Roadha Mihaaru
ސަލްމާނާއި ރަންބީރް ވެސް ކެޓްރީނާ އަށް ހަދިޔާދިން

ސަލްމާނާއި ރަންބީރް ކެޓްރީނާގެ ކައިވެނީގައި ހަދިޔާ ދިން

18 ޑިސެމްބަރ 2021

މިދިޔަ ހަފުތާގައި އެކްޓަރު ވިކީ ކޯޝަލާ ކައިވެނިކުރި ބަތަލާ ކެޓްރީނާ ކައިފަށް ކުރީގެ ދެ ލޯބިވެރިން ކަމަށްވާ ސަލްމާން ޚާނާއި ރަންބީރް ކަޕޫރް ފަރާތުން ވެސް ކައިވެނީ ހަދިޔާ ލިބުނު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ ހަފުތާގައި އެކްޓަރު ވިކީ ކޯޝަލާ ކައިވެނިކުރި ބަތަލާ ކެޓްރީނާ ކައިފަށް ކުރީގެ ދެ ލޯބިވެރިން ކަމަށްވާ ސަލްމާން ޚާނާއި ރަންބީރް ކަޕޫރް ފަރާތުން ވެސް ކައިވެނީ ހަދިޔާ ލިބުނު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގަގއި ކެޓްރީނާ އެންމެ ފުރަތަމަ ސީރީސް ލޯބީގެ ގުޅުމެއް ބޭއްވި ސަލްމާންގެ ފަރާތުން ހަދިޔާއަކަށް ލިބުނީ 3 ކްރޯޑް ރުޕީސްގެ ރޭންޖް ރޯވާއެކެވެ. އަދި ސަލްމާނާ ވަކިވުމަށް ފަހު، ރައްޓެހިވި ރަންބީރްގެ ފަރާތުން ހަދިޔާއަކަށް ލިބުނީ 2.7 ކްރޯޑްގެ ޖަވާހިރު ނެކްލެސްއެއް ކަމަށް މީޑިއާތަކުން ބުންޏެވެ.

ކެޓްރީނާ އަށް ކައިވެނީގެ ހަދިޔާ ކުރީގެ ދެ ލޯބިވެރިންގެ ފަރާތުން ލިބުނަސް، މި މަހުގެ 9 ގައި ރާޖަސްތާނުގައި ބޭއްވި ކުލަގަދަ ކައިވެނީގެ ހަފުލާގައި ސަލްމާނާއި ރަންބީރް ވެސް ބައިވެރިއެއް ނުވެ އެވެ.

ވިކީއާ ކައިވެނިކިރި އިރު، ކެޓްރީނާ އޮތީ ސަލްމާނާ އެކު "ޓައިގާ" ސީރިޒްގެ ތިން ވަނަ ފިލްމުގެ މަސައްކަތް ވެސް ފަށައިފަ އެވެ. އެހެންވެ އޭގެ ޝޫޓިން އަށް އޭނާ އަލުން ވަރަށް އަވަހަށް ނުކުންނަން ފަށާނެ އެވެ.

ސަލްމާނަކީ ކެޓްރީނާ 2003 ގައި ބޮލީވުޑަށް ނުކުތްތާ ކައިރީގައި ރައްޓެހިވި މީހެކެވެ. އަދި 2011 ހަމައަށް ވަރަށް ސީރިއަސްކޮށް ރައްޓެހިވެގެން އުޅުނެވެ. ފާހަގަކޮށްލެވޭ ކަމަކީ އެހާ ދުވަސް ފަހުން ދެ ތަރިންގެ ލޯބީގެ ގުޅުން ނިމުނަސް، ޕްރޮފެޝަނަލް ގުޅުމަށް އެއްވެސް ބުރުލެއް ނާރާކަމެވެ.

ސަލްމާނާއި ކެޓްރީނާ ވަކިވި ފަހުން އެކީގައި ފެނިގެން ދިޔަ ފުރަތަމަ ފިލްމަކީ 2012 ގެ "އޭކް ތަ ޓައިގާ" އެވެ. އޭގެ ފަހުން އޭގެ ދެވަނަ ބައި 2017 ގެ "ޓައިގާ ޒިންދާ ހޭ" އާއި 2019 ގެ "ބާރަތު" ވެސް ކުޅެފައިވެ އެވެ. މިހާރު އެކީގައި "ޓައިގާ 3" ގެ މަސައްކަތްކުރާ އިރު، އޭގެ ޝޫޓިން ޝެޑިއުލްތަކެއް މި އަހަރުގެ ތެރޭގައި ރަޝިއާ އާއި ތުރުކީ އަދި އޮސްޓްރިއާގައި ކުރިއަށް ގެންގޮސްފައިވެ އެވެ.

ކެޓްރީނާ އާއި ރަންބީރް 2011 ގައި ރައްޓެހިވުމަށް ފަހު 2016 އާ ހަމައަށް އެ ގުޅުމުގެ މަތީގައި ދެމިތިއްބެވެ. ދެ ތަރިން އެކީގައި ކުޅުނު ފިލްމުތަކުގެ ތެރޭގައި 2009 ގެ "އަޖަބް ޕްރޭމް ކީ ގަޒަބި ކަހާނީ" އާއި 2011 ގެ "ރާޖްނީތީ" އަދި 2016 ގެ "ޖައްގާ ޖާސޫސް" ހިމެނެ އެވެ.

ކެޓްރީނާ އާއި ވިކީ ރައްޓެހިވީ 2019 ގަ އެވެ. ރަންބީރް 2018 އިން ފެށިގެން ރައްޓެހިވެގެން އުޅެނީ އާލިއާ ބަޓާ އެވެ.