Roadha Mihaaru
ބޫސްޓަ ޑޯޒު ލިބުނުއިރު ސިރިންޖެއް ނެތް!

ބޫސްޓަ ޑޯޒު ލިބުނުއިރު ސިރިންޖެއް ނެތް!

19 ޑިސެމްބަރ 2021

ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ބޫސްޓާ ޑޯޒް ޖެހުމަށް ބޭނުންވާ ފައިޒާ ވެކްސިން ލިބިފައި ވިޔަސް އެ ވެކްސިން ޖެހުމަށް ބޭނުންވާ ހާއްސަ ސިރިންޖް ޝިޕްމަންޓް އަދި ނުލިބޭތީ އާއްމުކޮށް ވެކްސިން ޖަހަން ފެށޭނެ ދުވަހެއް ނޭނގޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ބޫސްޓާ ޑޯޒް ޖެހުމަށް ބޭނުންވާ ފައިޒާ ވެކްސިން ލިބިފައި ވިޔަސް އެ ވެކްސިން ޖެހުމަށް ބޭނުންވާ ހާއްސަ ސިރިންޖް ޝިޕްމަންޓް އަދި ނުލިބޭތީ އާއްމުކޮށް ވެކްސިން ޖަހަން ފެށޭނެ ދުވަހެއް ނޭނގޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

ބޫސްޓަ ޑޯޒުގެ ގޮތުގައި، ކޮވެކްސް ފެސިލިޓީގެ ދަށުން އެމެރިކާއިން އިން ވަނީ ފައިޒާގެ 100،620 ޑޯޒު ރާއްޖެ އަށް ހަދިޔާކޮށްފަ އެވެ.

ކޮވިޑުގެ ބޫސްޓާ ޑޯޒު މި ވަގުތު ޖަހަމުން އަންނަނީ ސިއްހީ ދާއިރާ އާއި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މީހުންނަށެވެ. އަދި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ އަދި އެއާޕޯޓްގެ ޕްރޮންޓްލައިން މުވައްޒަފުންނަށް ވެސް ޖަހައިދެ އެވެ.

އެޗްޕީއޭ އިން ކުރިން ބުނެފައި އޮތީ އިތުރު ކެޓަގަރީތަކަށް މި މަހުގެ މެދު ތެރޭގައި ބޫސްޓަ ޑޯޒު ޖަހަން ފަށާނެ ކަމަށެވެ.

އެކަމަކު އެޗްޕީއޭ އިން މިއަދު ބުނީ މި ތާރީހުގައި ބޫސްޓަ ޑޯޒު ޖަހަން ނުފެށި ލަސްވެދާނެ ކަމަށެވެ. އެއީ، ސިރިންޖުގެ ދަތިކަން ކުރިމަތިވެގެންނެވެ. މިއީ ރާއްޖެއަށް އެކަނި ކުރިމަތިވި ދައްޗެއް ނޫން ކަަމަށާއި މުޅި ދުނިޔެއަށް ވެސް ސިރިންޖުގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

"ސިރިންޖް ލިބި އެހެން ތައްޔާރީތައް ނިމުމުން ވެކްސިން ޖަހާނެ ތާރީހެއް އިއުލާންކުރެވޭނެ،" އެޗްޕީއޭ އިން ބުންޏެވެ.

ރާއްޖެއިން މިހާތަނަށް 22،093 މީހަކު ބޫސްޓާ ޑޯޒް ޖަހާފައިވާއިރު މިވަގުތު ބޫސްޓާ ޑޯޒް ޖަހައިދެނީ ހުޅުމާލޭ ހޮސްޕިޓަލާއި އައިޖީއެމްއެޗް އަދި ދަމަނަވެށިންނެވެ. މި ހުރިހާ ތަނަކުން ވެސް ފައިޒާގެ ބޫސްޓާ ޑޯޒް ޖަހައިދެނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ.