކަން ނޭނގޭ ކަމަށް ޔާމީން ވިދާޅުވާއިރު ޔާމީންގެ މާލީ ބަޔާނުގައި، އެއީ އެމްއެމްޕީއާރްސީގެ ފައިސާ ކަމަށް އަދީބު ބުނާ ފައިސާ ކަމަށް ލިޔެފައި އޮތީ ކީއްވެތޯ ވެސް ސުވާލުކުރެއްވި އެވެ.