Roadha Mihaaru
މިސް ޔުނިވާސް އަކީ ދެކުނު އެފްރިކާގެ ރީތީގެ ރާނީ

މިސް ޔުނިވާސް އަކީ ދެކުނު އެފްރިކާގެ ރީތީގެ ރާނީ

10 ޑިސެމްބަރ 2019

މި އަހަރުގެ މިސް ޔުނިވާސްގެ މަގާމު ދެކުނު އެފްރިކާގެ ރީތީގެ ރާނީ ޒޮޒިބީނީ ތަންޒީ އަށް ލިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރުގެ މިސް ޔުނިވާސްގެ މަގާމު ދެކުނު އެފްރިކާގެ ރީތީގެ ރާނީ ޒޮޒިބީނީ ތަންޒީ އަށް ލިބިއްޖެ އެވެ.

އެމެރިކާގެ ޖޯޖިއާގެ އެޓްލާންޓާގެ ޓައިލާ ޕެރީ ސްޓޫޑިއޯގައި އާދިއްތަ ދުވަހުގެ ރޭ ބޭއްވި 68 ވަނަ މިސް ޔުނިވާސްގެ ހަފުލާގައި މިސް ޔުނިވާސްގެ ތާޖާ އެކު ތަންޒީ، 26، ބުނީ އޭނާ އަށް އެ މަގާމު ލިބުމަކީ ކަޅު ނަސްލުގެ ހުރިހާ އަންހެނުންނަށް ލިބުނު ހިތްވަރެއް ކަމަށެވެ.

އޭނާގެ ބޮލުގައި ތާޖު އަޅުވައިދިނީ މިދިޔަ އަހަރުގެ މިސް ޔުނިވާސް، ފިލިޕީންސްގެ ރީތީގެ ރާނީ ކެޓްރިއޯނާ ގްރޭ އެވެ.

"މިއީ އަހަރެމެން މިހާރު މި އުޅޭ ދުނިޔޭގައި ބަދަލަކަށް އެޅުނު އިތުރު ފިޔަވަޅެއް. މީހާގެ ކުލަ އާއި އިސްތަށިގަނޑު ހުންނަ ގޮތާއި ނަސްލަކީ ތަފާތުކުރުންތައް އޮވެގެން ވާނެ ކަމެއް ނޫން،" ތަންޒީ ބުންޏެވެ. "އަހަންނަށް ހަމަ ޔަގީން އަހަންނަށް މި މަގާމު ލިބުންވެގެން ދާނީ އަހަރެން އެކަހަލަ އެތައް އަންހެން ކުދިންނަށް އުންމީދުތައް އާކޮށްދޭނެ ކަމަކަށް."

މިއީ މިސް ޔުނިވާސްގެ މަގާމު ދެކުނު އެފްރިކާގެ ރީތީގެ ރާނީއަކަށް ލިބުނު ތިން ވަނަ ފަހަރެވެ. އެންމެ ފަހުން އެ ގައުމަށް އެ މަގާމު ލިބުނީ 2017 ގަ އެވެ.

މި އަހަރުގެ މިސް ޔުނިވާސްގެ ދެވަނަ ގެންދިޔައީ ޕޯޓެރިކޯގެ ރީތީގެ ރާނީ މެޑިސަން އެންޑަސަން، 24، އެވެ. ތިން ވަނަ ލިބުނީ މެކްސިކޯގެ ސޯފިއާ އެރޮގޯން، 25، އަށެވެ.

މިސް ޔުނިވާސް އަށް ފަހު ދެން މި މަހު އޮންނަ އެންމެ ކުލަގަދަ ހަފުލާއަކަށް ވާނީ މި މަހުގެ 14 ވަނަ ދުވަހު ބާއްވާ 69 ވަނަ މިސް ވޯލްޑް މުބާރާތެވެ. މި ފަހަރުގެ ހަފުލާ އޮންނާނީ މިސް ވޯލްޑް އުފަންވި އިނގިރޭސިވިލާތުގަ އެވެ.