Roadha Mihaaru
މިސް ޔުނިވާސް އިން ތާރީހު ބަދަލުކޮށްލެވުނު: ސުޝްމިތާ

މިސް ޔުނިވާސް އިން އިންޑިއާގެ ތާރީހު ބަދަލުކޮށްލެވުނު: ސުޝްމިތާ

23 މެއި 2021

މިސް ޔުނިވާސްގެ މަގާމު ލިބުމަކީ އިންޑިއާގެ ތާރީހު ބަދަލުކޮށްލި ކަމެއް ކަމަށާއި އެކަމާ ވަރަށް އުފާވާ ކަމަށް ކުރީގެ މިސް ޔުނިވާސް އަދި ބަތަލާ ސުޝްމިތާ ސެން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިސް ޔުނިވާސްގެ މަގާމު ލިބުމަކީ އިންޑިއާގެ ތާރީހު ބަދަލުކޮށްލި ކަމެއް ކަމަށާއި އެކަމާ ވަރަށް އުފާވާ ކަމަށް ކުރީގެ މިސް ޔުނިވާސް އަދި ބަތަލާ ސުޝްމިތާ ސެން ބުނެފި އެވެ.

މީގެ 27 އަހަރު ކުރިން، މެއި 21، 1994 ގައި ފިލިޕީންސްގެ މެނީލާގައި ބޭއްވި މިސް ޔުނިވާސް ހަފުލާގައި މިސް ޔުނިވާސްގެ ތާޖު ހާސިލުކޮށްފައިވާތީ އެކަން ފާހަގަކޮށް މިހާރު 45 އަހަރުގެ ސުޝްމިތާ އިންސްޓަގްރާމްގައި ބުނީ އެއީ ހަމައެކަނި އޭނާގެ ދިރިއުޅުން ބަދަލުކޮށްލި ކާމިޔާބީއެއް ނޫން ކަމަށެވެ.

"އެއީ [އިންޑިއާގެ] ތާރީހު ވެސް ބަދަލުކޮށްލި ކާމިޔާބީއެއް،" މިސް އިންޑިއާގެ ތާޖު ހާސިލުކުރުމުގެ ޝަރަފު ލިބުނު އިންޑިއާގެ ފުރަތަމަ މީހަކީ އޭނާކަން ފާހަގަކޮށް ސުޝްމިތާ ބުންޏެވެ.

މިސް ޔުނިވާސްގެ ތާޖު ލިބުނު އިރު ސުޝްމިތާގެ އުމުރަކީ 18 އަހަރެވެ. އޭނާއެ ކާމިޔާބީއާ ހަމައަށްވާސިލުކޮށްދޭން މަސައްކަތްކޮށްދިން ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.

"މިއަދު އެތައް އަންހެނަކަށް އަހަރެން އިންސްޕިރޭޝަނަކަށްވުމުގެ ސިއްރަކީ އެ ދުވަހު އެ ލިބުނު ކާމިޔާބީ،" އޭނާ ބުންޏެވެ. "އަބަދު ވެސް އެކަމަށް ޝުކުރުވެރިވާނަން. ކެރިގެން ހިތްވަރާ އެކު ކުރިމަތިލައިފި ނަމަ ނުވާނެ ކަމެއް ނޯންނާނެ."

މިސް ޔުނިވާސްގެ ތާޖަށް ފަހު ސުޝްމިތާ ދެން ނުކުތީ ބޮލީވުޑަށެވެ. އޭނާގެ އަލަތު ފިލްމަކީ 1996 ގައި މަހޭޝް ބަޓް ޑައިރެކްޓްކުރި ތުރިލާ "ދަސްތަކް" އެވެ. އެ ފިލްމަކީ މިސް ޔުނިވާސްއަކާ ހެދި ދީވާނާވެފައިވާ ފިރިހެނަކާ ހެދި އަންހެނަކަށް ދިމާވާ ހާދިސާތަކެއް ކިޔައިދިން ފިލްމެކެވެ.

ދުނިޔޭގައި ދެވަނަ އަށް ދެވޭ އެންމެ ޝަރަފުވެރި ރީތީގެ ރާނީގެ ތާޖާ އެކު ބޮލީވުޑަށް ނުކުތަސް ސުޝްމިތާގެ ފިލްމީ ކެރިއަރު އެހާ ކާމިޔާބެއް ނޫނެވެ. އޭނާގެ ކެރިއަރުގައި މާ ފާހަގަކޮށްލެވޭ ފިލްމުތަކެއް ވެސް ނެތެވެ. ކުޅުނު މަދު ފިލްމުގަކުގެ ތެރެއިން ހޮވައިލެވޭ ބައެއް ފިލްމުތަކަކީ ސިރުފް ތުމް (1999)، ބީވީ ނަމްބަރު 1 (1999)، ފިލްހާލް (2002) އަދި މޭ ހޫ ނާ (2004) އެވެ.

އެކްޓިންއާ ދުރުގައި ހުންނަތާ 10 ވަރަކަށް އަހަރު ފަހުން ސުޝްމިތާ މިދިޔަ އަހަރު އެނބުރި އައީ ވެބް ސީރީޒް "އާރިއާ" އިންނެވެ. އޭނާ މިހާރު އަންނަނީ އޭގެ ދެވަނަ ސީޒަންގެ މަސައްކަތްކުރަމުންނެވެ.

ނުވަދިހަ ހަތަރެއްގެ މިސް ޔުނިވާސްގެ ތާޖު ސުޝްމިތާ އަށް ލިބުނު އިރު އެ އަހަރުގެ މިސް ވޯލްޑް ތާޖު ލިބުނީ އައިޝްވާރިއާ ރާއީއަށެވެ.

އެ ދެ މީހުންގެ ފަހުން ވެސް އިންޑިއާގެ ރީތީގެ ރާނީން މިސް ޔުނިވާސް އާއި މިސް ވޯލްޑްގެ ތާޖު ހާސިލުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ކުރީގެ ބަތަލާ ޑަޔާނާ ހޭޑަން (މިސް ވޯލްޑް 1997)، ކުރީގެ ބަތަލާ ޔުކްތާ މުކީ (މިސް ވޯލްޑް 1999)، ޕްރިޔަންކާ ޗޯޕްރާ (މިސް ވޯލްޑް 2000)، ލާރާ ދައްތާ (މިސް ޔުނިވާސް 2000) އަދި މިހާރު ބޮލީވުޑަށް ނުކުންނަން ތައްޔާރުވަމުން އަންނަ މަނޫޝީ ޗިލާރު (މިސް ވޯލްޑް 2017) އެވެ.