Roadha Mihaaru
ޕަބްލިކް ހެލްތު ފަންޑުގެ ގަވާއިދު އާންމުކޮށްފި

ޕަބްލިކް ހެލްތު ފަންޑު ލޯންޗުކުރިތާ ދެ އަހަރު ފަހުން ގަވާއިދު އާންމުކޮށްފި

08 ޑިސެމްބަރ 2021

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އުފެއްދި ޕަބްލިކް ހެލްތު ފަންޑު ލޯންޗުކުރިތާ ދެ އަހަރު ފަހުން އެ ފަންޑު ހިންގުމުގެ ގަވާއިދު މިއަދު އާންމުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އުފެއްދި ޕަބްލިކް ހެލްތު ފަންޑު ލޯންޗުކުރިތާ ދެ އަހަރު ފަހުން އެ ފަންޑު ހިންގުމުގެ ގަވާއިދު މިއަދު އާންމުކޮށްފި އެވެ.

ރާއްޖޭގައި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ އުސޫލުތައް ބަޔާންކޮށް 2012 ވަނަ އަހަރު ފާސްކޮށް، އަމަލުކުރަމުން އަންނަ އާންމު ސިއްހަތުގެ ގާނޫނުގައި ބުނާ ޕަބްލިކް ހެލްތު ފަންޑު ސަރުކާރުން ލޯންޗުކޮށްފައި ވަނީ ނޮވެމްބަރު 6، 2019 ގައި ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ބޭއްވި އާއްމު ސިއްހަތުގެ މަހާސިންތާގަ އެވެ. އެއީ މި ސަރުކާރުގެ ފުރަތަމަ ހެލްތު މިނިސްޓަރު، އަބްދުﷲ އަމީން ހުންނެވިއިރު އެވެ.

ޕަބްލިކް ހެލްތު ފަންޑަށް ފައިސާ ހޯދާނެ ގޮތާއި ފަންޑަށް ލިބޭ ފައިސާ ބޭނުންކުރާނެ ގޮތްތައް މި ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.

މި ފަންޑަށް ލިބޭ ފައިސާ ޖަމާކުރަން ޖެހެނީ ފިނޭންސް މިނިސްޓްރީން ހަދައިފައި އޮންނަ ޕަބްލިކް ހެލްތު ފަންޑް އެކައުންޓަށެވެ. އެގޮތުން ޖަމާކުރެވޭނެ ފަައިސާއަކީ:

- ރައްޔިތުންގެ މަޖިލީހުން ކޮންމެ އަހަރަކު ފާސްކުރާ ބަޖެޓްގައި އާއްމު ސިއްހަތު ރައްކާތެރިކުރުމަށްޓަކައި ހަރަދުކުރަން ކަނޑައަޅާ ފައިސާ.

- އާއްމު ސިއްހަތުގެ ގާނޫނުގެ ދަށުން ދޫކުރާ ލައިސަންސްތަކުން ފީގެ ގޮތުގައި ލިބޭ ފައިސާ.

- އާންމު ސިއްހަތު ރައްކާތެރިކުރުމަށް ސަރުކާރަށް ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާ.

- އާއްމު ސިއްހަތުގެ ގާނޫނުގެ ދަށުންް ދޭ ހިދުމަތްތަކަށް ނަގާ ފީގެ ފައިސާ.

- ގާނޫނުގެ ދަށުން ތައްޔާރުކުރާ ރިޕޯޓްތައް ވިއްކައިގެން ލިބޭ ފައިސާ.

- ގާނޫނުގެ ދަށުން ހިންގާ ތަމްރީނު ޕްރޮގްރާމްތަކުން ލިބޭ ފައިސާ.

- ގާނޫނުގެ ދަށުން ކުރާ ޖޫރިމަނާތަކުގެ ފައިސާ.

- ސިނގިރެޓާއި ދުންފަތުން ނަގާ ޑިއުޓީގެ ތެރެއިން ތިން ޕަސެންޓް.

- ސިއްހަތަށް ނުރައްކާވާ ތައްޔާރީ ކާނާ އިން ނަގާ ޑިއުޓީގެ ވަކި މިންވަރެއް.

ޕެރަޑައިސް އައިލެންޑް ރިސޯޓްގައި 2019 ގައި ބޭއްވި އާއްމު ސިއްހަތުގެ މަހާސިންތާގެ ޕެނަލް ޑިސްކަޝަން.-- ފައިލް ފޮޓޯ: ހެލްތު މިނިސްޓްރީ

ޕެރަޑައިސް އައިލެންޑް ރިސޯޓްގައި 2019 ގައި ބޭއްވި އާއްމު ސިއްހަތުގެ މަހާސިންތާގެ ޕެނަލް ޑިސްކަޝަން.-- ފައިލް ފޮޓޯ: ހެލްތު މިނިސްޓްރީ

މި ފަންޑަށް ޖަމާކުރާ ފައިސާ ބޭނުންކުރަން ޖެހޭނީ ރާއްޖޭގައި ފެތުރޭ ބަލިތަކާ ގުޅޭ ގޮތުން ދިރާސާތައް ކުރުމަށާއި އާންމުން ހޭލުންތެރިކުރުވުމަށާއި ބަލި ކޮންޓްރޯލް ކުރާނެ ގޮތްތައް ދެނެގަތުމަށް ކުރަން ޖެހޭ މަސައްކަތްތަކަށެވެ.

މިއަދުން ފެށިގެން އަމަލުކުރަން ޖެހޭ ޕަބްލިކް ފަންޑު ހިންގުމުގެ ގަވާއިދުގެ ދަށުން މި ފަންޑުގެ ކަންކަން ބެލެހެއްޓުމަށް ''ޕަބްލިކް ހެލްތު ފަންޑު ކޮމިޓީ" ގެ ނަމުގައި ކޮމިޓީއެއް އުފައްދަން ޖެހެ އެވެ. އެ ކޮމިޓީން ފަންޑަށް ފައިސާ ހޯދާއި ލިބޭ ފައިސާ ބޭނުންކުރާނެ ގޮތުގެ އުސޫލު ކަނޑައަޅަން ޖެހޭނެ އެވެ.

ހެލްތު މިނިސްޓަރާއި ޑިރެކްޓާ އޮފް ޕަބްލިކް ހެލްތު ހިމެނޭ ގޮތަށް މި ކޮމިޓީގައި ޖުމްލަ ނުވަ މެމްބަރުން ތިބޭނެ އެވެ. މި ކޮމިޓީގެ ހިންގުމުގެ އުސޫލުތައް ވެސް މި ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.