Roadha Mihaaru
އުފަން ދުވަހު، ފަސޫހާ ގައުމީ ރެކޯޑް މުގުރާލައިފި

އުފަން ދުވަހު، ފަސޫހާ 800 މީޓަރުގެ ރެކޯޑް މުގުރާލައިފި

13 ޖޫން 2024

މިޑްލް ޑިސްޓެންސް ދުވުމުގައި އަރަމުން އަންނަ ރާއްޖޭގެ ޒުވާން އަންހެން ދުވުންތެރިޔާ ފަސޫހާ އަހުމަދު, މިއަހަރު ފުރަތަމަ ފަހަރަށް 800 މީޓަރު ދުވުމުން ގައުމީ ރެކޯޑް އާކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މިޑްލް ޑިސްޓެންސް ދުވުމުގައި އަރަމުން އަންނަ ރާއްޖޭގެ ޒުވާން އަންހެން ދުވުންތެރިޔާ ފަސޫހާ އަހުމަދު, މިއަހަރު ފުރަތަމަ ފަހަރަށް 800 މީޓަރު ދުވުމުން ގައުމީ ރެކޯޑް އާކޮށްފި އެވެ.

މިދިޔަ އަހަރުގެ ރާއްޖޭގެ ގައުމީ ގްރޯން ޕްރީގެ އެއްވަނަ އަންހެން އެތުލީޓް ރެކޯޑް އާކޮށްފައި ވަނީ އިއްޔެ، އޭނާގެ އުފަންދުވަހު، އިންޑިއާގެ ބެންގަލޫރުގެ ކަންތީރަވާ ސްޓޭޑިއަމްގައި ކުރިއަށް ގެންދިޔަ އިންޑިއަން ގްރޯން ޕްރީ 3 ގަ އެވެ. ފަސޫހާ އަށް މި ފުރުނީ 21 އަހަރެވެ.

ފަސޫހާ ވަނީ އިންޑިއަން ގްރޯން ޕްރީގެ 800 މީޓަރު ދުވުމުގައި, 2 މިނިޓް 14.53 ސިކުންތުން ރޭސް ފުރިހަމަކޮށް، ހަތަރު ވަނައިގައި ނިންމައިގެން, އޭނާ އަތުގައި އޮތް ރެކޯޑް އާކޮށްފަ އެވެ. އެންމެ ފަހުން ރެކޯޑް ހެދީ މިދިޔަ އަހަރު އޮތް ގައުމީ ގްރޯން ޕްރީގައި 2 މިނިޓް 19.73 ސިކުންތުން ދުވެގެންނެވެ.

އަންހެނުންގެ 800 މީޓަރު ދުވުމުން ފަސޫހާ އެންމެ ފުރަތަމަ ރެކޯޑް ހެދީ މިދިޔަ އަހަރުގެ މެއި މަހު އޮތް ގައުމީ ޓައިމް ޓްރަޔަލްގައި, 13 އަހަރުވީ ރެކޯޑެއް މުގުރާލައިގެންނެވެ. އޭނާ ރެކޯޑް މުގުރާލީ 2 މިނިޓް 27.92 ސިކުންތުން ދުވެގެންނެވެ.

އެއަށް ފަހު މިދިޔަ އަހަރު ފަސޫހާ ވަނީ ބޮޑެތި ކުރިއެރުންތަކާ އެކު ތިން ފަހަރު މަތިން ރެކޯޑް އާކޮށްފަ އެވެ. ޖުލައި މަހު ބޭއްވި ޓައިމް ޓްރަޔަލްގައި ފުރަތަމަ ފަހަރަށް ރެކޯޑް އާކުރީ 2 މިނިޓް 21.83 ސިކުންތުން ދުވެގެންނެވެ. މިއާ އެކު މިދިޔަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ނެގި ގައުމީ ސްކޮޑުން އޭނާ އަށް ފުރުސަތު ލިބުނެވެ. އެއީ ގައުމީ ސްކޮޑުން އޭނާ އަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ފަހު އޮކްޓޫބަރު މަހު ޗައިނާގައި އޮތް އޭޝިއަން ގޭމްސްގައި ވާދަކޮށް 2 މިނިޓް 20.66 ސިކުންތުން ދުވެގެން ފަސޫހާ ތިންވަނަ ފަހަރަށް 800 މީޓަރުގެ ރެކޯޑް އާކުރި އެވެ. އެއަށް ފަހު އަހަރު ނިންމާލީ ގައުމީ ގްރޯން ޕްރީގައި ރެކޯޑް އާކޮށްގެން އެންމެ މޮޅު އަންހެން އެތުލީޓުގެ އެވޯޑާ އެކު އެވެ.

މި އަހަރުގެ މާޗު މަހު ބޭއްވި 11 ވަނަ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު ވެސް ހޯދީ ފަސޫހާ އެވެ.