Roadha Mihaaru
ރެފްރީއާ ދިމާކޮށްގެން މޮރީނިއޯ ދެމެޗަށް ސަސްޕެންޑްކޮށްފި

ރެފްރީއާ ދިމާކޮށްގެން މޮރީނިއޯ ދެ މެޗަށް ސަސްޕެންޑް ކޮށްފި

23 ފެބުރުއަރީ 2022

ރޯމް (ފެބްރުއަރީ 23) - އިޓާލިއަން ސެރީ އާގައި އެންމެ ފަހުން ރޯމާ ފަހަތުން އަރައި 2-2 އިން ވެރޯނާއާ އެއްވަރުކުރި މެޗުގައި ކޯޗު ހޯސޭ މޮރީނިއޯ އަށް ދެއްކި ރަތްކާޑާ އެކު އޭނާ ދެ މެޗަށް ސަސްޕެންޑް ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ރޯމް (ފެބްރުއަރީ 23) - އިޓާލިއަން ސެރީ އާގައި އެންމެ ފަހުން ރޯމާ ފަހަތުން އަރައި 2-2 އިން ވެރޯނާއާ އެއްވަރުކުރި މެޗުގައި ކޯޗު ހޯސޭ މޮރީނިއޯ އަށް ދެއްކި ރަތްކާޑާ އެކު އޭނާ ދެ މެޗަށް ސަސްޕެންޑް ކޮށްފި އެވެ.

މޮރީނިއޯ އަށް ރަތް ކާޑު ދެއްކީ އެ މެޗުގެ އިތުރު ވަގުތުގައި، އިތުރަށް ދެއްކި ހަތަރު މިނިޓާމެދު ހިތްހަމަ ނުޖެހިގެން، ރެފްރީ ލޫކާ ޕެރޭޓޯއާ ދިމާއަށް އަތުން ފޯން ކޯލެއްގެ އިޝާރާތެއް ތަކުރާރުކޮށް ދެއްކުމުންނެވެ. އަދި މޮރީނިއޯ ވަނީ އޭނާއަށް ރަތް ކާޑު ދެއްކުމުން ރެފްރީއާ ދިމާއަށް ދާން ދަނޑަށް އަރަން ވެސް މަސައްކަތް ކޮށްފަ އެވެ.

މިއާ ގުޅިގެން އިޓަލީގެ ފުޓުބޯޅަ އެސޯސިއޭޝަނުން ބުނީ، މެޗުގައި އޮފިޝަލްކަން ކުރި ރެފްރީ ޕެރޭޓޯއާ މެދު މޮރީނިއޯ ވަނީ ސީރިއަސް ތުހުމަތުތަކެއްކޮށް، ރެފްރީއަށް ބިރުދެއްކުމުގެ ވިސްނުމުގައި ދަނޑަށް އަރަން އުޅެފައި ކަމަށެވެ.

މޮރީނިއޯގެ މި އަމަލަށް އިޓަލީގެ ފުޓުބޯޅަ އެސޯސިއޭޝަނުން ވަނީ އޭނާ ދެ މެޗަށް ސަސްޕެންޑު ކުރުމުގެ އިތުރުން 20،000 ޔޫރޯ އިން ޖޫރިމަނާ ވެސް ކޮށްފަ އެވެ.

ޕެރޭޓޯއާ ދިމާއަށް މޮރީނިއޯ ފޯނު ކޯލުގެ އިޝާރާތް ކުރީ 2006 ވަނަ އަހަރު އިޓާލިއަން މެޗު ފިކްސިންގެ ހިޔާނާތުގައި ބައިވެރިވި އޭނާގެ ބައްޕަ ޕިއެރޭލުއިޖީ ޕެރޭޓޯއާ އަށް ނިސްބަތްކޮށް ކަމަށް އިޓަލީގެ މީޑިއާތަކުން ރިޕޯޓްކުރެ އެވެ. އޭރު ޔޫއެފާ ރެފްރީސް ކޮމިޓީގެ އިޓަލީގެ ވައިސް ޗެއާމަންގެ ގޮތުގައި ހުރެ ޕިއެރޭލުއިޖީ ވަނީ އެ އަހަރު ޔުވެންޓަސް ޗެމްފިއަންސް ލީގު މެޗުތަކަށް ރެފްރީން ކަނޑައަޅަން އެ ކުލަބުގެ ޗީފް އެގްޒެކެޓިފް ލޫސިއާނޯ މޮގީއާ ދެމެދު ގަވާއިދުން ފޯން ކޯލްތައް ކުރިޔަށް ގެންދާކަން ފަޅާއަރައިގެން، ފުޓުބޯޅައިގެ ހަރަކާތްތަކުން ތިން އަހަރާ ބައިގެ މުއްދަތަކަށް ސަސްޕެންޑް ކޮށްފަ އެވެ.

ޔުވެންޓަސް އެ ސީޒަނުގައި 15 ޕޮއިންޓުގެ ލީޑަކާ އެކު އެންމެ ގިނަ ޕޮއިންޓް ހޯދައިގެން އިޓާލިއަން ލީގުގެ އެއްވަނަ ހޯދި ނަމަވެސް އެ ޓީމު ވަނީ ފުރަތަމަ ޑިވިޝަނުން ރެލިގޭޓް ކޮށްފަ އެވެ.

މީގެ ކުރިން ޕޯޓޯ އާއި ޗެލްސީ އަދި މެންޗެސްޓާ ޔުނައިޓެޑްގެ އިތުތުން ޓޮޓެންހަމް ހޮޓްސްޕާސް އަށް ވެސް ކޯޗު ކޮށްދިން މޮރީނިއޯ ވަނީ ދެ ސީޒަނުގައި އިޓަލީގެ އިންޓަ މިލާނަށް ކޯޗު ކޮށްދީ، އެ ދެ ސީޒަނުގައި ވެސް ލީގު ކާމިޔާބު ކޮށްފަ އެވެ.

މޮރީނިއޯ އަށް ކުރިމަތިވެފައިވާ ސަސްޕެންޝަނުގެ ސަބަބުން އަންނަ އާދިއްތަ ދުވަހުގެ ރޭ ސްޕެޒިއާ އާ ދެކޮޅަށް ރޯމާ ކުޅޭ މެޗާއި، މާޗު 5 ވަނަ ދުވަހުގެ ރޭ އެޓަލާންޓާއާ ދެކޮޅަށް ކުޅޭ މެޗު އޭނާއަށް ގެއްލޭނެ އެވެ.

ލީގުގައި އެންމެ ފަހުން ރޯމާ ކުޅުނު ތިން މެޗު ވެސް ނިމުނީ އެއްވަރު ވެގެންނެވެ. އަދި މިހާތަނަށް ކުޅުނު 26 މެޗުން ހޯދި 41 ޕޮއިންޓާ އެކު އެޓީމު އޮތީ ލީގު ޓޭބަލްގެ އަށްވަނައިގަ އެވެ.