Roadha Mihaaru
ފައިސާއަށް ވެކްސިން ޖަހާ މީހެއްގެ މައްސަލަ ބަލަނީ

އެހެން މީހުންގެ ނަމުގައި ކޮވިޑް ވެކްސިން ޖަހާ މީހެއްގެ މައްސަލަ ނިއުޒީލެންޑުން ބަލަނީ

13 ޑިސެމްބަރ 2021

ފައިސާ ހޯދަން އެހެން މީހުންގެ ނަމުގައި އަމިއްލަ ގަޔަށް ކޮވިޑް-19 ގެ ވެކްސިން ޖަހަމުން ދިޔަ މީހެއްގެ މައްސަލައެއް ނިއުޒީލެންޑްގައި ފެންމަތިވެ އެކަން ސީރިިއަސް މައްސަލައެއްގެ ގޮތުގައި އެ ގައުމުން ބަލަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފައިސާ ހޯދަން އެހެން މީހުންގެ ނަމުގައި އަމިއްލަ ގަޔަށް ކޮވިޑް-19 ގެ ވެކްސިން ޖަހަމުން ދިޔަ މީހެއްގެ މައްސަލައެއް ނިއުޒީލެންޑްގައި ފެންމަތިވެ އެކަން ސީރިިއަސް މައްސަލައެއްގެ ގޮތުގައި އެ ގައުމުން ބަލަން ފަށައިފި އެވެ.

މި މައްސަލަ އެންމެ ފުރަތަމަ މީޑިއާތަކުން ރިޕޯޓްކުރީ މިދިޔަ ހުކުރު ދުވަހު އެވެ، އެއާ އެކު ނިއުޒީލެންޑްގެ ހެލްތު މިނިސްޓްރީގެ ސަމާލުކަމަށް އެކަން އައިސް ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަން ބަލަމުން އަންނަ ކަމަށް އެ ގައުމުގެ ކޮވިޑާއި އިމިއުނިޒޭޝަން ޕްރޮގްރާމްގެ ގްރޫޕް މެނޭޖަރު އެސްޓްރިޑް ކޫނީފް ވިދާޅުވި އެވެ.

ފައިސާ އަށް ވެކްސިން ޖަހަމުން ދިޔަ މީހާގެ މައްސަލަ ބަލަމުން ދިޔަޔަސް، އޭނާއާ ބެހޭ އެއްވެސް ތަފުސީލެއް ރަސްމީކޮށް އަދި ހާމަކޮށްފައެއް ނުވެ އެވެ.

މިޑިއާތަކުން ބުނި ގޮތުގައި ވެކްސިން ޖަހަން ބޭނުން ނުވާ މީހުންނަށް ވެކްސިންގެ ސެޓްފިކެޓް ހޯދައި ދިނުމުގެ ގޮތުން ފައިސާގެ ބޭނުމުގައި ވެކްސިން ޖަހަމުން ދިޔަ ފިރިހެން މީހާ ވަނީ ނިއުޒީލެންޑްގެ އެކި ވެކްސިން ސެންޓަރުތަކުން އެއް ދުވަހުގެ ތެރޭގައި ވެކްސިންގެ 10 ޑޯޒް ޖަހައިފަ އެވެ. އަދި އޭނާ އަށް މިކަން ކުރަން މަގުފަހިވި އެއް ސަބަބަކީ ވެކްސިން ޖަހަން ދާއިރު އެ މީހަކީ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ކޮންމެހެން މުހިއްމު ނުވާތީ އެވެ. އެހެންވެ އެކި މީހުންނަށް ހެދިގެން އޭނާ ފައިސާ އަށް އަމިއްލަ ހަށިގަނޑަށް ވެކްސިން ޖަހަމުން ދިޔައީ އެވެ.

މި ހާދިސާއާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެސްޓްރިޑް ވަނީ އެފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ. އަދި އެފަދަ ގޮތަކަށް ބަޔަކު ވެކްސިން ޖަހާ ކަން އެނގޭ ނަމަ އެފަދަ މީހުން ވީހާ ވެސް އަވަހަކަށް ޑޮކްޓަރަށް ދައްކަން ވެސް އޭނާ އިލްތިމާސް ކުރެއްވި އެވެ.

"މިއީ ވަރަށް ކަންބޮޑުވާ ކަމެއް،" އޭނާ ވިދާޅުވި އެވެ. "އަދި މިއީ ވަރަށް ނުރައްކާތެރި ކަމެއް. އަމިއްލަ އެދުމަކާ ހެދި ވެސް މިފަދަ ކަންކަމަކީ ކުރަންވާ ވަަރުގެ ކަންކަމެއް ނޫން."

އޯކްލަންޑް ޔުނިވަސިޓީގެ އެސޯސިއޭޓް ޕްރޮފެސަރު އަދި ވެކްސިނޮލޮޖިސްޓް ހެލެން ޕެޓޯޒިސް-ހެރިސް ވިދާޅުވި ގޮތުގައި ވެކްސިންއާ ގުޅުން ހުރި ކަންކަމުގައި ބޮޑެތި މައްސަލަތައް ދަނީ ފާހަގަ ކުރެވެމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި މިފަދަ ކަންކަން އެހާ ލުއިކޮށް ނަގައިގެން ނުވާނެ އެވެ. އަދި މީހަކު އެއް ދުވަހެއްގެ ތެރޭގައި ވެކްސިންގެ 10 ޑޯޒް ޖެހުމަކީ ފައިސާ އަށް ވެސް ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

"އެ މީހަކު މިހާރު ހުންނާނެ ހާލަތަކާ ދޭތެރޭ ވެސް ކަންބޮޑުވޭ." ހެރިސް ވިދާޅުވި އެވެ.

ކޮވިޑްގެ ވެކްސިން އަކީ ކޮންމެ މީހަކު ދެ ޑޯޒް ޖަހަން ޖެހޭ އެއްޗެކެވެ. އެގޮތުން ފުރަތަމަ ޑޯޒަށް ފަހު ދެވަނަ ޑޯޒް ޖަހަނީ، ފުރަތަމަ ޑޯޒް ޖަހާތާ މަދުވެގެން 3-4 ހަފުތާގެ ތެރޭގަ އެވެ. އަދި މިހާރު ބައެއް ގައުމުތަކުގައި އަންނަނީ ބޫސްޓައެއްގެ ގޮތުގައި ތިން ވަނަ ޑޯޒެއް ވެސް ޖަހަމުންނެވެ.