Roadha Mihaaru
ފިތުރު އީދުގައި ސަލްމާނާއި ޖޯންގެ ކުރިމަތިލުމެއް

މި އަހަރުގެ ފިތުރު އީދުގައި ސަލްމާނާއި ޖޯންގެ ކުރިމަތިލުމެއް

27 ޖެނުއަރީ 2021

މި އަހަރުގެ ފިތުރު އީދަކީ ސަލްމާން ޚާނާއި ޖޯން އަބްރަހަމް ބޮކްސް އޮފީހުގައި ކުރިމަތިލުމަކަށް ދާނެ ދުވަހެއްކަން ކަށަވަރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރުގެ ފިތުރު އީދަކީ ސަލްމާން ޚާނާއި ޖޯން އަބްރަހަމް ބޮކްސް އޮފީހުގައި ކުރިމަތިލުމަކަށް ދާނެ ދުވަހެއްކަން ކަށަވަރުވެއްޖެ އެވެ.

ކުރިން މިދިޔަ އަހަރު ފިތުރު އީދަށް ތާވަލުކުރި ސަލްމާންގެ "ރާދޭ: އިންޑިއާސް މޯސްޓް ވޯންޓެޑް ބާއީ" ކޮވިޑާ ހެދި މިދިޔަ އަހަރު ނުގެނެސްދެވުމުން މިހާރު އޮތީ މި އަހަރުގެ ފިތުރު އީދުގައި ގެނެސްދޭން ނިންމައިފަ އެވެ. އިހަކަށް ދުވަހު ސަލްމާން ސޯޝަލް މީޑިއާގައި އާންމުކުރި ބަޔާނެއްގައި ވެސް އެކަން ކަށަވަރުކޮށް ދީފައިވެ އެވެ.

މި އަހަރުގެ ފިތުރު އީދު ދިމާވަނީ މެއި 13 ނުވަތަ 14 އަށެވެ. "ރާދޭ" މިހާރު ތާވަލުކޮށްފައި އޮތީ މެއި 14 އަށެވެ.

ޕްރަބޫދޭވާ ޑައިރެކްޓްކޮށްފައިވާ ސަލްމާންގެ "ރާދޭ" އަކީ އެކްޝަން ފިލްމެކެވެ. މީގެ ކާސްޓްގައި ޑިޝާ ޕަޓާނީ އާއި އޭނާގެ ލޯބިވެރިޔާ ޓައިގާ ޝްރޮފްގެ ބައްޕަ ޖެކީ ޝްރޮފާއި ރަންދީޕް ހޫޑާ ފަދަ ތަރިން ހިމެނެ އެވެ.

ޖޯން ފިތުރު އީދުގައި އަންނާނީ 2018 ގައި ގެނެސްދިން އޭނާގެ ކާމިޔާބު އެކްޝަން ފިލްމު "ސަތިޔަމޭވް ޖަޔަތޭ" ގެ ދެވަނަ ބަޔާ އެކީގަ އެވެ. މި ފިލްމަކީ ފުރަތަމަ ބައި ވެސް ލިޔެ، ޑައިރެކްޓްކުރި މިލަޕް މިލަން ޒަވޭރީގެ ފިލްމެކެވެ.

މިހާރު ޝޫޓިން އެއްކޮށްހެން ނިމިފައިވާ "ސަތިޔަމޭވް ޖަޔަތޭ 2" އަކީ ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުސްކުރާ ފިލްމެކެވެ. ޖޯންއާ އެކު މި ފަހަރު ފިލްމުގެ ބަތަލާގެ ރޯލު ކުޅެފައި ވަނީ ޕްރޮޑިއުސަރުގެ އަންހެނުން ދިވްޔާ ކޯސްލާ ކުމާރެވެ.

"ސަތިޔަމޭވް ޖަޔަތޭ 2" އަކީ ކުރިން މިދިޔަ އަހަރު އޮކްޓޯބަރު 2 ގައި ސިނަމާތަކަށް ގެންނަން ތާވަލުކުރި ފިލްމެކެވެ. އެކަމަކު "ރާދޭ" އަށް ދިމާވި ގޮތަށް ކޮވިޑްގެ ބަލިމަޑުކަމާ ހެދި ފިލްމު ނުގެނެސްދެވުނީ އެވެ.

"ރާދޭ" އާއި "ސަތިޔަމޭވް ޖަޔަތޭ 2" އެއް ދުވަހެއްގައި ރިލީޒްކުރަން ނިންމުމަކީ ޖޯން އާއި ސަލްމާން ބޮކްސް އޮފީހުގެ ބޮޑު ކުރިމަތިލުމަކަށްދާ ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން މި ދެ ތަރިންނަކީ މާ ގާތް ގުޅުމެއް ވެސް އޮންނަ ދެ ތަރިންނެއް ނޫނެވެ. އެހެންވެ ވާދަވެރިކަން ވަކިން ބޮޑުވާނެ އެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ މިއީ ޖޯންގެ ފިލްމެއް ފިތުރު އީދަށް ތާވަލުކުރި ފުރަތަމަ ފަހަރުކަމެވެ. ސަލްމާނަކީ އަބަދު ވެސް ފިތުރު އީދުގައި ބަގުޑިބައްދައިގެން އުޅޭ އެކްޓަރެކެވެ.