Roadha Mihaaru
ހަފުތާ ބަންދު ދިގުވާ ގޮތަށް އިތުރު 4 ދުވަސް ބަންދު

ހަފުތާ ބަންދު ދިގުކޮށްލަން އަންނަ އަހަރު އިތުރު ހަތަރު ދުވަސް ބަންދު

08 ޑިސެމްބަރ 2021

ކުރިން ކަނޑައަޅާފައިވާ، ސަރުކާރުގެ ރަސްމީ ބަންދު ދުވަސްތަކުގެ އިތުރަށް އަންނަ އަހަރު ހަތަރު ދުވަސް ބަންދުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފި އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

ކުރިން ކަނޑައަޅާފައިވާ، ސަރުކާރުގެ ރަސްމީ ބަންދު ދުވަސްތަކުގެ އިތުރަށް އަންނަ އަހަރު ހަތަރު ދުވަސް ބަންދުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެ ހަތަރު ދުވަސް ބަންދު ދުވަހުގެ ގޮތުގައި ކަނޑައަޅަން ނިންމެވީ ރަސްމީ ބަންދު ދުވަސްތަކާ ގުޅުވާލައިގެން ދިގު ހަފުތާ ބަންދެއް ދިނުމުގެ ގޮތުން ކަމަށެވެ.

އިތުރަށް ދޭ ބަންދު ދުވަސްތަކަކީ؛ މެއި 5، ޖުލައި 13، 14 އަދި 28 އެވެ.

އަންނަ އަހަރުގެ މެއި މަހުގެ 3 ވާ އަންގާރަ ދުވަހަކީ ފިތުރު އީދު ދުވަހެވެ. އީދުގެ މުނާސަބަތުގައި މެއި ހަތަރުވަނަ ދުވަސް ވެސް ބަންދުވާނެ އެވެ. އެ ބަންދުގެ ތެރޭގައި ރައީސް ހިމެނުއްވީ އެ ހަފްތާގެ ބުރާސްފަތި ދުވަހެވެ. އޭރުން އަންގާރަ ދުވަހުން ފެށިގެން އެ ހަފުތާ އެއްކޮށް ބަންދުވާނެ އެވެ.

އަންނަ އަހަރުގެ ބޮޑު އީދު ދިމާވަނީ ޖުލައި 10 ވާ އާދިއްތަ ދުވަހާ އެވެ. ބޮޑު އީދުގެ މުނާސަބަތުގައި ޖުލައި 11 އާ ދިމާވާ ހޯމަ ދުވަހާއި އެ މަހުގެ 12 އާ ދިމާވާ އަންގާރަ ދުވަސް ބަންދުވާނެ އެވެ. އޭގެ ތެރޭގައި ރައީސް ހިމެނުއްވި ޖުލައި 13 އާއި 14 އެވެ. އެއީ ބުދަ އާއި ބުރާސްފައްޗެވެ. އޭރުން ހަފުތާއެއްގެ ޗުއްޓީ ލިބޭނެ އެވެ.

މިނިވަން ދުވަސް ކަމަށްވާ ޖުލައި 26 އަންގާރަ ދުވަހަކާ ދިމާވާތީ، ޖެހިގެން އަންނަ ބުދަ ދުވަސް ވާނީ ދުވަހުގެ މުނާސަބަތުގައި ބަންދު ދުވަހަކަށެވެ. އެހެންވެ 28 ވާ ބުރާސްފަތި ދުވަސް ވެސް ބަންދުކޮށް ބަންދު ދިގުކޮށްލީ އެވެ.