Roadha Mihaaru
އެމެރިކާ އާއި ވިލާތުގައި އޮމިކްރޯންގެ ބިރު ބޮޑުވަނީ

އެމެރިކާ އާއި ވިލާތުގައި އޮމިކްރޯންގެ ބިރު ބޮޑުވަނީ

19 ޑިސެމްބަރ 2021

މިހާރު ފެށިފައިވާ ފިނި މޫސުމުގައި، ކޮވިޑް ބަލިމަޑުކަން އިތުރަށް ފެތުރޭނެ ކަމަށް ޑޮކްޓަރުން އިންޒާރު ދީފައިވަނިކޮށް، ކޮވިޑް ޖައްސާ ވައިރަހުގެ ބާވަތްތަކުގެ ތެރެއިން އޮމިކްރޯން ކިޔާ ބާވަތުގެ ވައިރަހުގެ ސަބަބުން، އެމެރިކާ އާއި ވިލާތުގެ ގައުމުތަކުގައި ހާސްކަމާއި ނުތަނަވަސްކަން އިތުރުވާން ފަށައިފި އެވެ.

މިހާރު ފެށިފައިވާ ފިނި މޫސުމުގައި، ކޮވިޑް ބަލިމަޑުކަން އިތުރަށް ފެތުރޭނެ ކަމަށް ޑޮކްޓަރުން އިންޒާރު ދީފައިވަނިކޮށް، ކޮވިޑް ޖައްސާ ވައިރަހުގެ ބާވަތްތަކުގެ ތެރެއިން އޮމިކްރޯން ކިޔާ ބާވަތުގެ ވައިރަހުގެ ސަބަބުން، އެމެރިކާ އާއި ވިލާތުގެ ގައުމުތަކުގައި ހާސްކަމާއި ނުތަނަވަސްކަން އިތުރުވާން ފަށައިފި އެވެ.

އެމެރިކާގައި ކޮވިޑް ފެތުރެން ފެށިތާ ދެ އަހަރުވާން ކައިރިވެފައިވާ އިރު، ދުވާލަކު އަލަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު މިހާރު ވަނީ އަނެއްކާ ވެސް އިތުރުވާން ފަށައިފަ އެވެ. އެމެރިކާގެ ސިއްހީ އިދާރާތަކުން ބުނާ ގޮތުގައި މިހާރު އެ ގައުމުގައި އެންމެ ހަލުވިކޮށް ކޮވިޑް ފެތުރެމުން ދަނީ، އޮމިކްރޯން ބާވަތުގެ ކޮވިޑް ވެކްސިންގެ ސަބަބުންނެވެ.

އެމެރިކާގައި ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައިވަނީ، 45 ޕަސެންޓަށް އިތުރުވެފަ އެވެ. އަދި ދުވާލެއްގެ މައްޗަށް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވެސް 40 ޕަސެންޓުގައި ހުންނަތާ މިހާރު ވަނީ ހަފުތާއަކަށް ވުރެ ގިނަ ދުވަސްވެފަ އެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން، މިހާރު އެވްރެޖްކޮށް ދުވާލަކު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 123،000 އަށް ވުރެ ގިނަ އެވެ.

އެމެރިކާ އާއި ވިލާތުގެ ގައުމުތަކުގައި ކޮވިޑާ ދެކޮޅަށް އެންމެ ގިނައިން ބޭނުންކުރާ ވެކްސިން ކަމަށްވާ ފައިޒާ ވެކްސިން އުފެއްދި ފައިޒާ ކުންފުނިން ބުނާ ގޮތުގައި، ކޮވިޑް ވަބާގެ ނުރައްކާތެރިކަން 2024 ވަނަ އަހަރުގެ ނިޔަލަށް ދެމިއޮންނާނެ ކަމަށް ލަފާކުރެވެ އެވެ. އޭގެ އިތުރުން، ކުޑަކުދިންނަށް ދިނުމަށް އެ ކުންފުނިން އުފެއްދި ކޮވިޑް ވެކްސިނުން، ކުޑަކުދިންގެ ހަށިގަނޑުގައި ކޮވިޑްގެ ދިފާއު އުފައްދައިދޭ މިންވަރު، ކުރިން އަންދާޒާ ކުރި ވަރަށް ވުރެ ދަށްކަން ފާހަގަކުރެވިފައިވާތީ، އެ ވެކްސިން އާންމުކޮށް ބޭނުންކުރުމުގެ ހުއްދަ ލިބޭނެ ދުވަހެއް އަދި ނޭނގެ އެވެ.

އެމެރިކާގައި ކޮވިޑް ފެތުރުން އިތުރުވަމުން ދާތީ، އެ ގައުމުގައި ކުރިއަށް ދިޔަ ބައެއް ކުޅިވަރު މުބާރާތްތައް ވެސް މިހާރު ވަނީ މެދުކަނޑާލައިފަ އެވެ. އެގޮތުން ނޭޝަނަލް ފުޓްބޯލް ލީގުގައި ވާދަކުރާ ބައެއް ޓީމުތަކުގެ ގިނަ އަދަދެއްގެ ކުޅުންތެރިން ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ، އެ މުބާރާތް ވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ. އަދި ނޭޝަނަލް ހޮކީ ލީގުގެ ބައެއް މެޗްތައް ވެސް ވަނީ ފަސްކޮށްފަ އެވެ.

އެމެރިކާގައި މިހާތަނަށް އެންމެ ގިނަ ބަޔަކަށް ކޮވިޑް ޖެހިފައިވަނީ ޑެލްޓާ ބާވަތުގެ ކޮވިޑް ވައިރަހުން ކަމުގައި ވިޔަސް، ސިއްހީ ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި، އޮމިކްރޯން ބާވަތުގެ ކޮވިޑް ވައިރަސް ފެތުރެމުންދާ ހަލުވިމިނަށް ބަލާއިރު، ދެން އެ ގައުމުގައި އެންމެ ގިނަ ބަޔަކަށް ކޮވިޑް ޖައްސާނީ އޮމިކްރޯނުން ކަމަށް ބެލެވެ އެވެ.

އެމެރިކާގެ އިތުރުން ވިލާތުގެ ގައުމުތަކުގައި ވެސް މިހާރު އޮމިކްރޯން ބާވަތުގެ ވައިރަސް ފެތުރޭ މިންވަރު އިތުރުވެފައިވާތީ، އެ ގައުމުތަކުން ވެސް އަންނަނީ ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ. ޖަރުމަން ވިލާތުން މިހާރު ވަނީ، އޮމިކްރޯން ބާވަތުގެ ވައިރަސް އެންމެ ބޮޑަށް ފެތުރޭ ވިލާތުގެ ގައުމު ކަމަށްވާ އިނގިރޭސި ވިލާތުން އަންނަ ޖަރުމަން ނޫން ގައުމުތަކުގެ ދަތުރުވެރިން ޖަރުމަނަށް އެތެރެވުން މަނާކޮށްފަ އެވެ.

ޖަރުމަންގެ މީހަކު އިނގިރޭސި ވިލާތުން އަންނަ އިރު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ހުއްޓަސް، ކޮވިޑްގެ ނެގެޓިވް ނަތީޖާއަކާ އެކުގައި ނޫނީ، ޖަރުމަނަށް އެތެރެނުވެވޭނެ އެވެ. ނެގެޓިވް ނަތީޖާއަކާ އެކުގައި އެތެރެ ވިޔަސް، ދެ ހަފުތާގެ މުއްދަތަށް ކަރަންޓީނުވާންޖެހެ އެވެ.