މިހާރު އިގްތިސާދީ އަދި އިންސާނީ ބޮޑު ކާރިސާއެއްގެ ތެރޭގައި އޮތް އަފްގާނިސްތާނުގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން، އިސްލާމީ ގައުމުތަކުގެ ޖަމިއްޔާ (އޯއައިސީ) އިން އިއްޔެ ނިންމައިފި އެވެ.
މިހާރު އިގްތިސާދީ އަދި އިންސާނީ ބޮޑު ކާރިސާއެއްގެ ތެރޭގައި އޮތް އަފްގާނިސްތާނުގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން، އިސްލާމީ ގައުމުތަކުގެ ޖަމިއްޔާ (އޯއައިސީ) އިން އިއްޔެ ނިންމައިފި އެވެ.
މިދިޔަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު ތާލިބާން ޖަމާއަތުގެ ހަނގުރާމަވެރިން އެ ގައުމުގެ ވެރިކަން ވައްޓާލައި އާ ސަރުކާރެއް އުފެއްދުމާ ގުޅިގެން، ހުޅަނގުގެ ގައުމުތަކުގައި ހުރި އަފްގާނުގެ މަރުކަޒީ ބޭންކުގެ އެތައް ބިލިއަން ޑޮލަރެއް، އެ ގައުމުތަކުން ވަނީ ހިފަހައްޓައިފަ އެވެ. އޭގެ ސަބަބުން އަފްގާނު ސަރުކާރު މުވައްޒަފުންނަށް މުސާރަ ދެވޭނެ ގޮތެއް ނެތި، ބޭންކުތައް ބަންދުކުރަން ޖެހުމުން، އިގްތިސާދީ ގޮތުން ވަރަށް ބޮޑު ދަތިކަމެއް މިހާރު ވަނީ ކުރިމަތިވެފަ އެވެ.
ޕާކިސްތާނުގެ ވެރިރަށް ކަރާޗީގައި ބޭއްވި އޯއައިސީގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވީ އަފްގާނު ރައްޔިތުންނަށް ވަގުތުން ވަގުތަށް އެހީތެރިކަން ފޯރުކޮށްނުދީފި ނަމަ، ބޮޑު އިންސާނީ ކާރިސާއެއް އެ ގައުމުގައި އުފެދިދާނެ ކަމަށެވެ.
"އެއްވެސް ސަރުކާރަކަށް އެ ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ނުދެވޭ ނަމަ، ހޮސްޕިޓަލްތަކަށް ހަރަދު ނުކުރެވޭ ނަމަ، ޑޮކްޓަރުންނާއި ނަރުހުންނަށް މުސާރަ ނުދެވޭ ނަމަ، އެ ސަރުކާރެއް ދާދި އަވަހަށް ވެއްޓިދާނެ. އެކަމުގެ ސަބަބުން އުފެދޭ ބޮޑު ކާރިސާއިން އެއްވެސް ބަޔަކަށް މަންފާއެއް ނުކުރާނެ. އެކަމުން އެމެރިކާ ސަރުކާރަށް ވެސް މަންފާއެއް ނުކުރާނެ،" އަފްގާނުގެ ފައިސާތައް ހިފަހައްޓާފައިވާ އެމެރިކާ އަށް އިޝާރާތް ކުރައްވައި އިމްރާން ޚާން ވިދާޅުވި އެވެ.
ހާރިޖީ ވަޒީރުންގެ ބައްދަލުވުމަށް ފަހު ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން، އަފްގާނިސްތާނަށް އެހީތެރިވުމަށް އުފައްދަން ނިންމި ފަންޑުގެ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ތިން މަސް ތެރޭގައި، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުން ފަށައިގަންނާނެ އެވެ.
ހާރިޖީ ވަޒީރުންގެ މި ބައްދަލުވުމުގައި އަފްގާނިސްތާނުގެ ހާރިޖީ ވަޒީރު އާމިރު ހާން މުއްތަގީ ބައިވެރިވެވަޑައިގެންނެވި ނަމަވެސް، އޯއައިސީގެ ފަރާތުން ތާލިބާނުންގެ ސަރުކާރު ރަސްމީކޮށް ބަލައެއްނުގަނެ އެވެ. އަދި ބައްދަލުވުމުގެ ބައިވެރިން ނެންގެވި ރަސްމީ ފޮޓޯގައި ވެސް، އަފްގާނިސްތާނުގެ ހާރިޖީ ވަޒީރު ބައިވެރިއެއް ނުކުރެ އެވެ.
އަފްގާނުގެ ހާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި އަފްގާނު ސަރުކާރު އޯއައިސީން ބަލައިގަތުމުގެ ހައްގު، އަފްގާނު ސަރުކާރަށް ލިބިގެންވެ އެވެ. އަދި އަފްގާނުގައި މިހާރު އޮތް ސަރުކާރަކީ ބައިނަލްއަގުވާމީ ހުރިހާ ޖަމާއަތްތަކަށް އެއްބާރުލުން ދޭ ސަރުކާރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަފްގާނުގެ ފައިސާތައް ދޫކޮށްލާ: ކަރްޒާއީ
އެހީވުމަށް އެމެރިކާ އިން ތާލިބާނުންނާ މުއާމަލާތްކުރަނީ
އަހަރެމެން ފައިސާތައް ދޫކޮށްލަދީ: އަފްގާނު ރައްޔިތުން
ފައިސާތައް ދޫކޮށްދިނުމަށް އެދި ތާލިބާނުން އާދޭސް ކުރަނީ
އަފްގާން ރެފިއުޖީން އެ ގައުމުން ނެރެދިނުމަށް ގޮވާލައިފި
އަފްގާނުގައި އައިއެސް ފުޅާވާތީ އެމެރިކާ ކަންބޮޑުވޭ
އަފްގާނުގައި ބޭރު ފައިސާ ބޭނުންކުރުން މަނާކޮށްފި
ތާލިބާނުންގެ އިސް ވަފުދެއް ތުރުކީ އަށް
އެތައް އަހަރަކަށް ފަހު އަފްގާނަށް ހަމަޖެހުން
ފިއްތަންވީކީ ނޫން، އެހީތެރިވާންވީ: ތާލިބާނުން