Roadha Mihaaru
އެތުލެޓިކްސްގެ ވާދަވެރި ގްރޯން ޕްރީ ހަފުތާ ބަންދުގައި

އެތުލެޓިކްސްގެ އެންމެ ވާދަވެރި މުބާރާތް ގްރޯން ޕްރީ ހަފުތާ ބަންދަށް

13 ޑިސެމްބަރ 2021

އެތުލެޓިކްސްގެ އެންމެ ވާދަވެރި މުބާރާތް، ގްރޯން ޕްރީ މި ހަފުތާ ބަންދުގައި ބާއްވަން އެތުލެޓިކްސް އެސޯސިއޭޝަނުން އިއުލާންކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އެތުލެޓިކްސްގެ އެންމެ ވާދަވެރި މުބާރާތް، ގްރޯން ޕްރީ މި ހަފުތާ ބަންދުގައި ބާއްވަން އެތުލެޓިކްސް އެސޯސިއޭޝަނުން އިއުލާންކޮށްފި އެވެ.

ގްރޯން ޕްރީ މުބާރާތް ހާއްސަކޮށްފައި ވަނީ ރާއްޖޭގައި ބާއްވާ ހުރިހާ މުބާރާތްތަކުން މެޑަލް ހޯދި އެތުލީޓުންގެ ތެރެއިން އެންމެ މޮޅު އަށް އެތުލީޓުންގެ މެދުގަ އެވެ. ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރާއި މި އަހަރު އަދި މިހާތަނަށް ބޭއްވީ އެތުލެޓިކްސްގެ އެންމެ މުބާރާތެކެވެ. އެއީ މިދިޔަ މަހު ބޭއްވި ގައުމީ މުބާރާތެވެ.

ގައުމީ މުބާރާތުގައި ބޭއްވި ޓްރެކް އިވެންޓްތަކުގެ ތެރެއިން 5،000 މީޓަރު އިވެންޓްގެ ބަދަލުގައި ގްރޯން ޕްރީ މުބާރާތުގައި ހިމަނާފައި ވަނީ 3،000 މީޓަރެވެ.

އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަހްމަދު މުންތަގިމް ވިދާޅުވިގޮތުގައި ގްރޯން ޕްރީގެ 3،000 މީޓަރުގައި ވާދަކުރާނީ ގައުމީ މުބާރާތުގެ 5،000 މީޓަރުން އެންމެ ރަނގަޅު ނަތީޖާ ހޯދި އެތުލީޓުންނެވެ.

ފީލްޑް އިވެންޓްތަކުގެ ތެރެއިން ހިމަނާފައި ވަނީ ލޯންގް ޖަމްޕް އެކަންޏެވެ. ތުރޯއިންގެ އެއްވެސް އިވެންޓެއް ގްރޯން ޕްރީގައި ހިމަނައިފައެއް ނުވެ އެވެ. ތުރޯއިންގެ އިވެންޓްތައް ނެތުމުން ތުރޯއިންގައި ވާދަކުރި ބައެއް އެތުލީޓުން އެކަމުގެ ކަންބޮޑުވުން ފާޅުކުރި އެވެ.

އެންމެ ފަހުން ބޭއްވި ގްރޯން ޕްރީގެ އެންމެ މޮޅު އަންހެން އެތުލީޓަކީ އައިޝަތު ހަމްނާ ހަސަން އެވެ. ގައުމީ މުބާރާތުގެ އެންމެ މޮޅު އަންހެން އެތުލީޓްގެ މަގާމު ހޯދީ އޭނާ އެވެ. އެންމެ މޮޅު ފިރިހެން އެތުލީޓަކީ ހުސައިން ފަޒީލް ހާރޫން (ފްލޭޝް) އެވެ. ގިނަ ދުވަސްތަކެއް ވަންދެން އަނިޔާގައި ހުރުމަށް ފަހު މިދޔަ މަހު ބޭއްވި ގައުމީ މުބާރާތުގައި އޭނާ އަށް އެއްވެސް ރަން މެޑަލެއް ނުލިބެ އެވެ.

އެންމެ ފަހުގެ ގައުމީ މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ މާލޭ ކުޅިވަރު އެކުވެނީގެ ސިންތެޓިކް ޓްރެކުގަ އެވެ. ގްރޯން ޕްރީ މުބާރާތް ބާއްވާނީ ހުޅުމާލޭ ދުވާ ޓްރެކްގަ އެވެ.

ގްރޯން ޕްރީ މުބާރާތުގައި ވާދަކުރާ ކެޓެގަރީތައް

- 100 މީޓަރު ސްޕްރިންޓް އަންހެން / ފިރިހެން

- 200 މީޓަރު ސްޕްރިންޓް އަންހެން / ފިރިހެން

- 400 މީޓަރު ސްޕްރިންޓް އަންހެން / ފިރިހެން

- 800 މީޓަރު މިޑްލް ޑިސްޓެންސް، އަންހެން / ފިރިހެން

- 1،500 މީޓަރު މިޑްލް ޑިސްޓެންސް، އަންހެން / ފިރިހެން

- 3،000 މީޓަރު މިޑްލް ޑިސްޓެންސް، އަންހެން / ފިރިހެން

- ލޯންގް ޖަމްޕް، އަންހެން / ފިރިހެން