Roadha Mihaaru
ސްކޫލް ކުދިން ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށައިފި

ސްކޫލް ކުދިން ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށައިފި

07 ސެޕްޓެމްބަރ 2021

ކޮވިޑުން ދިފާއުވުމުގެ ވެކްސިންގެ ދެވަނަ ޑޯޒް، އުމުރުން 12-17 އަހަރާ ދެމެދުގެ ދަރިވަރުންނަށް ދޭން މިހާރު ފަށާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކޮވިޑުން ދިފާއުވުމުގެ ވެކްސިންގެ ދެވަނަ ޑޯޒް، އުމުރުން 12-17 އަހަރާ ދެމެދުގެ ދަރިވަރުންނަށް ދޭން މިހާރު ފަށާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެޑިއުކޭޝަންގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ދަރިވަރުންނަށް ދޭން ފަށާފައި ވަނީ އިއްޔެ ކަމަށެވެ.

އެ އުމުރުފުރާގެ ކުދިންނަށް ރާއްޖޭގައި ދެމުން އަންނަނީ ފައިޒާ ވެކްސިންނެވެ. ސްކޫލް ކުދިންނަށް ވެކްސިން ދޭން ފެށީ މިދިޔަ މަހު 15 ގަ އެވެ. ފައިޒާ ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ޖެހެނީ ފުރަތަމަ ޑޯޒް ޖަހާތާ ތިން ހަފުތާ ފަހުންނެވެ.

އެޑިއުކޭޝަނުން ބުނެފައި ވަނީ ސްކޫލް ކުދިންނަށް ވެކްސިން ދިނުމުގެ ޕްރޮގުރާމުގެ ދަށުން 40،000 ދަރިވަރަކަށް ވެކްސިން ދޭނެ ކަމަށެވެ.

ސަރުކާރުން ނިންމާފައި ވަނީ 12 އަހަރުން މަތީގެ ހުރިހާ ކުދިން ކޮވިޑު ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރުމުން ސްކޫލުތަކުގައި އިތުރު ހަރަކާތްތައް އަލުން ފެށުމަށެވެ.

މި މަހުން ފެށިގެން ވަނީ ސްކޫލުތަކަށް ވަދެ، ނުކުމެވޭނީ ވެކްސިންގެ ޑޯޒުތައް ފުރިހަމަކޮށްފައިވާ މީހުންނަށް އެކަނި ކަމަށް ނިންމައިފަ އެވެ.

ކޮވިޑް ބަލި ރާއްޖޭގައި ފެތުރެން ފެށި ފަހުން، ފާއިތުވި ދޮޅު އަހަރު މާލެ ސަރަހައްދުގައި ކިޔަވައިދިނީ އޮންލައިންކޮށެވެ. ނަމަވެސް ބަލިޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެ، މިދިޔަ މަހުގެ 10 ވަނަ ދުވަހު ފެށި ދިރާސީ އާ އަހަރާ އެކު ހުރިހާ ދަރިވަރުން ސްކޫލަށް ހާޒިރުކޮށް ކިޔަވައިދޭން ވަނީ ފަށައިފަ އެވެ.

ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ޖަހަން ޖެހޭ އާބާދީގެ 300،000 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ ވެކްސިން ފުރިހަމަ ވެސް ކޮށްފަ އެވެ.