Roadha Mihaaru
30،000 ކުއްޖަކަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފި

40،000 ދަރިވަރުންގެ ތެރެއިން 30،000 ކުދިން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފި

25 އޯގަސްޓް 2021

ކޮވިޑުން ދިފާއުވުމުގެ ވެކްސިންގެ ފުރަތަމަ ޑޯޒް، އުމުރުން 12-17 އަހަރާ ދެމެދުގެ 30،000 އަށް ވުރެ ގިނަ ދަރިވަރުންނަށް ދީފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިރޭ ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކޮވިޑުން ދިފާއުވުމުގެ ވެކްސިންގެ ފުރަތަމަ ޑޯޒް، އުމުރުން 12-17 އަހަރާ ދެމެދުގެ 30،000 އަށް ވުރެ ގިނަ ދަރިވަރުންނަށް ދީފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިރޭ ބުނެފި އެވެ.

އެ އުމުރުފުރާގެ ކުދިންނަށް ފައިޒާ ވެކްސިން ދެމުން އަންނައިރު، އެޑިއުކޭޝަން މިނިސްޓްރީން ކުރިން ބުނެފައި ވަނީ ސްކޫލް ކުދިންނަށް ވެކްސިން ދިނުމުގެ ޕްރޮގުރާމުގެ ދަށުން 40،000 ދަރިވަރަކަށް ވެކްސިން ދެވޭނެ ކަމަށެވެ.

އެޑިއުކޭޝަނުން މިރޭ އާންމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، ރާއްޖޭގެ 181 ސްކޫލެއްގައި ހިންގަމުން އަންނަ ވެކްސިން ދިނުމުގެ ޕްރޮގުރާމްގެ ދަށުން މިއަދާ ހަމަ އަށް 30،109 ދަރިވަރަކު ވަނީ ފުރަތަމަ ޑޯޒް ޖަހައިފަ އެވެ.

ސްކޫލް ކުދިންނަށް ވެކްސިން ދޭން ފެށީ މި މަހު 15 ގަ އެވެ.

ސަރުކާރުން ނިންމާފައި ވަނީ 12 އަހަރުން މަތީގެ ހުރިހާ ކުދިން ކޮވިޑު ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރުމުން ސްކޫލުތަކުގައި އިތުރު ހަރަކާތްތައް އަލުން ފެށުމަށެވެ. އޭގެ އިތުރުން، ސްކޫލުތަކަށް ވަދެ، ނުކުމެވޭނީ ވެކްސިންގެ ޑޯޒުތައް ފުރިހަމަކޮށްފައިވާ މީހުންނަށް އެކަނި ކަމަށް ނިންމާފައި ވާތީ، ސްކޫލުތަކުގައި މަސައްކަތްކުރާ އެންމެން ވެސް އަންނަ މަސް ފެށުމުގެ ކުރިން ވެކްސިން ފުރިހަމަ ކުރަން ވަނީ އަންގައިފަ އެވެ.

ކޮވިޑް ބަލި ރާއްޖޭގައި ފެތުރެން ފެށިފަހުން، ފާއިތުވި ދޮޅު އަހަރު މާލެ ސަރަހައްދުގައި ކިޔަވައިދިނީ އޮންލައިންކޮށެވެ. ނަމަވެސް ބަލިޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެ، މި މަހުގެ 10 ވަނަ ދުވަހު ފެށި ދިރާސީ އާ އަހަރާ އެކު ހުރިހާ ދަރިވަރުން ސްކޫލަށް ހާޒިރުކޮށް ކިޔަވައިދޭން ވަނީ ފަށައިފަ އެވެ.

ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ޖަހަން ޖެހޭ އާބާދީގެ 300،000 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ ވެކްސިން ފުރިހަމަ ވެސް ކޮށްފަ އެވެ.