Roadha Mihaaru
މުގުރާލަން އުނދަގޫ 100 މީޓަރުގެ ރެކޯޑް ރޫޔާ އަށް

އިތުރު 21 އަހަރު މަޑުކުރާކަށް ނުޖެހުނެ، އުނދަގޫ 100 މީޓަރުގެ ރެކޯޑް ރޫޔާ މުގުރާލައިފި

05 މެއި 2024

އެ ރެކޯޑެއް މުގުރާލުމުގައި މީގެ ކުރިން 21 އަހަރުގެ ދިގު މުއްދަތެއް ހޭދަވި ރާއްޖޭގެ އަންހެނުންގެ 100 މީޓަރުގެ ރެކޯޑް މުގުރާލިތާ ދެ އަހަރު ވެސް ނުވަނީސް މަރްޔަމް ރޫޔާ އަލީ، އެ ރެކޯޑް އިއްޔެ މުގުރާލައިފި އެވެ.

އެ ރެކޯޑެއް މުގުރާލުމުގައި މީގެ ކުރިން 21 އަހަރުގެ ދިގު މުއްދަތެއް ހޭދަވި ރާއްޖޭގެ އަންހެނުންގެ 100 މީޓަރުގެ ރެކޯޑް މުގުރާލިތާ ދެ އަހަރު ވެސް ނުވަނީސް މަރްޔަމް ރޫޔާ އަލީ، އެ ރެކޯޑް އިއްޔެ މުގުރާލައިފި އެވެ.

ޖަމައިކާގައި މިހާރު ކުރިއަށްދާ އެ ގައުމުގެ އެތުލެޓިކްސް އެޑްމިނިސްޓްރޭޓިވް އެސޯސިއޭޝަންގެ ކަމާސް މީޓްގައި އިއްޔެ ވާދަކޮށް، ރޫޔާ އެ ރެކޯޑް މުގުރާލުމާ ހަމައަށް، އެ ރެކޯޑް އޮތީ 2022 ގައި ރެކޯޑް ހެދި އާއިޝަތު ހިމްނާ އަތުގަ އެވެ.

އޯގަސްޓް 2022 ގައި އިނގިރޭސިވިލާތުގައި ބޭއްވި ކޮމަންވެލްތު ގޭމްސްގައި 12.17 ސިކުންތުން ރޭސް ނިންމައިގެން ހިމްނާ ހެދި ރެކޯޑަށް، އެއް އަހަރާއި 10 މަސް ފަހުން ރޫޔާ ނިމުން ގެނައީ 12.02 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ހިމްނާ އެ ރެކޯޑް މުގުރާލުމުގެ ކުރިން، 21 އަހަރުގެ ދިގު މުއްދަތަކަށް، ރާއްޖޭގެ އެންމެ ކާމިޔާބު އަންހެން ދުވުންތެރިޔާ ޝަމްހާ އަހްމަދު އެ ރެކޯޑް ދެމެހެއްޓި އެވެ. ކެނެޑާގެ އެޑްމޮންޓަންގައި 2001 ގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުގައި ވާދަކޮށް ޝަމްހާ ރޭސް ނިންމީ 12.27 ސިކުންތުންނެވެ.

އެހެން އެތުލީޓަކަށް، 21 އަހަރު ވަންދެން މުގުރާނުލެވި އޮތް ރެކޯޑެއް އޮތުމަކީ ރާއްޖޭގެ އެތުލެޓިކްސް ކުރިއަރަން ޖެހޭ މިންވަރަށް ކުރިނާރައި އޮތް ސަބަބެއް ކަމަށް، އެތުލެޓިކްސްގެ ތަޖުރިބާކާރަކު 2022 ގައި ބުންޏެވެ.

މީގެ ކުރިން، "މިހާރު" އަށް ދިން އިންޓަވިއުގައި ޝަމްހާ ވެސް ބުނީ 2001 ގައި އޭނާ ހެދި ރެކޯޑެއް އެހެން ދުވުންތެރިޔަކަށް މުގުރާނުލެވި އެހާ ދިގު މުއްދަތެއް ފާއިތުވެ ދިއުމުން ހައިރާންވި ކަމަށެވެ.

"އަޅުގަނޑު ހިތައް އެރި އެ ރެކޯޑް މުގުރާލަން އެހާ ދިގު މުއްދަތެއް ނެގީ

ކީއްވެބާއޭ؟ ރާއްޖޭގެ އެތުލެޓިކްސްގައި ރަނގަޅު ކޯޗިންނެއް ނެތީމަ ވާގޮތޭ އަޅުގަނޑު ހިތައް އެރީ،" މިދިޔަ އަހަރު ޖެނުއަރީ މަހު "މިހާރު" އަށް ދިން އިންޓަވިއުގައި ޝަމްހާ ބުނެފައި ވެއެވެ.

ރޫޔާ، މިއަދު 100 މީޓަރުގެ ރެކޯޑް މުގުރާލުމާ އެކު އެ އިވެންޓްގެ ދެ ކެޓަގަރީއެއްގެ ރެކޯޑް އޭނާ އަތުގައި މިހާރު އެބައޮތެވެ. ރާއްޖޭގެ އަންހެން ޖޫނިއާ 100 މީޓަރުގެ ރެކޯޑް ވެސް އޮތީ އޭނާގެ އަތުގަ އެވެ.

ޖަމައިކާގެ މުބާރާތުގައި ވާދަ ކުރި އެހެން ދެ ދުވުންތެރިޔަކު ވެސް ވަނީ ޖޫނިއާ ގައުމީ ރެކޯޑް މުގުރާލައިފަ އެވެ.

މުހައްމަދު މިންހާލް ވަނީ މީގެ ކުރިން ވެސް އޭނާ ދެމެހެއްޓި، ފިރިހެނުންގެ ޖޫނިއާ 100 މީޓަރުގެ ރެކޯޑް އިއްޔެ އާ އެވެ.

ޗައިނާގައި މިދިޔަ އަހަރު ބޭއްވި އޭޝިއަން ގޭމްސްގައި 10.82 ސިކުންތުން އޭނާ ހެދި ރެކޯޑް އިއްޔެ މުގުރާލީ 10.73 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ހަމަ، މިދިޔަ އަހަރުގެ އޭޝިއަން ގޭމްސްގައި އަހުނާ ނިޒާރު، 25.66 ސިކުންތުން ނިންމި އަންހެނުންގެ 200 މީޓަރުގެ ޔޫތު ރެކޯޑް، އިއްޔެ ޒިވާ މޫސާ ޝަފީއު މުގުރާލީ 25.60 ސިކުންތުންނެވެ. -