Roadha Mihaaru
އިންޓަ އިން ރޯމްގައި މޮރީނިއޯގެ ރޯމާ ބަލިކޮށްފި

އިންޓަ އިން ރޯމްގައި މޮރީނިއޯގެ ރޯމާ ބަލިކޮށްފި

05 ޑިސެމްބަރ 2021

ރޯމް (ޑިސެމްބަރު 5) - އިޓާލިއަން ސެރީ އޭގައި އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާނުން ރަށުން ބޭރުގައި ހޯސޭ މޮރީނިއޯގެ އޭއެސް ރޯމާ ބަލިކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ރޯމް (ޑިސެމްބަރު 5) - އިޓާލިއަން ސެރީ އޭގައި އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާނުން ރަށުން ބޭރުގައި ހޯސޭ މޮރީނިއޯގެ އޭއެސް ރޯމާ ބަލިކޮށްފި އެވެ.

އިންޓަ މިލާނުން ރޯމާ ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. އަދި އިންޓަ އިން ޖެހި ތިން ލަނޑު ވެސް ޖެހީ މެޗުގެ ފުރަތަމަ ހާފުގަ އެވެ.

މިއީ މޮރީނިއޯގެ ކޯޗިން ކެރިއަރުގައި ފުރަތަމަ ހާފު ނިމުނުއިރު އޭނާގެ ޓީމެއް ކޮޅަށް ތިން ލަނޑު ވަން ފުރަތަމަ ފަހަރެވެ. އަދި މިއީ 2010 ވަނަ އަހަރު އިންޓަ މިލާނަށް ލީގާއި އިޓާލިއަން ކަޕް އަދި ޗެމްޕިއަންސް ލީގު ނަގައިދީ، "ޓްރެބްލް" ކާމިޔާބު ކޯށްދިނުމަށް ފަހު އިންޓަ ދޫކޮށްލި ފަހުން އިޓަލީ ޓީމަކާ އެކު އިންޓައާ ދެކޮޅަށް މޮރީނިއޯ ނުކުތް ފުރަތަމަ މެޗެވެ.

ރޯމާ މި މެޗަށް ނުކުތްއިރު، އެ ޓީމުގެ ފޯވަޑް ޓެމީ އަބްރަހަމް އާއި މިޑްފީލްޑަރު ބްރަޔަން ކްރިސްޓަންޓޭ އަދި ޑިފެންޑަރު ރިކް ކާސްޑޯޕް ހުރީ ސަސްޕެންޝަނުގަ އެވެ. ކެޕްޓަން ލޮރެންޒޯ ޕެލެގްރިނީ ހުރީ އަނިޔާގަ އެވެ.

އިންޓަގެ ފުރަތަމަ ލަނޑު 15 ވަނަ މިނިޓުގައި ކޯނަރަކުން ސީދާ ގޯލަށް ވައްދާލީ ކަލްހަނޮގްލޫ އެވެ. އެ ޓީމުގެ ދެވަނަ ލަނޑު ކަލްހަނޮގްގެ އެހީތެރިކަމާ އެކު ޖެހީ ވޭތުވެދިޔަ ހަ ސީޒަނުގައި ވެސް ރޯމާއަށް ކުޅުނު ފޯވަޑް އެޑިން ޒެކޯ އެވެ. އަދި ތިންވަނަ ލަނޑު ޖެހީ މި ސީޒަނުގައި އެ ޓީމަށް ގެނައި ފުލްބެކް ޑެންޒެލް ޑަމްފްރީސް އެވެ. މިއީ ޑަމްފްރީސް އިންޓަ އަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

މެޗަށް ފަހު މޮރީނިއޯ ބުނީ، އަނިޔާ އާއި ސަސްޕެންޝަނުގެ ސަބަބުން އެ މަގާމުތައް ފޫބައްދާނެ ކުޅުންތެރިން ނަގަން އުނދަގޫވި ކަމަށާއި، އިންޓަ އިން މި ހާލަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފި ކަމަށެވެ.

"އިންޓަ އަކީ އާއްމު ހާލަތުގައި ވެސް އަހަރެމެނަށް ވުރެ މޮޅު ޓީމެއް. އަނެއްކާ މި ހާލަތުގައި (ރޯމާ ކުޅުންތެރިންގެ އިންޖަރީ އާއި ސަސްޕެންޝަނުގެ) ފައިދާ އެ މީހުން މާ ބޮޑަށް ވެސް ނަގައިފި،" މެޗަށް ފަހު މޮރީނިއޯ ބުންޏެވެ. "އަހަރެމެންގެ (ރޯމާގެ) އެޓޭކިން ޕޮޓެންޝަލް ވެސް މިރޭ ހަމަ ސުމެއް. ތިން ފުރުސަތު ލިބުނީ، އެންމެ ގޯލެއް ވެސް ނުޖެހުނު."

ރޯމާގެ ދަނޑުގައި ރޭ ވީ ބައްޔަކީ މޮރީނިއޯގެ ކެރިއަރުގައި ވެސް ހޯމް މެޗެއްގައި ބަލިވި އެންމެ ތަފާތު ބޮޑު އެއް ނަތީޖާ އެވެ. މީގެ ކުރިން މޮރީނިއޯގެ އިރުޝާދުގެ ދަށުން މެންޗެސްޓާ ޔުނައިޓެޑް ވަނީ އޮގަސްޓް، 2018 ގައި އަމިއްލަ ދަނޑުގައި ޓޮޓެންހަމް ހޮޓްސްޕާސް އަތުން 3-0 އިން ބަލިވެފަ އެވެ.